05 އެޕްރީލް 2019 - 09:34

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ސަރުކާރާއި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ނުލިބި އޮތް ނަމަވެސް އެފަދަ ސިޔާސީ ސަބަބަކަށްޓަކައި އަބްރަމޮވިޗް ޗެލްސީ ވިއްކާނުލާނެ ކަމަށް އެ ކްލަބްގެ ޗެއާމަން ބްރޫސް ބަކް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު މެއި މަހު އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް ވިސާ ދޭން ދެކޮޅު ހެދުމުން އޭނާ އަށް ޗެލްސީ މެޗުތައް ބަލަން ދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ، ވަގުތީ ގޮތުން ނަމަވެސް އިޒްރޭލުގެ ރަށްވެހިކަން ހޯދައި މިހާރު އަބްރަމޮވިޗް އުޅެނީ ޓެލް އަވީވް ގަ އެވެ.
ބަކް ވިދާޅުވީ 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއްވެސް ބަދަލެއް ނައިސް ހުރީ ކްލަބަށް ކާމިޔާބު ހޯދައިދިނުމުގެ އަޒުމުގަ އެވެ.
"އޭނާގެ ވިސްނުން އަދިވެސް އޮތީ ޗެލްސީއާ އެކު. އެއްވެސް އިރަކު މި ކްލަބް ވިއްކާލުމުގެ މަޝްވަރާއެއް ކޮށްފައެއް ނެތް. ކޮންމެ ފަހަރަކު ވެސް އަބްރަމޮވިޗް ވާހަކަ ދައްކަނީ ކްލަބް ރަނގަޅު ކުރަން ގެނެވޭނެ ކުޅުންތެރިއަކާ ބެހޭގޮތުން. އޭގެން ވެސް އެނގެނީ އޭނާ ހުރީ ކްލަބާ އެކުގައިކަން،" ބަކް ވިދާޅުވި އެވެ.
ޗެލްސީ ގަތުމަށް އަރަބި ގިނަ އިންވެސްޓަރުންގެ އިތުރުން ދާދި ފަހުން އިނގިރޭސި މަހުޖަނު ޖިމް ރެޓްކިލްފް ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު ބަކް ވިދާޅުވީ މި ވަގުތު ޗެލްސީ ވިއްކާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ކްލަބް އޮތީ ވަރަށް ސާބިތުކަމާ އެކު އަބްރަމޮވިޗްގެ ޕްލޭނުގެ ތެރެއިން ކުރިއަށްދާ ގޮތަށް ކަމަށެވެ.
"އުފެދިފައި އޮތް މައްސަަލަ އެއް ހޯދައި އަބްރަމޮވިޗް ވަރަށް އަވަހަށް އިންގްލެންޑަށް އައިސް ޓީމުގެ ކަންތައްތަކާ ހަވާލުވާނެ،" ބަކް ވިދާޅުވި އެވެ.
ފަހަކަށް އައިސް ޗެލްސީގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މިހާރު އޮތްގޮތުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށް ވެސް ޗެލްސީ އަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ،
ސާރީގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވެމުންދާއިރު، ބަކް ވިދާޅުވީ އެ ޓީމުގެ އެއްވެސް މަގާމަކަށް ބަދަލެއް ގެންނަ މަޝްވަރާއެއް މިހާތަނަށް ކުރެވިފައި ނެތް ކަމަށެވެ.
"ކޯޗުގެ ޕްލޭނަކީ ސީޒަނަށް ކަނޑައަޅާ އެއްޗެއް. އަހަރެމެން މި ފަހަރު މި އަންނަނީ ޔޫރޮޕާ ލީގުގައި ކުޅެމުން. މިހާރު ކޮންމެ ގޮތެއް ހަދާފައިވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުން އެ ޓާގެޓަކީ. އެކަން ކުރަން އެބައޮތް ދެ ފުރުސަތު. އެއީ ޔޫރޮޕާ ލީގު ކާމިޔާބުކުރުން ނޫނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ހޯދުން. މި ދެ ކަމަކީ ވެސް ޗެލްސީގެ އަމިއްލަ ބާރުގައި ވެދާނެ ކަންތައް،" ބަކް ވިދާޅުވި އެވެ.
އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް 2020 ގެ ކުރިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އަދަބުދީފަ އެވެ. އެ މައްސަަލަ އިސްތިއުނާފްކުރުމަށް ޗެލްސީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބަކް ވިދާޅުވި އެވެ.