ދުސްތޫރީ ނިޒާމު އިސްލާމީ މަންހަޖާ އެއްގޮތް ކުރުން
ދުސްތޫރީ ނިޒާމު އިސްލާމީ މަންހަޖާ އެއްގޮތް ކުރުން

އިސްލާމީ މުޖުތަމަޢުތަކުގައި ދިރިއުޅުމުގެ ހަޔާތުގެ އެކި ކަންކަމުން ދީން އެއްފަރާތްކޮށް ދީނަކީ ހަމައެކަނި ފަރުދީ ގޮތުން ކޮންމެ މީހަކު ﷲ އާ މެދު ބާއްވަން ޖެހޭ ގުޅުމެއް ކަމުގައި ހަދަން ދުނިޔޭގެ އިސްތިޢުމާރީ ބާރުތަކުން މަސައްކަތް ކުރަމުން ގެންދެ އެވެ. އަސްކަރީ އިސްތިއުމާރު ނިމުނު ކަމުގައި ވިއަސް އެ ބާރުތަކުގެ އަހުލުވެރިން ބޭނުންވާ މާއްދީ އަދި ސިޔާސީ މަންފާތައް ހޯދުމަށްޓަކައި ފިކުރީ އަދި ސަގާފީ އިސްތިއުމާރުގެ ވަކިތަކުން މުސްލިމުން މިންޖެއް ނުވެ އެވެ. އެހެންކަމުން މި ހާލަތުން ސަލާމަތްވެ ދިރިއުޅުމުގެ ކަންކަމާއި ދީނަކީ އެކައްޗެއް ކަމަށް ހެދުމަށް މުސްލިމުން ގަދައަޅައި މަސައްކަތް ކުރަން ޖެހެ އެވެ.

މިގޮތަށް މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބަޔަކީ ޢިލްމުވެރިންނާއި ޢިލްމު ހޯދުމަށް މަސައްކަތް ކުރަމުންދާ ދަރިވަރުންނާއި ދީނަށް ގޮވާލާ މީހުންނާއި ސިޔާސީ ގޮތުންނާއި މާލީ ގޮތުން ބާރުވެރިކަން ލިބިފައިވާ ފަރާތްތަކެވެ. އަދި މިކަމަށްޓަކައި މަސައްކަތް ކުރުމުގައި ވަރަށް މުހިންމު ދެ ހަތިޔާރެއްގެ ބޭނުން ހިފަން ޖެހެ އެވެ. އެއީ ޢިލްމާއި ޢަމަލެވެ. މިދެކަންތައް އެކީގައި އޮތުން ލާޒިމެވެ. މިތަނުގައި ޢިލްމޭ ބުނާ ބަހުގެ މުރާދަކީ އެ ޢިލްމެއްގެ ސަބަބުން ހިތްތަކުގައި ހަގީގީ އީމާންކަން ވަރުގަދަ ކުރާ ޢިލްމެވެ. ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ﷲ އާއި އެކަލާނގެ ރަސޫލާ އާއި އިސްލާމްދީން ދެކެ ލޯބިވުން ވަރުގަދަ ކުރާ ޢިލްމެވެ. މިފަދަ ޢިލްމެއް ކަމުގައި ވާނީ އިސްލާމްދީން އޭގެ ހަގީގަތުގައި ދެނެގަނެވޭ ކަމުގައިވާ ނަމަ އެވެ. ދީނުގެ ނައްޞުތައް އޭގެ މަތިމަތިން ފެންނަ މާނަތަކުގެ އިތުރަށް އިސްލާމީ އެންމެހާ އުސޫލުތަކާއި ހަމަތަކުގެ އަލީގައި އަދި ދުނިޔޭގައި ކަންހިނގާގޮތްވެސް އެނގިގެން ދޭހަ ކުރެވޭ ދޭހައެއް ކަމުގައި ވާނަމަ އެވެ.

ދިރިއުޅުމުގެ ކަންތައްތަކުން ދީން ވަކިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ހަގީގަތް ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. މިގޮތުން އިސްތިއުމާރީ ބާރުތަކުން މުސްލިމުންގެ ތެރެއިން އެކި މީސްމީހުން ލައްވާ ކުރުވަމުންދާ މަސައްކަތްތަކާއި މަކަރުވެރި ގޮތުގައި އެބައިމީހުން ކުރަމުން ގެންދާ ކަންކަމުގެ ހަގީގަތްތައް ވެސް ދެނެގަންނަން ޖެހެ އެވެ. މީގެ އިތުރުން ސެކިއުލަރިޒަމް އާއި ގްލޯބަލައިޒޭޝަން އާއި މިނޫންވެސް މިފަދަ އެހެން ގޮވާލުންތަކުގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ކަންކަމަކީ ކޮބައިތޯ އާއި އެފަދަ ދައުވާތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން މުސްލިމުންނަށް މަންފާއެއް ހޯދިދާނެ ކަންކަމަކީ ކޮބައިތޯ ވެސް ވަރަށް ރަނގަޅަށް ދެނަގަންނަން ޖެހެއެވެ.

މިކަންކަން ދެނެގަނެ އިލްމުވެރިވުމަށް ފަހު އިލްމުވެރިންގެ މައްޗަށް ލާޒިމުވެގެން ވަނީ މުސްލިމުންގެ ތެރޭގައި އިސްލާމީ ހޭލުންތެރިކަން އިތުރު ކުރުމެވެ. މި ހޭލުންތެރި ކުރުވުމަކީ ހަމައެކަނި ދީނީ ސައްހަ އަގީދާއެއް ބިނާކުރުމަށް ނުވަތަ ދީނީ ޢިބާދާތުތަކަށް އަހުލުވެރި ކުރުވުމަށް އޮންނަ ހޭލުންތެރި ކުރުވުމެއް ކަމުގައި ވެގެން ނުވާނެ އެވެ. އޭގެ އިތުރުން ދިރިއުޅުމުގެ ހަޔާތާ ގުޅުންހުރި ހުރިހާ މައުޟޫޢު ތަކެއްގައި އިސްލާމީ ނަޒަރުން ބަލާލެވި މީސްތަކުން ހޭލުންތެރި ކުރުވަން ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިގޮތުން އިސްލާމްދީނާ ސިޔާސަތާ ހުރި ގުޅުމާއި އިސްލާމްދީނާއި އިގުތިސާދާ ހުރި ގުޅުމާއި އިސްލާމްދީނާއި އިޖުތިމާއީ ކަންކަމާއި ހުރި ގުޅުމާއި އިސްލާމްދީނާއި ސިއްހީ ކަންކަމާ ހުރި ގުޅުމާއި މިހެންގޮސް މިފަދަ އެތައް މައުޟޫޢެއްގައި މީސްތަކުން ހޭލުންތެރި ކުރުވުމަށް މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުން ކުރަން ޖެހޭނެ އެވެ.

ބަވަނަ ކުރުމުގެ ނަމުގައި ހަމައެކަނި ވަކި ބައެއްގެ ފިކުރުތަކާއި ޚިޔާލުތައް އެއީ އެންމެންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދައުވާކޮށް ސެކިއުލާ ނިޒާމު ނުވަތަ ލާދީނިއްޔަތާއި ލިބެރަލް ޑިމޮކްރެސީ އާއި ޤައުމިއްޔަތާއި މިނޫންވެސް އެހެން ފިކުރުތައް ފަތުރަން މަސައްކަތް ކުރަމުން ގެންދާއިރު މިފިކުރުތަކާ މެދު މުސްލިމުން ހޭލުންތެރި ކުރުމަކީވެސް ހަމަކޮންމެހެން ކުރަން ޖެހޭ މަސައްކަތެކެވެ. މީގެ އިތުރުން މުސްލިމުންގެ އަގު ވައްޓާލުމަށްޓަކައި އޮޅުވާލެވިގެން ދެކެވޭ ވާހަކަތަކަށް ނުވަތަ ޝުބުހަތްތަކަށް ރައްދު ދިނުމަކީވެސް ކުރަން ޖެހޭ މުހިންމު މަސައްކަތެކެވެ. ސަބަބަކީ މިފަދަ ވާހަކަތަކަށް ރައްދު ނުދެވޭ ނަމަ މުސްލިމުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް އިސްލާމްދީނުގެ ހުރި ފުރިހަމަކަން ނޭނގި ދިއުން އެކަށީގެންވާތީ އެވެ.

އިސްލާމީ ޢިލްމުތައް ފަތުރައި މުސްލިމުން ހޭލުންތެރި ކުރުވުމަށް އާންމުކޮށް ކުރެވޭ މަސައްކަތުގެ އިތުރުން ލާދީނީ ނިޒާމު ފެތުރުނަ ނުދިނުމަށްޓަކައި މުސްލިމުންގެ މައްޗަށް ލާޒިމުވާ އަނެއް މުހިންމު ކަމަކީ މުސްލިމުންގެ ތައުލީމީ ނިޒާމު އިސްލާމްވަންތަ ކުރުމެވެ. މާނައަކީ ތަޢުލީމީ ފަލްސަފާ އާއި އަމާޒާއި މަގުސަދުތަކާއި ޢިލްމުގެ މަސްދަރުތަކާއި މަންހަޖުތަކުގައި އެކުލެވެން ޖެހޭ ބައިތަކާއި ކިޔަވައިދިނުމާއި މިފަދަ ހުރިހާ ކަމެއްގައިވެސް އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ތަބާވުމާއި މިހަމަތަކާ ފުށުއަރާ ކަންކަމުން މުޅި ނިޒާމު ސަލާމަތް ކުރުމެވެ. މިލިޔުން ޚާއްޞަ ކޮށްލާފައި މިވަނީ ދުސްތޫރީ ނިޒާމު އިސްލާމީ މަންހަޖާ އެއްގޮތް ކުރުމުގެ މައްޗަށް ކަމަށްވާތީ ތަޢުލީމީ ނިޒާމާ ބެހޭ ތަފްސީލުތަކަށް ނުދާނަމެވެ.

މުސްލިމުންގެ ދުސްތޫރީ ނިޒާމު އިސްލާމީ މަންހަޖާ އެއްގޮތް ކުރުމަށް މަސައްކަތް ކުރުމަކީ ލާދީނީ ނިޒާމު ފެތުރުނަ ނުދިނުމަށްޓަކައި ހަމަ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އިސްލާމީ ތާރީޚުން އެނގޭ ގޮތުގައި މުސްލިމުންގެ އެންމެ ފުރަތަމަ ދައުލަތް ކަމުގައިވާ މަދީނާގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އުފެއްދެވި ދައުލަތުން ފެށިގެން ކުރީގެ ހުރިހާ ޒަމާންތަކެއްގައި ވެސް މުސްލިމުންގެ ދުސްތޫރީ ނިޒާމުގެ އެންމެ އިސް މަސްދަރަކީ އިސްލާމީ މަންހަޖެވެ. މިގޮތުން މަދަނީ ކަންކަމާއި ޖިނާއީ ކަންކަމާއި އާއިލީ ކަންކަމާއި މި ނޫން ވެސް ދިރިއުޅުމުގެ ހުރިހާ މައިދާންތަކަށް ފެތޭ އެންމެހާ ގާނޫނުތަކުގެ އެންމެބޮޑު ބަޔަކީ އިސްލާމީ ޝަރީއަތެވެ. އަދި ޒަމާނާއި ތަނަށް ރިއާޔަތް ކުރުމަށްޓަކައި ކަމުގެ އަހުލުވެރިންގެ އިޖުތިހާދު ތަކުގެ އަލީގައި ހަދަމުން ދިޔަ ގާނޫނުތައް ވެސް ހެދެމުން ދިޔައީ އިސްލާމީ ޝަރީއަތް އަސާސެއް ކަމުގައި ބަލައިގެންނެވެ.

ވެރިންނާއި ރައްޔިތުން ވެސް އިސްލާމީ ޝަރީއަތަށް ލޯބިކޮށް އެއަށް ގަދަރުކުރި އެވެ. ކޮންމެ ހުކުމެއް ކުރުމުގައި ވެސް އިސްލާމީ ޝަރީއަތުން ފަތުވާ ލިބިގަތެވެ. އިސްލާމީ ހުކުމް ފިޔަވައި އެހެން ހުކުމެއް ނުވަތަ އިސްލާމީ އުސޫލުތައް ފިޔަވައި އެހެން އުސޫލުތަކެއް އަސާސަކަށް ހެދުމަށް މީހަކު ފިކުރެއް ވެސް ނުކުރެ އެވެ. އެގޮތުގައި މުސްލިމް ވެރިންނާއި ރައްޔިތުން ދެމިތިބީ އެމީހުންގެ ޢަޤީދާ އެގޮތަށް ނިޔާކުރާތީ އެވެ. ﷲ ބާވައިލެއްވި ޝަރީއަތް ފިޔަވައި އެހެން އެއްޗަކުން ހުކުމްކުރާ ބަޔަކީ ފާސިޤުން ކަމުގައި ނުވަތަ އަނިޔާވެރިން ކަމުގައި ނުވަތަ ކާފިރުން ކަމުގައި ވާނެކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާތީ އެވެ. (އަލްމާއިދަތު 44-47).

މިކަން މިގޮތަށް އޮތް ކަމުގައި ވިއަސް މިއަދު މުސްލިމުންގެ ދުސްތޫރީ ނިޒާމުތައް ލާދީނީ ކުރެވެމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ. އެހެންވެ އެކަމަށް ފުރުސަތު ނުދިނުމަށް މުސްލިމުން މަސައްކަތް ކުރަން ޖެހެ އެވެ. މީގެ މާނައަކީ އެހެން މީހުންގެ ދުސްތޫރީ ނިޒާމުތަކުގައިވާ މުސްލިމުންނަށް މަންފާ ކުރާނެ ކަންކަމުގައި ނުހިފުމެއް ނޫނެވެ. އެއިން ފައިދާ ލިބިގަތުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެކެވެ. އެކަމަކު މުސްލިމުންގެ ހުރިހާ ކަމެއް ރޭވުމުގައި ވެސް އަސާސަކަށް ވާންޖެހޭނީ އިސްލާމީ ޝަރީއަތް ކަމަށް ވާތީ މުސްލިމުންގެ ދުސްތޫރީ ނިޒާމު ވެސް އެކުލަވާލަން ޖެހޭނީ އިސްލާމީ މަންހަޖާ އެއްގޮތަށެވެ. މިގޮތުން އިސްލާމީ މަންހަޖާ އެއްގޮތަށް ދުސްތޫރީ ނިޒާމު ރޭވުމަށްޓަކައި މުސްލިމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކަށް ސަމާލުކަން ދޭން ވާނެ އެވެ.

މިގޮތުން ދުސްތޫރީ ނިޒާމު އިސްލާމްވަންތަ ކުރުވުމަށްޓަކައި އިސްލާމީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކާއި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންވާ ފަރާތްތަކުން އިސްވެ މަސައްކަތް ކުރަން ޖެހޭނެ އެވެ. މި މަސައްކަތުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމެވެ. މިގޮތުން މިކަމަށް ތާއީދު ކުރުމާއި، ދުސްތޫރީ ނިޒާމުގައި އިސްވެ ހަރަކާތްތެރިވާން އެކަށޭނަ އިސްލާމީ ތަސައްވުރެއް ލިބިފައިވާ މީހުން ބިނާކުރުމުގައި ހިއްސާ ވެވިދާނެ އެވެ. އަދި މިއިން ދާއިރާއެއްގައި މަސައްކަތް ކުރަން މީހުންނަށް ފުރުސަތު ދިނުމުގައި އާންމުންނަށް ލިބޭ ފުރުސަތުގައި، އެބަހީ އިންތިޚާބުތަކުގައި، ލާދީނީ ފިކުރުގެ މީހުންނަށް އެފަދަ ފުރުސަތެއް ނުދިނުމަށް ވެސް މަސައްކަތް ކުރެވިދާނެ އެވެ. މިއީ އިސްލާމް ދީނަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.