ފަރުވާ އަށް ފަހު އިރުފާން ފިލްމީ މަސައްކަތަށް ނުކުމެއްޖެ
ފަރުވާ އަށް ފަހު އިރުފާން ފިލްމީ މަސައްކަތަށް ނުކުމެއްޖެ

މީގެ އަހަރެއް ކުރިން، ނާދިރު ބައްޔަކަށް ފަރުވާ ހޯދަން ޖެހިގެން ފިލްމީ މަސައްކަތްތަކާ ދުރަށް ދިޔަ އެކްޓަރު އިރްފާން ހާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުމެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) އަށް ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރުގެ ފަރުވާ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އޭނާ ފިލްމީ މަސައްކަތްތައް ފަށަން މުމްބާއީ އަށް ދިޔައީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ.

އެއާޕޯޓުން ނުކުންނަނިކޮށް ނަގާފައިވާ އިރްފާންގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވާ އިރު، އޭނާ މިހާރު ފެންނަނީ ވަރަށް ފިޓްކޮށެވެ. އަދި މި މަހުގެ 3 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ އިރުފާބް ވަނީ އަނބުރި އަންނަ އިރު، ހިތްވަރާއި ހެޔޮދުއާކޮށް ދިން އެންމެންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

އޭނާ އަލުން ފިލްމީ މަސައްކަތްތަކަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބައި އަލުން
މަސައްކަތަށް ނުކުތީ 2017 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް" އިންނެވެ.

ހުކުރު ދުވަހު ފިލްމުގެ ޝޫޓިން އުދޭޕޫރްގައި ފަށާފައިވާ އިރު، އެ ފިލްމު ޕްރޮޑިއުސް ކުރާ މެޑޮކް ފިލްމްސް އިން ވަނީ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. "އަނގްރޭޒީ މީޑިއަމް" ގެ މަންޒަރުތަކެއް ލަންޑަނުގައި ވެސް ނަގަން ނިންމާފައިވާ އިރު، މި ފިލްމުގެ ޑައިރެކްޓަރަކީ 2014 ގައި ދީޕިކާ ޕަދުކޯނާއި އަރުޖުން ކަޕޫރުގެ "ފައިންޑިން ފެނީ" ގެނެސް ދިން ހޯމީ އަދަޖާނިއާ އެވެ.

"ހިންދީ މީޑިއަމް" ސަކެޓް ޗައުދަރީ ލިޔެ، ޑައިރެކްޓް ކުރި އިރު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ ޕާކިސްތާނުގެ ބަތަލާ ސަބާ ގަމަރެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ފިލްމުގެ ބަތަލާއިންގެ ތެރޭގައި ހިމެނެނީ ރާދިކާ މަދަން އާއި ކަރީނާ ކަޕޫރެވެ.

"އަނގްރޭޒީ މީޑިއަމް" ގައި އިރުފާންގެ ދަރިއެއްގެ ރޯލުން ރާދިކާ ދެނިގެންދާ އިރު، ކަރީނާ ފެނިގެން ދާނީ ފުލުހެއްގެ ގޮތުގައި އެކްސްޓެންޓެޑް ކެމިއޯއަކުން ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ. އެކަމަކު އެ ދެ ބަތަލާ އިން ފިލްމަށް ސޮއި ކުރިކަން މެޑޮކުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

"އަންގްރޭޒީ މީޑިއަމް" ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އިރުފާން ބޮޑު ބައްޔަކަށް ފަހު އަލުން ސްކްރީނަށް އަންނަ ފިލްމުވެގެން ދާނީ ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރާނެ ފިލްމަކަށެވެ.

ފަރުވާ އަށް ދިޔަ ފަހުން މިދިޔަ އަހަރު އިރުފާން، 52، ގެ ތިން ފިލްމެއް ރިލީޒްވެފައިވެ އެވެ. އެއީ "ބްލެކްމެއިލް" އާއި "ކާރްވާ" އަދި ހޮލީވުޑްގެ ފިލްމު "ޕަޒަލް" އެވެ.