05 އެޕްރީލް 2019 - 09:39

ލަންޑަން (އޭޕްރީލް 5) - އަންނަ އަހަރު ޔޫރަޕްގެ 12 ސިޓީއެއްގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެއް ފޭވަރިޓަކީ އިންގްލެންޑް ކަމަށް މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން ވަނީ 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލްގައި ކުޅެފަ އެވެ. އިންގްލެންޑަށް މުބާރާތުގެ ހަތަރު ވަނަ ލިބުނީ ތިން ވަނަ ހޯދާ މެޗުގައި ޑިބްރޭނާގެ ބެލްޖިއަމް އަތުން ބަލިވުމުންނެވެ.
ޔުއޭފާ އިން ދާދި ފަހުން ފެށި ޔުއެފާ ނޭޝަން ލީގުގެ ފައިނަލް ބުރުން އިންގްލެންޑް ވަނީ ފުރުސަތު ހޯދައިފަ އެވެ. އަދި ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުތަކުގައި ވެސް އިންގްލެންޑުން ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.
ޑިބްރޭނާ ބުނީ މި ހުރިހާ ކަމަކަށް ބަލާއިރު އިންގްލެންޑުން ފުޓްބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
"އަހަރެން މިދިޔަ ހަފްތާގައި އިންގްލެންޑްގެ ބައެއް ކުޅުންތެރިން ގާތުގައި ބުނިން. އެ މީހުން ޖެހޭނެއޭ އަންނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރަން. އަހަރެންގެ ނަޒަރުގައި ފްރާންސް އެކޭ އެއް ގޮތަށް އިންގްލެންޑަކީ ވެސް ފޭވަރިޓެއް،" ޑިބްރޭނާ ބުންޏެވެ.
ޑިބްރޭނާ ބުނީ އިންގްލެންޑްގެ ކުޅުންތެރިން އަންނަނީ ކްލަބް ލެވެލްގައި ވެސް ވަރަށް ބޮޑު ތަފާތެއް ދައްކަމުން ކަމަށާއި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑްގެ ހަތަރު ޓީމެއް ކުޅޭއިރު، އޭގެ ފަހަތުގައި ވެސް އިންގްލެންޑް ކުޅުންތެރިންގެ ދައުރު ބޮޑު ކަމަށެވެ.
"މި ވަގުތު ކްލަބްތަކުގައި ތިބި ކުޅުންތެރިންނާއި މުސްތަގުބަލުގައި ފުރުސަތު ދޭ ވަރަކަށް ރަނގަޅުވާނެ ކުޅުންތެރިން ވެސް އެބަތިބި. ފަހަރެއްގައި އަންނަ ފަހަރު އިންގްލެންޑަށް ކާމިޔާބު ނުވިޔަސް އެ ޓީމުގެ ހުނަރަށް ބަލާއިރު ކުރިއަށް އޮތް 10 އަހަރު ތެރޭ ޔަގީނުން ވެސް އިންގްލެންޑުން ބައިނަލްއަގްވާމީ ލެވެލްގައި ކާމިޔާބެއް ހޯދާނެ،" ޑިބްރޭނާ ބުންޏެވެ.
އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ކުރަމުން އަންނަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ފަސްނުޖެހުމަކީ ގައުމެއްގެ ފުޓްބޯޅަ ކުރިއަރައިގެންދާނެ ފުރަތަމަ ފިޔަވަޅު ކަމަށް ޑިބްރާނާ ވަނީ ބުނެފަ އެވެ.