05 އެޕްރީލް 2019 - 09:44

މެންޗެސްޓާ (އޭޕްރީލް 5) - މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ އެހެން ޓީމުތަކާ އަޅާބަލާއިރު ލިވަޕޫލުން ކުޅުންތެރިންގެ އޭޖެންޓުންނަށް އެންމެ ބޮޑު ހަރަދުކޮށްފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފި އެވެ.
އިނގިރޭސި އެފްއޭ އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުޅުންތެރިންގެ އޭޖެންޓުންނަށް 43.8 މިލިއަން ޕައުންޑް (57 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. މިއީ ދެން އެންމެ ގިނައިން ހަރަދުކުރި ޓީމަށް ވުރެން 17 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އެ މުއްދަތުގެ ތެރޭގައި ލިވަޕޫލުން ވަނީ އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ފަބީނިއޯ، ނަބީ ކެއިޓާ، ޒެރްޑަން ޝަގީރީގެ ސޮއި ހޯދައިފަ އެވެ. އަދި ވާޖިލް ވެން ޑައިކް ގަތް އަގުގެ ވަކި އިންސައްތަ އެއް ދެއްކީ ވެސް އެ މުއްދަތު ތެރޭގައި ކަމަށްވެ އެވެ. އަދި ޓީމުގައި ތިބި އިތުރު ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރިއިރު، އޭޖެންޓުންނަށް ވަނީ އިތުރު ފީ އެއް ދީފަ އެވެ.
ދެ ވަަނަ އަށް އޭޖެންޓުންނަށް އެންމެ ބޮޑު ހަރަދެއްކުރީ ޗެލްސީންނެވެ. އެ ޓީމުން ވަނީ 26.9 މިލިއަން ޕައުންޑް (35.7 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. ތިން ވަނަ އަށް ދިޔައީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން 24.7 މިލިއަން ޕައުންޑް (33 މިލިއަން ޑޮލަރު) ހޭދަކުރިއިރު، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ 20.3 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ.
ޕްރިމިއާ ލީގުން އެންމެ މަދުން އޭޖެންޓުންނަށް ހަރަދުކުރީ ކާޑިފް ސިޓީންނެވެ. އެ ޓީމުން ހަރަދުކުރީ 2.8 މިލިއަން ޕައުންޑް (ތިން މިލިއަން ޑޮލަރު) އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިޔަކު ނުގެނައި ނަމަވެސް ޓޮޓެންހަމުން ވަނީ 11.2 މިލިއަން ޕައުންޑް (14.6 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. އެ ޓީމުން ބޮޑު ހޭދައެއްކުރީ ކްލަބްގައި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް ދިގު މުއްދަތަށް އާކުރި އިރު އެވެ.
ޖުމްލަ އެކު މި ފަހަރު ޕްރިމިއާ ލީގުގެ ކްލަބްތަކުން އޭޖެންޓުންނަށް ހަރަދުކުރި މިންވަރު 260 މިލިއަން ޕައުންޑް (340 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އިނގިރޭސި އެފްއޭ އިން އަންނަނީ އޭޖެންޓުންނަށް ކްލަބްތަކުން ދޭ ފީ ކުޑަކުރަން ގަވާއިދުތަކެއް ހެދުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން އޭޖެންޓުންނަށް ކުރާ ހަރަދުތައް ވަކި މިންގަނޑެއްގެ ތެރެއިން ކޮންޓްރޯލް ކުރެވޭނެ ގަވައިދުތަކެއްގެ މަސައްކަތް އެއްކޮށް ނިމި އަންނަ ސީޒަނުން ފެށިގެން އަމަލުކުރަން ފެށޭވަރުވާނެ ކަމަށް އެފްއޭ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.
ފީފާ އިން ވެސް އަންނަނީ އޭޖެންޓުންނަށް ދޭ ފީ ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ފީފާ އިން މަސައްކަތްކުރަނީ އޭޖެންޓުންނަށް ފީއެއް ދޭނީ ކުޅުންތެރިންނާ އެކު ވެވޭ އެއްބަސްވުމުގެ ތެރެއިން ކަމަށް ހަދައި ކްލަބުން އޭޖެންޓުންނަށް ފީ ދޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރާށެވެ. އެ ގޮތުން އޭޖެންޓަކަށް އެންމެ ގިނައިން ނެގޭނީ ކުޅުންތެރިޔާ އާއި ކްލަބާ ދެމެދު ހަދާ އެއްބަސްވުމުގެ ފަސް ޕަސެންޓަށްވާ ފައިސާ ކަމަށް ހެދުމަށް ފީފާ އިން ވަނީ ނިންމައިފަ އެވެ.