06 އެޕްރީލް 2019 - 10:32

ނިއު ދިއްލީ (އެޕްރީލް 5) - އިންޑިއާގެ ބައެއް ހިސާބުތަކުގައި އާދަޔާޚިލާފަށް މި ހަފުތާގައި ހޫނުގަދަވެއްޖެ އެވެ.
މެދުތެރޭ އަދި ހުޅަނގު އުތުރުގެ ހިސާބުތަކަށް ވަނީ އެވްރެޖަށް ވުރެ ހަ ޑިގްރީ ސެލްސިއަސް އަށް ހޫނުގަދަވެފަ އެވެ. މަދްޔަ ޕްރަދޭޝް، މަހާރާޝްތުރާ އަދި ރާޖާސްތާން ފަދަ ސްޓޭޓްތަކުގައި އެވްރެޖް ހޫނުމިން މިހާރު ހުންނަނީ 42 ޑިގްރީ ސެލްސިއަސްގަ އެވެ.
އުތުރުގެ ހަރިޔާނާ އަދި އުއްތަރަ ޕްރަދޭޝް އަށް ވެސް މިހާރު ވަނީ ހޫނުގަދަވާން ފަށައިފަ އެވެ. ދެކުނުން ޖެހެމުންދާ ހޫނު ވައިރޯޅީގެ ސަބަބުން އިތުރަށް މި ސްޓޭޓްތަކުގައި ހޫނު ހިފަހައްޓަ އެވެ. ވެރިރަށް ނިއު ދިއްލީގެ ބައެއް ހިސާބުތަކުގެ ހޫނުމިން ބުރާސްފަތި ދުވަހު ވަނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ޖެހިފަ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ލަފާކޮށްފައިވާ ގޮތުގައި ނިއު ދިއްލީ އަށް އެންމެ ހޫނުގަދަވީ އިއްޔެ އެވެ. އައިއެމްޑީ އިން ވަނީ ހޫނުގަދަ ދުވަސްވަރަކަށްވާތީ މީހުން ގިނަގިނައިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގިނައިން ފެންބުއިމަށާއި ބޭރުގައި އުޅޭ ނަމަ ކުޑައެއް ފަދަ އެއްޗެއް ބޭނުން ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
އިންޑިއާ އަށް ހުޅަނގު މޫސުމުން ފެށޭނީ މެއި މަހު ފަހުކޮޅު އެވެ. ހުޅަނގު މޫސުން ފުރަތަމަ ލައްވާލާނީ ޓަމިލް ނާޑޫ އަށެވެ. އިންޑިއާގެ މެދުތެރޭގެ ހިސާބުތަކަށް ވިއްސާރަ ކުރަން ފަށާނެ ކަމަށް ލަފާކުރެވެނީ ޖޫން 15 ހާ ހިސާބުގަ އެވެ.