06 އެޕްރީލް 2019 - 07:48

ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވައިފި.

ނަޝީދު: އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ހަވާލުކޮށްފައިވާ މަސައްކަތް އަކުރުން އަކުރަށް، ރަނުން ރަނަށް ފުއްދައި ދޭނަން. އެންމެ މުހިންމު ބޭނުމަކީ ރައީސްގެ ސަރުކާރު އޮމާންކަމާއި އަމާންކަމާ އެކު ކުރިއަށް ގެންދިއުން. ތިޔަ ދެއްވި ތާއީދާ އެކު އެ މަސައްކަތް ކޮށްދޭނަން.

ނަޝީދު: ތިޔަބޭފުޅުން އިންތިޚާބު ކުރެއްވީ ނަޒާހަތްތެރި މަޖިލިހެއް. ތިޔަބޭފުޅުން ބޭނުންވީ އާންމު ހާލަތު ރަނގަޅު ކުރަން. ބޭނުންވީ ބޯހިޔާވަހިކަން.

ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ރައީސް: މިއަދު ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. ރައްޔިތުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ މި ހަވާލުކުރި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަން ޖެހޭނެ ބަޔަކީ ނޫސްވެރިން. ފާރަވެރިވޭ. ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރި ނަމަވެސް ހާމަކުރައްވާ. ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު ފައިސާގައި ޖެހިއްޖެ ކަމުގައި ވަންޏާ ހާމަކުރައްވާ. މަޑުން ނުތިއްބަވައްޗޭ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ. އެކަން ކުރަން ހިތުލައިގެން ހުންނެވި ބޭފުޅެއް ވެއްޖިއްޔާ މިވަގުތު ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން. ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ އެދުމާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުން ނުވާ މީހަކަށް މި ސަރުކާރަކު ޖާގައެއް ނޯންނާނެ. މި ސަރުކާރުގައި ތިބެން ވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަމިއްލަ އެދުމަށް މަސައްކަތް ކުރުމުގެ ޖާގައެއް ހަމަހިލާ އަޅުގަނޑު ނުދޭނަން.

ރައީސް: މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެއްވެސް މީހަކު ބާކީ ނުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑުމެން މި ތިބީ އެކީގައި މަސައްކަތް ކުރަން. އަޅުގަނޑުމެން ވެރިކަމަށް އައި ގޮތް އަޅުގަނޑު މިއަދަކު ވެސް ހަނދާނެއް ނުނެތޭ. ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. ރައްޔިތުން އެދުނު އެދުން ތަންފީޒު ކުރުމަށް. އަޅުގަނޑު މިއަދު ވެސް މިހުރީ އެ ޓީމާ އެކީގައި އެ މަސައްކަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް. ކޮރަޕްޝަނާއި ވައްކަން މިދިޔަ ސަރުކާރުން ހިންގާފައި އޮތް ވަރު ބަލައި އެކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ކޮމިޝަން އިރާދަކުރެއްވިއްޔާ މި މަޖިލިހުގައި ފަންކްޝަން ކުރާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މަރާލެވިފައިވާ އަދި ގޮތް ނޭނގޭ ގޮތަށް ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް އަޅުގަނޑު އެކުލަވައިލި ކޮމިޝަންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި މަޖިލިހުގެ ތާއީދާ އެކު އިތުރު ބާރުމިނެއްގައި ކުރިއަށް ދާނެ.

ރައީސް: މިއަދު ތިޔަބޭފުޅުން ތިޔަ ހޮއްވެވި މެމްބަރުންނަކީ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން އެ ބޭފުޅުން މި މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ކަމަށް. ތިޔަބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ތިޔަބޭފުޅުން، ކިލަނބުވެފައި އޮތް ރައްޔިތުންގެ މަޖިލިހެއް ޒިންމާދާރު މަޖިލިހަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވައިފި. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު. މިއަދު ތިޔަބޭފުޅުން ތިޔަ ނިންމެވި ނިންމެވުމަކީ ހެޔޮ ވެރިކަމަކަށް ތިޔަބޭފުުން ކުރާ އުންމީދުގެ ދަލީލެއް. ވަރަށް ވަރަށް ވަރަށް ޝުކުރިއްޔާ ތިޔަ ހުރިހާ ބޭފުޅުންނަށް.

ރައީސް: ރައްޔިތުން ރައްޔިތުންގެ ވާޖިބު އަދާކުރައްވައިފި. އެއީ ޝައްކެއް ނެތް ކަމެއް. 23 ސެޕްޓެމްބަރުގައި ވެސް މިއަދު ވެސް ތިޔަބޭފުޅުން ތިޔަ ދެއްކެވީ އެ ނަމޫނާ. މިއަދު އޮތީ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންނެވި ގޮތަށް މަސައްކަތް ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލިހަށް އެ ވާޖިބު އަދާކުރުމަށް ތިޔަބޭފުޅުން ފުރުސަތު ދެއްވާފައި. އަޅުގަނޑު މި ހުރީ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް.

ރައީސް: ރައްޔިތުން މި ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގައި ތިޔަބޭފުޅުން ނިންމެވި ނިންމެވުމާ އެއްގޮތަށް އަދިވެސް ތިޔަބޭފުޅުން ތިއްބެވިކަން އަންގައިދިން ނިންމުމެއް. ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާކަން މިއަދު އަނެއްކާ ވެސް ތިޔަބޭފުޅުން ހާމަކޮށްދީފި. މާލޭގެ މަގުތަކުގަ އާއި އަދި އެ ނޫން ވެސް ރަށްތަކުގެ މަގުތަކުގައި ގޮތް ނޭނގޭ ގޮތަށް މަރަމުން ގެންދިއުން ތިޔަބޭފުޅުން ބަލައެއް ނުގަތް. އަދި އެ ކަންތައް ބަލައި، އެ ކަންތައް ކުރި ބަޔަކު އިންސާފުގެ މަގަށް ގެނައުމަށްޓަކައި މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް މިއަދު އަނެއްކާ ވެސް ތިޔަބޭފުޅުން ތި ވިދާޅުވީ އާނއެކޭ، އެކަން ކުރިއަށް ގެންދާށޭ.

ރައީސް: ވަަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އިސްލާހަށް މަސައްކަތް ކުރައްވާ އަދި އެމްޑީޕީ އަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ހުރިހާ މަސައްކަތެއް އަޅުގަނޑު ބަލައިގަންނަން. މިއަދު ފެނިގެން މިދިޔައީ ނުފޫޒާއި ބާރުން އެއްކިބާވެ، މަސައްކަތް ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއް ނެތި، އެއްވެސް މައްސަލައެއް ނުޖެހޭ ގޮތަށް މި ރާއްޖޭގައި އިންތިޚާބެއް ބޭއްވިގެން ދިޔަ ތަން. މިއަދަކު ނާދޭ އަނގޮޓީގެ ޝަކުވާއެއް. މިއަދަކު ނާދޭ ދެލި ފޮހެވޭ ގަލަމުގެ ޝަކުވާއެއް. މިއަދު ރައްޔިތުން ނުކުމެ ވޯޓު ދިނީ ހިތްހަމަޖެހިގެން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.

މި އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި އެއް ބޭފުޅާ، ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ ޕާޓީގެ ކާމިޔާބީގެ ހަފުލާ އަށް ވަޑައިގެންފި. ފައިސަލް މި ހަފުލާ އަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ބޮޑު ތަރުހީބެއް ދިން.

އެމްޑީޕީގެ ސެލެބްރޭޝަން އަދިވެސް ކުރިއަށް އެބަގެންދޭ. މި ހަފުލާގައި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވާ. އަލީ ވަހީދަކީ މި އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ތަސައްވުރު 'އެޖެންޑާ 19' ޕްރޮމޯޓް ކުރެއްވުމަށް އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުއްވި އެއް ވަޒީރު. އެ ކެމްޕެއިންގައި އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީ އަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވާފައި.

ނިލަންދޫ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ކުރިމަތިލެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ކާމިޔާބު ކުރައްވައިފި. މުހްސިން ކާމިޔާބު ކުރެއްވީ ބޮޑުބޭބެ އަދި މަޖިލިހުގެ މިހާރުގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ބަލިކުރެއްވުމަށް ފަހު.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އަދި ހަފުލާ އަށް ދިޔަ އެތައް ބަޔަކު މިހާރު އަންނަނީ ކާމިޔާބީގެ އުފާ ފާހަގަކޮށް، އަތްޖަހައި އުފާފާޅު ކުރަމުން. ބައެއް މީހުން ތިބީ ތާއީދުކުރި ކެންޑިޑޭޓުންގެ ބެނާތައް ހިފައިގެން.

އެމްޑީޕީގެ ކާމިޔާބީގެ ހަފުލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގެންފި.

އަޑިޕާކް ސަރަހައްދަށް ވަރަށް ގިނަ ބަޔަކު ޖަމާވެ އަންނަނީ ބޮޑު ކާމިޔާބީގެ އުފާފާޅުކުރަމުން. އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލޭގައި ތިއްބެވި ބޭފުޅުން މި ހަފުލާގައި އަންނަނީ ބައިވެރިވެވަޑައިގަންނަވަމުން.

އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރަން މާލޭގައި ފަށައިފި. ރާޅުގަނޑު ސަރަހައްދު ނުވަތަ ކުރީގެ އަޑިޕާކް ސަރަހައްދުގައި ކުރިއަށް ގެންދާ މި ސެލެބްރޭޝަން ގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މާލެ އިން އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ 14 ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ.

ނައިފަރު ދާއިރާގެ ގޮނޑި، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކާމިޔާބު ކުރައްވައިފި.

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކުރިން އެމްޑީޕީއަށް ކާމިޔާބުނުކުރެވޭ އެތައް އަތޮޅެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީން. އޭގެ ތެރޭގައި ށ. އަތޮޅާއި ރ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅު ހިމެނޭ.

މި ފަހަރުގެ އިންތިހާބުގެ ނަތީޖާ އިން ދައްކަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލިހުގައި އޭރުގެ ސަރުކާރުގެ އިސް މެމްބަރުންގެ ގޮތުގައި ފާހަގަކުރެވުނު ގިނަ މެމްބަރުންތަކެއް ބަލިވި ތަން. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ވިލިމާލެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް ހިމެނޭ.

ވިލިމާލޭގެ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ކުރިމަތިލެއްވި އަހްމަދު އުޝާމް ކާމިޔާބު ކުރައްވައިފި. މި ގޮނޑިއަކީ ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވާދަކުރެއްވި ދާއިރާ

އާ ގާނޫނުއަސާސީގެ ދަށުން މީގެ ކުރިން ބޭއްވި ދެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 26 ގޮނޑި. އޭގެ ތެރެއިން 2009 ގެ އިންތިހާބު އޮތީ އެމްޑީޕީގެ ވެރިކަމުގައި. އެހެންކަމުން މިއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބެއް، އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީން ކާމިޔާބުކުރި ފުރަތަމަ ފަހަރު. އަދި ޕާޓީ ނިޒާމް ތަައާރަފުވި ފަހުން މަޖިލިހުގެ މިހާ ބޮޑު އަގުލަބިއްޔަތެއް، އެއް ޕާޓީއަކުން ހޯދި ވެސް ފުރަތަމަ ފަހަރު. މި ވަގުތު ސާފުކުރި ނަތީޖާތަކަށް ބަލާއިރު އެ ޕާޓީން 59 ގޮނޑިއެއްގެ ނަތީޖާގައި އުޅެނީ ކުރީގައި.

މިލަންދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ އަލީ ރިޒާ ކާމިޔާބު ކުރައްވައިފި

އޭދަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ އަހުމަދު ސަލީމް ކާމިޔާބު ކުރައްވައިފި

ހެންވޭރު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ އިބްރާހިމް މުއިއްޒު ކާމިޔާބު ކުރައްވައިފި

ކާށިދޫ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ޖާބިރު ކާމިޔާބު ކުރައްވައިފި

ދާންދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޔައުގޫބު އަބްދުﷲ ކާމިޔާބު ކުރައްވައިފި

މަޑުއްވަރީ ދާއިރާގެ ގޮނޑި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކާމިޔާބު ކުރައްވައިފި

ތުލުސްދޫ ދާއިރާގެ އަމިއްލަ ގޮތުން ކުރިމަތިލެއްވި ގޮނޑި އިބްރާހިމް ނަސީމް ކާމިޔާބު ކުރައްވައިފި

ވިލިނގިލީ ދާއިރާ މިނިވަން ކެނޑިޑޭޓް ސައުދު ހުސެއިން ކާމިޔާބު ކުރައްވައިފި

އެމްޑީޕީގެ މި ބޮޑު ކާމިޔާބާ އެކު، ޕާޓީގެ ލީޑަޝިޕުން މިރޭ 10:30 ގައި، ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބާއްވަން ނިންމައި، ރައްޔިތުންނަށް ވަނީ ދައުވަތު ދީފައި.

ތިނަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުލް މުގުނީ ކާމިޔާބު ކުރައްވައިފި. މި ދާއިރާ އަށް އޭނާ އާ ވާދަކުރެއްވީ ސައުދުﷲ ހިލްމީ.

ފެލިދޫ ދާއިރާގެ ގޮނޑި މުހަންމަދު މަބުރޫކު ކާމިޔާބު ކުރައްވައިފި

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އަނދުން ހުސެއިން ޝަމީމް ކާމިޔާބު ކުރައްވައިފި. އެ ދާއިރާ އަށް ވާދަކުރެއްވީ ރުކުމާ މުހަންމަދު އަބްދުލްކަރީމް.

ގަމު ދާއިރާގެ ގޮނޑި އެމްޑީޕީގެ މުހަންމަދު ވިސާމް (ސަމްޕަތު) ކާމިޔާބު ކުރައްވައިފި. ކުރިއަށް އޮތް މަޖިލީހުގެ އެންމެ ޒުވާން މެމްބަރަކަށް ވެ ވަޑައިގަންނަވާނީ އޭނާ. އޭނަގެ އުމުރަކީ 24 އަހަރު.

ތުޅާދޫ ދާއިރާ އެމްޑީޕީގެ ހިސާން ހުސެއިން ކާމިޔާބު ކުރައްވައިފި

މުލަކު ދާއިރާގެ ގޮނޑި އެމްޑީޕީގެ އިބްރާހިމް ނަސީރު ކާމިޔާބު ކުރައްވައިފި

ތޮއްޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހަސަން ޝިޔާން ކާމިޔާބު ކުރައްވައިފި
ބާރަށު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަހުމަދު އަބްދުﷲ ކާމިޔާބު ކުރައްވައިފި
މަޑަވެލީ ދާއިރާގެ ގޮނޑި އެމްޑީޕީގެ ހުސެން ފިރުޝާން ކާމިޔާބު ކުރައްވައިފި
ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ޖީހާން މަހުމޫދު ކާމިޔާބު ކުރައްވައިފި
ފޮނަދޫ ދާއިރާގެ ގޮނޑި މޫސާ ސިރާޖު ކާމިޔާބު ކުރައްވައިފި. އޭނާ އާ ވާދަކުރެއްވީ ޕީއެންސީގެ ވަގުތީ ރައީސް އަބްދުރަހީމް އަބްދުﷲ.
ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަޖިލީހުގެ އިލެކްޝަންސް އިން ނާކާމިޔާބާ ކުރިމަތިވެ ވަޑައިގެންފި
ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަބްދުﷲ ސަނީފް ކާމިޔާބު ކުރައްވައިފި. މިއީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވާދަކުރެއްވި ދާއިރާ.
ގަލޮޅު އުތުރު ދާއިރާ އީވާ އަބްދުﷲ ކާމިޔާބު ކުރައްވައިފި
މައްޗަންގޮޅީ މެދު ދާއިރާ ކުރީގެ ރައީސް މުހަންމަދު ނަޝީދު ކާމިޔާބުކުރައްވައިފި
ދިއްދޫ ދާއިރާ އެމްޑީޕީގެ މުހަންމަދު ވަހީދު ކާމިޔާބު ކުރައްވައިފި
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މުހަންމަދު އަސްލަމް ކާމިޔާބު ކުރައްވައިފި. މި ގޮނޑި އާ އެކު އައްޑޫ ދާއިރާގެ ހަތް ގޮނޑި ވެސް އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައި
ގެމަނަފުށީ ދާއިރާ އެމްޑީޕީގެ އަހުމަދު ސައީދު ކާމިޔާބު ކުރައްވައިފި
ވޯޓުގެ ނަތީޖާތައް ލިބެމުން ދާ ވަރަކަށް "މިހާރު"ގެ https://majlis19.mihaaru.com/ އިން ފެންނަން ހުންނާނެ
މަރަދޫ ދާއިރާ އެމްޑީޕީގެ އިބްރާހިމް ޝަރީފު އަދި ފޭދޫ ދާއިރާ އެމްޑީޕީގެ މުހަންމަދު ނިހާދު ކާމިޔާބު ކުރައްވައިފި
ގައްދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ އަހުމަދު ޒާހިރު ކާމިޔާބު ކުރައްވައިފި
މެދުހެންވޭރު ދާއިރާގެ ގޮނޑި އަލީ އާޒިމް ކާމިޔާބު ކުރައްވައިފި
ވެލިދޫ ދާއިރާ އެމްޑީޕީގެ މުހަންމަދު އަބްދުﷲ ޝަފީގު ގޮނޑި ކާމިޔާބު ކުރައްވައިފި
މައްޗަން ގޮޅީގެ އުތުރު ދާއިރާގެ ގޮނޑި ބޯދިގު މުހަންމަދު ރަޝީދު ކާމިޔާބު ކުރައްވައިފި. މިއީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ކުރިމަތިލެއްވި ދާއިރާ
ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ނަސީމާއި، މާފަންނު އުތުރު ދާއިރާ އިމްތިޔާޒު ފަހުމީ އާއި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލް އަދި ގުރައިދޫ ދާއިރާގެ ގޮނޑި ގައްސާން މައުމޫން އަދި އައްޑޫ މީދޫ ދާއިރާ ރޮޒެއިނާ އާދަމް، ހުޅުމާލެ ދާއިރާ އަލީ ނިޔާޒު ކާމިޔާބު ކުރައްވައިފި
ވޯޓުގެ ނަތީޖާތައް ލިބެމުން ދާ ވަރަކަށް "މިހާރު"ގެ https://majlis19.mihaaru.com/ އިން ފެންނަން ހުންނާނެ
މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ކުރީގައި އުޅެނީ އެމްޑީޕީ. އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން 27 ދާއިރާއަކުން އެމްޑީޕީ އޮތީ ކުރީގައި. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ގޮނޑިއެއް އަދި އެއްވެސް ބޭފުޅަކަށް ކަށަވަރެއް ނުވޭ.
ވޯޓު ގުނަން ފަށައި، ބައެއް ފޮށިތަކުގެ ނަތީޖާ މިހާރު އަންނަނީ އިއުލާންކުރަމުން.
ވޯޓު ގުނަމުން ދާ އިރު ވޯޓު ލާ މަރުކަޒުތަކަށް ޖާގަ އޮތްވަރަކުން މީހުންނަށް ވަދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.
ވޮޓު ފޮށިތައް ގުނަން ފަށާ ގަޑިއަކީ 6:30 ނަމަވެސް ބައެއް ވޯޓު ފޮށިތައް އަދިވެސް ގުނާކަށް ނުފެށޭ. އޭގެ ތެރޭގައި މާލޭގައި ބަހައްޓާފައި ހުރި ބައެއް ފޮށިތަކާއި ބައެއް ރަށްރަށުގައި ހުރި ފޮށިތައް ވެސް ހިމެނޭ. އެ ވޯޓު ފޮށިތައް ގުނަ ނުފެށިގެން އުޅެނީ ކޮން ސަބަބެއް ކަމެއް އަދި ސާފެއް ނުވޭ
ވޯޓު ލުން ބަންދުވުމާ އެކު ވޯޓު ގުނަން ފަށައިފި. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ބަންދު ނުކޮށް ހުރީ އޭދަފުއްޓާއި ފުވައްމުލަކުގެ ދެ ފޮއްޓެއް އެކަނި.
ވޯޓު ލުން ނިމި ފޮށިތައް ބަންދުކުރި އިރު ވޯޓު ލައިފައި ވަނީ 207،360 މީހުން. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 78.4 ޕަސެންޓް.
ފުވައްމުލަކާއި އޭދަފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ބަންދުކޮށްފި. އެ ދެ ފޮށި ބަންދުކޮށްފައި ނުވަނީ އިލެކްޝަންސް އިން ބުނި ގޮތުގައި ކުޑަ މައްސަލައެއް ދިމާވެގެން.
ހައެއް ޖެހުމާ އެކު ވޯޓު ލުން ބަންދުވެއްޖެ. އެކަމަކު ބައެއް ފޮށިތައް ކައިރީގައި ހަދާފައި ހުރި މަދު ކިޔޫތަކުން މީހުން ހުސްވަންދެން ވޯޓު ލުމުގެ ފުރުސަތު ލިބޭނެ. މިހާތަނަށް 75 ޕަސެންޓް މީހުން ވޯޓު ލައިފައިވޭ.
އާންމު އިންތިހާބުގައި މިހާތަނަށް ދެ ލައްކަ މީހުން ވޯޓު ލައިފި. އެއީ 100،673 ފިރިހެނުންނާއި 99،791 އަންހެނުން. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 264،442 މީހުން.
މިހާތަނަށް 73 ޕަސެންޓް މީހުން ވަނީ ވޯޓުލައިފައި. އެކަމަކު މެންދުރާ ހަމައަށް ވޯޓު ލައިފައިވަނީ އެހެން އިންތިހާބުތަކަށް ވުރެ ނިސްބަތުން މާ މަދުން. ވޯޓު ލުން ނިމޭ ގަޑި އިތުރު ކުރުމާ އެކު މި އިންތިހާބުގައި ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ
ޕޮލިސް: ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އާންމު ހާލަތު ރަަނގަޅު.
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި.
މިހާތަނަށް ވަނީ 160،534 މީހުން ވޯޓުލާފައި. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 60.71 ޕަސެންޓް. މިހާތަނަށް ވޯޓުލާފައި ވަނީ 78،399 އަންހެނުންނާއި 82،135 ފިރިހެނުން.
އިލެކްޝަންސް ކޮމިޝަން: މި ދުވަސްވަރު މޫސުންހުރި ގޮތުން ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން އަންނަ މީހުން މަދުވެދާނެ ކަމަށްޓަކައި މިއަދު ހަވީރު 6 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައި.
ވޯޓުލުން 6 ޖެހުމާ ހަމައަށް އިތުރުކޮށްފި
މި ފަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދުވި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ވިސްނުން ތަފާތު. ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވަނީ ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ހޫނުގަދަވުމުގެ ސަބަބުން ލަފާ ކުރެވޭ ކަމަށް. ގައުމީ ލަފާދޭ ކޮމިޓީގެ އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ ގިނަ މީހުން ބޭނުންވަނީ ހަވީރު ގަޑީގައި ވޯޓުލާން ދާން ކަމަށް. މެންދުރު ދޭއް ޖެހުމާ ހަމައަށް ވޯޓުލީ 140،000 މީހުން. މިއީ ވަރަށް މަދު އަދަދެއް.
ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުން ވަނީ ވަގުތު އިތުރު ކުރުމަށް ހުށަހަޅާފައި. ބައެއް މެންބަރުން ބުނީ ޓެކްސީ ލިބުމުގައި ވެސް މިއަދު ދަތިތަކެއް ދިމާވި ކަމަށް. ވަގުތު އިތުރު ކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައި.
197 ފޮއްޓަށް ވޯޓު ލާން ފެށީ 1-2 މިނިޓް ފަހުން. 114 ފޮއްޓަށް ވޯޓުލާން ފެށީ 10 މިނިޓް ލަހުން. އެންމެ ލަސްކޮށް ވޯޓުލާން ފެށީ ތިލަފުށި-1 ގެ ވޯޓު ފޮއްޓަށް. އެ ފޮއްޓަށް ވޯޓުލާން ފެށީ އެއްގަޑިއިރު ފަހުން.
ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ހޫނުގަދަވުމުގެ ސަބަބުން ލަފާ ކުރެވޭ: ކޮމިޝަނާ ޝަރީފް
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް އިލެކްޝަން ކޮމިޝަނުގައި މިހާރު ކުރިއަށް ދަނީ. އިލެކްޝަންސްގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ވޯޓުލުން ބަންދު ކުރަން ހަމަޖެހިފައިވާ ވަގުތު އިތުރު ކުރުމާ މެދު ގޮތެއް ނިންމާނީ އެ ބައްދަލުވުމަށް ފަހު ކަމަށް. ވޯޓުލުން ބަންދު ކުރަން މިހާރު ހަމަޖެހިފައި ވަނީ ހަތަރެއް ޖަހާއިރު. ހަތަރެއްގެ ކުރިން ކިޔޫ އަށް އަރައިފި ނަމަ ވޯޓު ލެވޭނެ. އަކްރަމް ވިދާޅުވީ ތިލަފުށީގައި ހުރި ވޯޓު ފޮށި ހަތަރެއް ޖަހާއިރު ބަންދު ނުކުރާނެ ކަމަށް. އެއީ އެ ފޮއްޓަށް ވޯޓުލާން ފެށީ 9:30 ގައި ކަމަށްވާތީ.
ގދ. މަޑަވެލީގައި ވޯޓު ކަރުދާސް ފޮޓޯ ނެގި މީހަކު މައުލޫމާތު ސާފުކުރުމަށް ޕޮލިހަށް ހާޒިރުކޮށްފައިވޭ. އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫން ދެ މީހަކު، ގދ. ފަރެސްމާތޮޑާ އިން އެކަކު ވަނީ މައުލޫމާތު ސާފު ކުރުމަށް ހާޒިރުކޮށްފައި ކަމަށް ޕޮލިހުން ބުނެފި.
ވޯޓުލުމުގެ ވަގުތު އިތުރު ކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ވޯޓުލުމުގެ އެންމެ ފަހު ވަގުތަކީ ހަވީރު 4:00 ކަމަށް ވާއިރު، އޭގެ ކުރިން ވޯޓު ކިއޫ އަރައިފި ނަމަ ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.
ކޮމްޕްލެއިންޓްސް ބިއުރޯ އަށް 11 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
ވީހާ ވެސް އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި
ވޯޓުލުމުގެ ހައްގު ލިބިގެންވާ ދެބައިކުޅަ އެއްބައި މީހުން މިހާތަނަށް ވޯޓު ލައިފި.
ވޯޓުލުމުގެ ހައްގާ ގުޅޭ ތިން މައްސަލައެއް އެޗްއާރްސީއެމުން ވަނީ ބަލާފައި.
މަޖިލިސް އިންތިޚާބުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލައިފި. އެއީ 53،544 ފިރިހެނުންނާއި 46،502 އަންހެނުން. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށް.
އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި
މިހާތަނަށް އެއްލައްކަ މީހުން ވޯޓުލައިފި
ވޯޓު ލީ މީހުންގެ އަދަދު މިހާރު ވަނީ 94،197 އަށް އަރާފައި. މިއީ 50،772 ފިރިހެނުންނާއި 43،425 އަންހެނުން. 35.62 ޕަސެންޓް މީހުން.
އެންމެ ފަހުގެ އާންމު އިންތިހާބުގައި ވޯޓު ލީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ 212،559 މީހުންގެ ތެރެއިން 78 ޕަސެންޓް. އެއީ 166،105 މީހުން.
ގއ. ވިލިނގިލީގައި ވޯޓުލުމަށް ފަހު ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކޮމަންވެލްތުން އަންނަނީ އިންތިހާބު މޮނިޓަކުރަމުން. އެ ޖަމާއަތުގެ ވަފުދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ހަރަކާތްތެރިވަމުން
މާޒީގެ ތެރެއިން: އާ ގާނޫނުއަސާސީގެ ފަހުން މިހާތަނަށް މަޖިލިހުގެ ދެ އިންތިހާބު ބޭއްވި އިރު، އެމްޑީޕީ ސަރުކާރަށް 2009 ގެ އިންތިހާބުގައި، މެޖޯރިޓީ ގެއްލުނެވެ. އެ އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ 26 ގޮނޑި އެވެ. އޭގެ ފަހުން 2014 ގައި އޮތް އިންތިހާބުގައި ޕީޕީއެމް ސަރުކާރަށް، ކޯލިޝަންގެ އެހެން ގޮނޑިތަކާ އެކު އަގުލަބިއްޔަތު ލިބުނެވެ.
މާޒީގެ ތެރެއިން: އާ ގާނޫނުއަސާސީގެ ކުރިން ދުވަހަކު ވެސް މަޖިލިހުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލިފައެއް ނުވެ އެވެ. އަބަދުވެސް ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ބާރު އޮވެ އެވެ. އެ ސަގާފަތަށް އެންމެ ބޮޑު ބުރުލެއް އެރީ، 1993 ގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ މަޖިލިހުން ހޮވާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، އެމަނިކުފާނުގެ ޅިޔަނު އިލްޔާސް އިބްރާހިމްގެ ފަރާތްޕުޅުންނެވެ. އޭރު ރައްޔިތުންނާ ހަމައަށް ދާ ކެންޑިޑޭޓް ކަނޑައަޅަނީ މަޖިލިހުގެ ސިއްރު ވޯޓަކުން ކަމަށް ވެފައި، އެ ފަހަރުގެ ވޯޓަށް ދިޔަ އިރު ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވީ އިލްޔާސްގެ ފަހަތްޕުޅުގައި ކަމަށް، އަޑުއަރާފައި އޮތެވެ. ނަތީޖާ ފެނުނީ ވެސް އެގޮތަށެވެ. އިލްޔާސް އޭރު ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވިޔަސް 18 ވޯޓު ހޯއްދެވި އެވެ. އާ ގާނޫނުއަސާސީ 2008 ގައި އެކުލަވާލުމުގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެފަދަ ގޮންޖެހުމެއް ކުރިމަތިވެވަޑައިގެންފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މެންދުރު 12 އާ ހަމަޔަށް ވޯޓު ލީ 71،842 މީހުން. އެއީ 40،417 ފިރިހެނުންނާއި 31،425 އަންހެނުން. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 27.17 ޕަސެންޓް
އެޗް.އާރް.ސީ.އެމް އިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންކަން ރާއްޖޭގެ އެކި ސަރަޙައްދުގެ 20 ފޮއްޓެއްގައި އަންނަނީ އޮބްޒަރވް ކުރަމުން. އަދި މީގެ އިތުރުން މީޑިއާގެ ވަސީލަތްތައް ވެސް މެދުވެރިކޮށް އިންތިޚާބު އޮބްޒާވް ކުރުމުގެ މަސައްކަތްދަނީ ކުރަމުން
ޝަރީފް ވިދާޅުވީ ވޯޓުލާ ވަގުތު އިތުރުކުރަން ޖެހޭ ނަމަ އެގޮތަށް ނިންމާނީ 3:30 ހާއިރު ކަމަށް. އެކަމަކު ތިލަފުށީގައި ހުރި ފޮއްޓަށް ވޯޓު ލާ ވަގުތު އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި
ޝަރީފް ވިދާޅުވީ ބައެއް ފޮށިތަކުގެ ވޯޓު ލުން ފެށުން ލަސްވި ކަމަށާއި އެ ތަންތަނުގައި ވޯޓު ލުން ބަންދުކުރާ ވަގުތު ފަސްކުރަން ޖެހިދާނެ ކަމަށް
އީސީގެ ރައީސް ޝަރީފް: ބައެއް ކެންޑިޑޭޓުން މާލޭގެ ބައެއް ފޮށިތަކުގެ ކައިރީގައި ކެމްޕޭނުކުރާ ކަމުގެ ޝަކުވާ ލިބި، ފުލުހުންގެ އެހީތެރިކަމާ އެކު މިހާރު ވަނީ އެ މީހުން ފޮނުވާލާފައި
މާޒީގެ ތެރެއިން: ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެ ބާރު ހާއްސަ މަޖިލިހަށް ދިނުމުގެ ބަދަލުގައި އާ ގާނޫނުއަސާސީގައި އެ ޒިންމާ ހަވާލުކުރީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންކަމުން މިހާރު ގާނޫނުއަސާސީއަށް ބަދަލެއް ގެންނަ ނަމަ އެކަމަށް ޚާއްސަކޮށްގެން އާ މަޖިލިހެއް އިންތިހާބުކުރާކަށް ނުޖެހެ އެވެ. އެކަމަކު ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ އޭރެއްގެ މަޖިލިހުގައި ހިމެނޭ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓުންނެވެ.
މާޒީގެ ތެރެއިން: ރަައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށްފައި އޮންނަނީ ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަށް ހާއްސަކޮށްގެންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް، ހާއްސަ މަޖިލިހުގެ ބޭނުން އައީ ހިފަމުންނެވެ. ހާއްސަ މަޖިލިހުގައި ހިމެނެނީ ރައްޔިތުންގެ މަޖިލިހުގެ 50 މެމްބަރުންގެ އިތުރުން، ކޮންމެ ދާއިރާއަކުން ހޮވާ ދެ މެމްބަރުންނެވެ. އާ ގާނޫނުއަސާސީ 2008 ގައި އުފެއްދުމުގެ ކުރިން، ރާއްޖެ ބަހާލާފައި އޮތީ 20 އަތޮޅާއި މާލެ އަށެވެ. އެހެންކަމުން ރައްޔިތުން އިންތިހާބުކުރާ 42 މެމްބަރުން ތިއްބަވަ އެވެ. އަނެއް އަށް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބައެކެވެ.
މާޒީގެ ތެރެއިން: ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ޑިސެމްބަރު 22، 1932 ގައި، އޭރުގެ ރަސްގެފާނު މުހައްމަދު ޝަމްސުއްދީން ތަސްދީގުކުރެއްވުމާ އެކު ރާއްޖޭގައި ދެ މަޖިލިހެއް އުފެއްދި އެވެ. މިއީ ސިޔާސީ ދާއިރާ އިން "ރައްޔިތުންގެ މަޖިލިސް" ގެ ސިފައިގައި ބަޔަކު އެއްވެ، މަޝްވަރާކޮށް، ގާނޫނުތައް ހެދުމުގެ ފުރަތަމަ ފިޔަވަޅެވެ. އޭގެ ފަހުން އަބަދުވެސް ރާާއްޖޭގައި ރައްޔިތުންގެ މަޖިލިހެއް، އަދި ބައެއް ފަހަރަށް ރައްޔިތުންގެ ހާއްސަ މަޖިލިހާ އެކު، ދެ މަޖިލިހެއް އޮވެ އެވެ.
އީސީގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާ ގޮތުން މިހާތަނަށް 70،501 މީހުން ވޯޓު ލައިފި. އެއީ ހައްގު ލިބިގެންވާ މީހުންގެ 26.66 ޕަސެންޓް.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް: ވޯޓު ލުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ވަނީ އޮމާންކަމާ އެކު. ވޯޓު ލުމުގެ ޕްރޮސެސް އަވަހެއް، އަދި ލަހެއް ވެސް ނޫން. ބައެއް މަރުކަޒުތަކުގައި ވޯޓު ލުން ލަސް ކަމަށާއި އެހެންވެ އޮފިޝަލުން އެކަން އަވަސްކުރުމަށް އެދިވަޑައިގެންނެވި.
ޓްރާންސް ޕޭރަންސީގެ ޕްރޮޖެކްޓް ކޯޑިނޭޓާ އަހުމަދު ތޮލާލް ވިދާޅުވީ އިންތިޚާބު ލުމުގެ ކަންކަން ފެށިގެން ދިޔައީ ރަނގަޅަށް ކަމަށް. އިދާރީ ކަންކަމުގެ އިންތިޒާމުތައް ރަނގަޅު ކަމަށާއި ހާމަކަމާއި ހަމަހަމަކަމާ އެކު އިންތިޚާބުގެ ކަންކަން ކުރިއަށްދާ ކަމަށް ވިދާޅުވި
އުމުރުން ދެ އަހަރުން ދަށުގެ ކުދިން ގޮވައިގެން ދާ މީހުންނަށް ކިއޫގައި ނުޖެހި ވޯޓު ލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި
އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި. ފުލުހުން ބުނީ މި މައްސަލަތަކާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް
ވޯޓު ދެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ ވޯޓު ލުމަކީ އެންމެ މުހިންމު ހައްގު ކަމަށާއި އެންމެން ވެސް އަވަހަށް ނިކުމެ ވޯޓު ލުމަށް. ސިޔާސީ ވާދަވެރިންނަށް ހަމަހަމަކަމާ އެކު ވޯޓު ލުމުގެ ފުރުސަތު އޮތުމުން މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި.
ނައިބު ރައީސް ފައިސަލް ނަސީމް، ބިއްލޫރުޖެހި ގޭގައި ހުރި އެ މަނިކުފާނުގެ ދާއިރާގެ ފޮއްޓަށް ވޯޓު ލައްވައިފި.
ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވޯޓު ލީ އިރު އެއީ 30،322 ފިރިހެނުންނާއި 20،472 އަންހެނުން. ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264،442
އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކުރަމުން އަންނަ މައުލޫމާތަށް ބަލާއިރު، ވޯޓު ލާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން. މިހާތަނަށް 50،000 މީހުން ވަނީ ވޯޓު ލާފައި. މިއީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރި ފޮށިތައް ހިމެނޭ ގޮތުން
މިހާތަނަށް ވޯޓު ލީ މީހުންގެ އަދަދަށް ބަލާއިރު އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 16 ޕަސެންޓް. މިފަހަރު ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދު ކަމަށް ފާހަގަވޭ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި މިހާ ޚިލާފަށް، ވޯޓު ލާން ފެށުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވޯޓު ލާން ކިއޫ ހެދި.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ދެންމެ ޓްވީޓްކުރެއްވި ގޮތުގައި މިހާތަނަށް 43،074 މީހުން ވޯޓު ލައިފި. އެއީ 26،513 ފިރިހެނުންނާއި 16،561 އަންހެނުން. ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264،442
އިލެކްޝަންސް ކޮމިޝަނުން ބުނީ މުޅި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ ފޮށިތަކަށް މިހާތަނަށް ވޯޓު ލީ މީހުންގެ އަދަދު 42،000 އަށް ވުރެ އިތުރުވެއްޖެ ކަމަށް.
މިހާތަނަށް 20،000 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ވޯޓު ލާން ނިކުމެ ތިބި މީހުން ވަރަށް މަދު ކަމަށާއި ބައެއް ފޮށިތަކުގެ ކައިރީގައި ކިއޫ ވެސް ނެތް ކަމަށް
ވޯޓު ދެއްވުމަށް ފަހު ރައީސް ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް. މިނިވަންކަމާ އެކު ވޯޓުލުން ކުރިއަށްދާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވޯޓު ދެއްވައިފި.
ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަމާލުއްދީން ސްކޫލަށް ވަޑައިގެންފި. އެ މަނިކުފާނު ވޯޓު ލައްވާނީ ހިންނަވަރު ދާއިރާގެ ފޮއްޓަށް
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.
ވޯޓު ލާން ތަން ބަލަން އެސްއެމްއެސްކުރާ ނަންބަރު 1414 މަސައްކަތެއް ނުކުރޭ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ ޝަކުވާއެއް ލިބިފައި ނެތް ކަމަށާއި އެކަމަކު އެކަން މިހާރު ބަލަމުން އަންނަ ކަމަށް.
ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް ހުރިހާ ތަނެއްގައި ވެސް ވޯޓު ލުމުގެ ކަންކަން އޮމާންކަމާ އެކު ދަނީ ކުރިއަށް. ވޯޓު ލާން ނިކުމެ ތިބި މީހުންގެ އަދަދު މިވަގުތު މަދު
ހެނދުނު 8:00 ގައި ވޯޓުލުން ފެށި ނަމަވެސް މިހާތަނަށް ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ. ވޯޓުލާން ފެށި ގަޑީގައި ބައެއް ވޯޓުފޮށިތައް ކައިރީގައި އޮތް ބޮޑު ކިއޫއެއް މިހާރަކު ނެތް. އެހެންވެ، ބޮޑަށް ބެލެވޭ ގޮތުގައި ގިނަ މީހުން ވޯޓުލާން ނުކުންނާނީ މެންދުރުފަހުން.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ، މާ ބޮޑު މައްސަލައެއް ނެތް ކަމަށް. އަދި ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް އަދި ކުރިމަތި ނުވާ ކަމަށް އޭނާ ވިދާޅުވި. ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް އިސްކަންދަރު ސްކޫލަށް ވަޑައިގެން ޝަރީފް މީޑިއާ އަށް ވިދާޅުވީ ވޯޓުލުން ގަޑިއަށް ނުފެށުނީ މާލޭ ޖަލުގެ މީހުންނަށް ޚާއްސަކޮށް ތިލަފުށީގައި ބަހައްޓާފައިވާ ފޮއްޓަށް އެކަނި ކަމަށް. އެކަން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ވާހަކަ ދައްކައިގެން ހައްލު ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި.
މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީން 85 ކެންޑިޑޭޓުން، ޑީއާރުޕީން ފަހެއް، އަދާލަތު ޕާޓީން ނުވައެއް، ޖުމްހޫރީ ޕާޓީން 41، ޕީޕީއެމުން 24، އެމްޑީއޭން އަށެއް، އެމްޓީޑީން އަށެއް، އެމްއެލްއެސްޑީޕީން 10، ކޮންގްރެސް ޕާޓީން 22 އަދި އަމިއްލަ ގޮތުން 175 ކެންޑިޑޭޓަކު ވާދަކުރައްވާ. އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައި. އަދި ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ވެސް ބައެއް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެނެސް އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައި. އެކަމަކު، ނަން އަނބުރާ ގެނައީ ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ކަމަށް ވާތީ އެ ކެންޑިޑޭޓުންގެ ނަންތައް ވޯޓު ކަރުދާހުގައި އޮންނާނެ.
އިންތިޚާބާ ގުޅޭ ޚާއްސަ ޖަލްސާއެއް މިއަދު 9:00 ގައި އޮންނާނެ. އަދި އިންތިޚާބާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށް އަކްރަމް ވިދާޅުވި.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، މިހާތަނަށް ވޯޓުލުން ނުފެށި ވަނީ ތިލަފުށީގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށް އެކަނި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް. އެހެން ތަންތަނުގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ، ގޮނޑިތައް ޖަހާފައި ނެތުން ފަދަ ކުދިކުދި ޝަކުވާތައް ލިބޭ ކަމަށް.
މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ވަނީ 'ބްލޫޓައިޑް' ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައި. ފުލުހުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު 'ޕޮލިސްލައިފް' އިން ވަގުތުން އަންނަނީ ގެނެސްދެމުން.
އިންތިޚާބުގައި ވޯޓުލާން މިހާރު ވަނީ ފަށާފައި. ވޯޓުފޮށިތައް ބަންދުކުރާ ރަސްމީ ގަޑި އަކީ ހަވީރު 4:00. ކިއޫގައި ބަޔަކު ނެތް ނަމަ ވޯޓުލުން އެ ގަޑި އަށް ބަންދުވާނެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުލައި ނިމުމުން، ކޮންމެ ފޮއްޓެއްގެ ނަތީޖާ އިންތިޚާބީ މަރުކަޒުތަކުގައި އިއުލާން ކުރާނެ ކަމަށް. އަދި ނަތީޖާ ޝީޓުތައް އިންތިޚާބީ މަރުކަޒުތަކުގައި ޝާއިއުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވޭ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ، އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށް. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވާފައިވާއިރު މިއީ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި. އަދި މިނިވަންކަމާއި އަމާންކަމާ އެކު ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައި.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިނަކަށް ފަހު ވޯޓުލުމަށްޓަކައި ރޭ ފަތިހުން ފެށިގެން ކިއޫ ދަމާލައިފި އެވެ.
ހެނދުނު 8:00 ގައި ވޯޓުލާން ފަށާއިރު ބައެއް ވޯޓު ފޮށިތައް ކައިރީގައި ފަތިހުން ފެށިގެން ވަނީ ކިއޫ ހަދައިފަ އެވެ. އޭގެ ތެރޭގައި މާލެ އާއި ބައެއް ރަށްރަށް ވެސް ހިމެނެ އެވެ.
މިއީ އާ ގާނޫނުއަސާސީއެއް ރާއްޖެއަށް ލިބުނު ފަހުން ބާއްވާ ތިން ވަނަ އާންމު އިންތިހާބެވެ. މީގެ ކުރިން 2009 އާއި 2014 ގައި ބޭއްވި އިންތިހާބު ގެ ވެސް ފޯރި ވަރަށް ގަދަވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އާ ސަރުކާރެއް އެކުލަވާލާތާ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހުގެ ތެރޭގައި މަޖިލިހުގެ އިންތިހާބު ބޭއްވުމެވެ. މިހެންވުމުން އާ ސަރުކާރުތަކަށް ވެސް ބޮޑަށް ސަމާލުކަން ދެވެނީ އިންތިހާބަށެވެ. ސަރުކާރު ރަނގަޅަށް ހިނގައިގަަންނަން ފަށަނީ އިންތިހާބަށް ފަހު އެވެ.
މި ފަހަރުގެ އިންތިހާބުގައި ހުރިހާ ވާދައެއް ކަހަލަ ގޮތަކަށް ފެނުނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުންނެވެ. އެންމެ ސީދާކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވީ ވެސް މި ދެ ބޭފުޅުންނެވެ. އަނެއްކޮޅުން ނަޝީދާއި ގާސިމް ވެސް އިންތިހާބުގައި ވާދަކުރައްވަ އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ.