05 އެޕްރީލް 2019 - 07:31

ކޮންމެ ފަސް މަރަކުން އެއް މަރަކީ ރަނގަޅު ނޫން ކާނާ ކެއުމާ ގުޅުން ހުރި މަރެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިއީ އަހަރަކު 11 މިލިއަނާ ގާތްކުރާ އަދަދެކެވެ. އަދި މިއީ ލޭގެ ޕްރެޝަރު އިތުރުވުމުންނާއި ދުންފަތުގެ ސަބަބުން މަރުވާ މީހުންނަށް ވުރެ ވެސް މަތީ އަދަދެކެވެ.
ވޮޝިންޓަން ޔުނިވަސިޓީގެ ހެލްތް މެޓްރިކްސް ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. އަޝްކަން އަޝްފިން ވިދާޅުވީ ނުރަނގަޅު ކާނާގެ ތެރޭގައި ހިމެނޭ ރަތް މަހާއި ސޮސެޖް ފަދަ ބާވަތްތަކުގެ އިތުރުން ހަކުރު އަޅާފައި ހުންނަ ބުއިންތައް ގިނައިން ބޭނުންކުރުމާއި މޭވާ އާއި ތަރުކާރީ އާއި ނަޓްސް އާއި ގޮވާން އަދި ކިރުގެ ބާވަތްތައް ބޭނުންކުރުން މަދުވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އެހެނިހެން ގެއްލުން ދެނިވި އާދަތައް ގެންގުޅެން މަރުވާ މީހުންގެ އަދަދަށް ވުރެ ގިނަ އެވެ.
ލޭންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި 1990 އިން 2017 އާ ދެމެދު 195 ގައުމެއްގައި އެ ދުވަސްވަރަކު އެންމެ ހިނގާ 15 ބާވަތެއްގެ ކެއުން ވަނީ ބަލައިފަ އެވެ. މި ކެއުންތަކުގެ ތަކުގައި މޭވާ، ތަރުކާރީ، ގޮވާމުގެ ބާވަތްތައް، ނަޓްސް، ކިރު، ފައިބަ، ކެލްސިއަމް، ސީފުޑް އަދި އޮމެގާ ތްރީ މަދުކަމަށް ދައްކާފައިވާއިރު، މި ބަޔާންކުރި ފަދަ ފޮނި ބުއިންތަކާއި ރަތް މަސްފަދަ ފައިދާ މަދު ބާވަތްތައް ގިނަ އަދަކަށް ހިމެނިފައިވާކަން ހާމަވި އެވެ.
އެއް ހޯދުމަކުން ހާމަވި ގޮތުގައި 2017 ވަނަ އަހަރު އެކަނި ވެސް 11 މިލިއަން މީހުން މަރުވެފައިވަނީ މިފަދަ ދުޅަހެޔޮ ނޫން ކާނާގެ އާދަތަކާ ގުޅިގެންނެވެ. މީގެ ތެރެއިން 10 މިލިއަން މަރުގެ ސަބަބަކަށް ހިތުގެ މައްސަލަތައް ވެފައިވާއިރު ބާކީ 913،000 މީހުންގެ މަރުގެ ސަބަކަށް ވެފައި ވަނީ އޮބޭސިޓީއާ ގުޅުން ހުރި ކެންސަރެވެ. އަދި 339،000 ގާތްކުރާ އަދަދަކަށް، ޓައިޕް 2 ޑައިބިޓީސްގައި މަރުވެފައި ވެ އެވެ.
ހޯދުންތަކުން ހާމަވި އަނެއް ކަމަކީ ގެއްލުން ހުރި އެއްޗެހި ގިނައިން ކާ މީހުންނަށްވުރެ ފައިދާހުރި އެއްޗެހި މަދުން ކާ މީހުން މިފަދަ މަރުތަކާ ބޮޑަށް ގުޅިފައިވާކަމެވެ. ޑރ އަޝްކަން ވެސް ބޮޑަށް ފާހަގަކުރީ ފަހުން މި ބުނި ގޮތެވެ.