ސްޓާލިން 550 ކުދިންނަށް ޓިކެޓް ގަނެދީފި
ސްޓާލިން 550 ކުދިންނަށް ޓިކެޓް ގަނެދީފި

ލަންޑަން (އޭޕްރީލް 5) - އެފްއޭ ކަޕް ސެމީ ފައިނަލުގައި މާދަމާރޭ ވެމްބްލީ ސްޓޭޑިއަމްގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗު ބަލަން 550 ކުދިންނަށް މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން ޓިކެޓް ދީފި އެވެ.

އުމުރުން 24 އަހަރުގެ ސްޓާލިން ވަނީ ޓިކެޓްގެ އިތުރުން އެ ހުރިހާ ކުދިން ދަނޑަށް ގެންދިއުމުގެ ދަތުުރުފަތުރު ހަރަދުވެސް ދޭން ނިންމައިފަ އެވެ. އާކް އެލްވިން އެކެޑަމީ އަކީ ސްޓާލިން ކުރިން ކިޔެވި ސްކޫލް އެވެ. ސްޓާލިން އެ ސްކޫލުން ކިޔެވިއިރު، އެ ތަނުގެ ނަމަކީ ކޮޕްލޭންޑް ކޮމިއުނިޓީ ސްކޫލް އެވެ. އެތަން އެކެޑަމީ އަކަށް ބަދަލުކުރިން 2014 ވަނަ އަހަރު އެވެ. އާންމުކޮށް އެ ސްކޫލުގައި ކިޔަވައިދެނީ މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު ނުލިބި ތިބި ކުދިންނަށެވެ.

މީޑިއާ އަށް ވާހަކަ ދައްކަމުން އާކް އެލްވިންގެ ޕީއީ ޓީޗަރު ރެބެކާ ކާޓިސް ބުނީ މިއީ އެ ސްކޫލުގައި ކުރިން ތައުލީމު ހާސިލްކުރި ކުއްޖެއްގެ ހައިސިއްޔަތުން ސްޓާލިން ކުރި ވަރަށް ރަނގަޅު ކަމެއްކަމަށާޢި އެ ސްކޫލުގައި ތިބި ގިނަ ކުދިންނަކީ ބޮޑު މެޗެއް ބަލާލުމުގެ ނަސީބު މިހާތަނަށް ލިބިފައިނުވާ ކުދިން ކަމަށެވެ.

ޖެމެއިކާ އަށް އުފަން ސްޓާލިން އިންގްލެންޑަށް ދިިރިއުޅުން ބަދަލުކުރީ ރެފިއުޖީއެއްގެ ގޮތުގައި އުމުރުން އެންމެ ފަސް އަހަރުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެކި ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ގޮތުން 2016 ވަނަ އަހަރު މެންޗެސްޓާގެ ޕޮލިހުންގެ ޗެރިޓީގެ އެމްބެސެޑަރަކަށް ސްޓާލިން ހަމަޖެއްސިއިރު، މިދިޔަ އަހަރު އޭނާ ވަނީ އަމިއްލަ ހަރަދުގައި ތަނަވަސްކަން ނެތް ކުދިންނަށް އެކެޑަމީއެއް ފަށައިފަ އެވެ.

ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އެކެޑަމީގައި ފާހަގަވި ސްޓާލިން އަށް ގިނަ ކްލަބްތަކެއްގެ ކަޅި އަމާޒުވެފައިވަނިކޮށް އޭނާ ގެންދިޔައީ ލިވަޕޫލުންނެވެ. ލިވަޕޫލްގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކައި ސްޓާލިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ލިވަޕޫލް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ސްޓާލިން ސޮއިކުރީ 49 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުގައި ހޭދަކުރި އެންމެ ފަހު ސީޒަނުގައި ސްޓާލިން ވަނީ އެ ޓީމާ އެކު އިނިގރޭސި ޕްރިމިއާ ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. އެއީ 2014 ވަަނަ އަހަރު، މިހާރު ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅުނުއިރު އެވެ.