08 އެޕްރީލް 2019 - 07:32

އަހަރެމެންގެ ހަށިގަނޑުގައި ފެނުގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ވެސް މައްޗެވެ. އެހެންވެ، ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށާއި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލުމަށްޓަކައި ފެން މަދު ވިޔަ ދީގެން ނުވާނެ އެވެ.
އެކަމަކު ބައެއް މީހުންނަށް، ފެން ބުއިމަކީ އާދަކޮށް ކުރެވޭ ކަމެއްނޫނެވެ. ބައެއް މީހުންނަށް ގިނައިން ފެން ނުބޮވެނީ އޭގެ ރަހަ އެހާ ކަމުނުދާތީ އެވެ. ނުވަތަ ކަރުހިއްކައިގެންފައި ހުންނަ ވަގުތެއްގައި ނޫނިއްޔާ ފެންބޯން ހަނދާން ނުހުންނަނީ އެވެ.
ތިރީގައި މިހިމަނާލަނީ ފެން ބޯން އާދަކުރަން ކުރެވިދާނެ ފަސޭހަ 5 ގޮތެކެވެ.
ހުސް ފެނުގެ ރަހައާ ގަޔާނުވާ ނަމަ ފެނުގެ ރަހަ މީރުކޮށްލަން މޭވާ ހިމެނިދާނެ އެވެ. ޖަގަކަށް ފިނިފެން އަޅާފައި ސްޓްރޯބެރީ، ލުނބޯ ނުވަތަ ކިއުކަމްބާ ފަދަ މޭވާ އާއި ތަރުކާރީ ހިމެނުމުން ގަޔާވާނެ އެވެ.
ފެން ބޮވޭ ވަރު ހަނދާން ބަހައްޓަން އުދަނގޫ މީހެއް ނަމަ ބޮވޭ ވަރު ނޯޓްކޮށްގެން ބެލެހެއްޓުމަކީ ފަށައިގަންނައިރު މުހިންމު ކަމެކެވެ. މިގޮތަށް ނޯޓްކުރަން ބުލެޓް ޖާނަލްއެއް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ފޯނަށް "ވޯޓަ ޓްރެކާ" އެއް އަޅާލައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.
ދެން މި ހިމަނާލަނީ ހިޔާރުކުރެވިދާނެ ބައެއް "ވޯޓަ ޓްރެކާ އާއި އޭގެ ކުރު ތަފްޞީލެކެވެ.
އެކުއާއެލާޓް (އެންޑްރޮއިޑް / އައިފޯން) : ދިއްލި ކުލަތަކުން އެކުލެވިފައިވާ މި އެޕުން ލޮގިން ވެފައި ފެން ބޮވޭ ވަރުގެ ހިސާބު ބެލެހެއްޓުމަކީ ފަސޭހަ އަދި ގަޔާވެގެން ކުރެވިދާނެ ކަމެކެވެ.
ޕްލޭންޓް ނެނީ(އައިފޯން): މި ލޯބިލޯބި އެޕްގައި ކުރަން ޖެހޭނެ ކަމަކީ ފެން ބޮވޭ ވަރު ހިސާބު ބަލަހައްޓައި، ހިޔާރުކުރާ ހައުސް ޕްލާންޓަކަށް އަޅާލުމެވެ. މި ޕްލާންޓް ކަރު ހިއްކައިގަންނައިރަށް ފެން ބޮއެ ނޯޓްކުރަން ހަނދާންކޮށްދޭނެ އެވެ.
އައިހައިޑްރޭޓް(އައިފޯން): މި އެޕަކީ އެމީހުން ބޭނުންގޮތަކަށް ބަދަލުކޮށްލެވޭނެ އެޕެކެވެ. ފެނުގެ އިތުރަށް ދެން ބޯ ދިޔާ އެއްޗެހީގައި ފެން ހިމެނޭ މިންވަރުގެ ހިސާބު ވެސް ބަލަހައްޓައިދޭނެ އެވެ. އަދި ފިޓްބިޓާއި ހެލްތުކިޓަށް ވެސް މި ހިސާބުތައް އަޅައިލަދޭނެ އެވެ.
ޑެއިލީ ވޯޓަ( އެންޑްރޮއިޑް/އައިފޯން : މި އެޕްގައި، ފެން ބޯން ބޭނުންވާ މިންވަރު އަމިއްލައަށް ނޯޓްކޮށްފައި ފަސޭހަކަމާއެކު ހިސާބު ބަލަހައްޓަމުން ގެންދަންވީ އެވެ.
ސައި އަދި ކޮފީ ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބުއިމުން، ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުވެގެންދެ އެވެ. މިހެންވެ މި ބޭރުވެގެންދާ ބައި އަނބުރާ ހޯދުމަކީ މުހިންމު ކަމެކެވެ. އަބަދުވެސް ކޮފީ ނުވަތަ ސައި ބުއިމުގެ ކުރިން ފެންތައްޓެއް ބޯލާށެވެ. މިގޮތުން ހަށިގަނޑުން ބޭރުވާބައި އަނބުރާ ހޯދުނީ އެވެ.
ބޮޑު ފުޅިއަކަށް ފެންއަޅާފައި، ދާ ކޮންމެ ތާކަށް ފެންފުޅި ވެސް ގެންދާށެވެ. އަދި ދުވަސް ނިމުމުގެ ކުރިން އެ ފުޅި ހުސްކޮށްލަން މަސައްކަތް ކުރަންވާނެ އެވެ. އޭރުން ބޮވޭ ވަރާއި ބާކީ ހުރި ވަރު ވެސް ހުންނާނީ ފެންނާށެވެ.
ކަރާ، އޮރެންޖް، މެލަން، ކިއުކަމްބާ، ލެޓިއުސް އަދި ޓޮމާޓޯ ފަދަ ގިނައިން ފެން އެކުލެވޭ ކާނާ އާދަކޮށް ކޮންމެ ދުވަހަކު ކާ ކެއުމުގައި ހިމަނާށެވެ.
ގިނައިން ފެންބުއިމުން ކިޑްނީގައި ހިލަ އުފެދުން ފަދަ ސިއްހީ ނުރައްކާތަކުން ތިމާ ސަލާމަތްވެ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވެގެންދެ އެވެ.