ލިވަޕޫލް އެއް ވަނަ އަށް އަރައިފި
ލިވަޕޫލް އެއް ވަނަ އަށް އަރައިފި

ސައުތުހެމްޓަން (އޭޕްރިލް 6) – ފަހަތުން އަރައި 3-1 އިން ސައުތުހެމްޓަން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

އިތުރަށް އެއް މެޗު ކުޅެގެން ލިވަޕޫލް އެއް ވަނަ އަށް އެރީ 82 ޕޮއިންޓާ އެކު އެވެ. މެންޗެސްޓާ ސިޓީ ދެ ވަނައިގައި އޮތީ 80 ޕޮއިންޓާ އެކު އެވެ. އެކަމަކު މި ހަފުތާގައި ސިޓީ ކުޅެން ޖެހޭ މެޗު މި މަހުގެ 24 އަށް ފަސްވެފައިވާތީ އެހާތަނަށް އެއް މެޗުގެ އެޑްވާންޓޭޖާ އެކު އެއް ވަނައިގައި ދެމި އޮތުމުގެ ފުރުސަތު އެބައޮތެވެ.

ސައުތުހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ޝޭން ލޯންގް ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް އެއްވަރުކޮށްދިނީ ނަބީ ކެއިޓާ އެވެ. ލިވަޕޫލަށް ލީޑު ނަގައިދިނީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ސަލާހެވެ. މިއީ އޭނާ އަށް މެޗުގެ މެދުކެނޑުމަކަށް ފަހު ޖެހި ފުރަތަމަ ގޯލެވެ. އަދި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ޖަހައިދިން 50 ވަނަ ގޯލެވެ. ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސައުތުހެމްޓަން އަކީ ވަރަށް އޯގަނައިޒް ޓީމެއް ކަމަށާއި މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. އެކަމަކު ރަށުން ބޭރުގައި 3-1 އިން މޮޅުވުމަކީ ފުރިހަމަ ނަތީޖާއެއް ކަމަށް ކްލޮޕް ދެކެ އެވެ.

ސަލާއާ ބެހޭގޮތުން ކްލޮޕް ބުނީ، ލަނޑު ނުޖެހި ދުވަސްތަކެއް ދިޔަ ނަމަވެސް އޭނާގެ ފެންވަރާ މެދު ސުވާލެއް ނުއުފެދޭ ކަމަށާއި އޭނާ އަކީ އަބަދުވެސް އެއް ފެންވަރެއްގައި ކުޅެމުން އައި ކުޅުންތެރިޔެއް ކަމަށެވެ. ރޭގެ ލަނޑާ އެކު ސަލާ ވެފައިވަނީ ލިވަޕޫލަށް ޕްރިމިއާ ލީގުގައި އެންމެ މަދު މެޗުން 50 ގޯލް ޖަހައިދިން ކުޅުންތެރިޔާ އަށެވެ.