އެޗްޕީވީ ވެކްސިންގެ ކާމިޔާބީ ސްކޮޓްލެންޑުން ފެނިއްޖެ
އެޗްޕީވީ ވެކްސިންގެ ކާމިޔާބީ ސްކޮޓްލެންޑުން ފެނިއްޖެ

ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގު ފަހިކުރުވާ ހިއުމަން ޕެޕިލޯވާވައިރަސް (އެޗްޕީވީ) އާ ދެކޮޅަށް ވެކްސިން ދޭން ފެށުމުން މި ބާވަތުގެ ކެންސަރުޖެހޭ މީހުންގެ އަދަދު ސްކޮޓްލެންޑްގައި ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި މީގެ 10 އަހަރުކުރިން ތައާރަފްކުރި މި ވެކްސިން ޕްރޮގްރާމާއެކު ކެންސަރުގެ ވަރަށް ގިނަ ކޭސްތައް ވަނީ ބަލި ޖެހުމުގެ ކުރިން ނައްތާލެވިފަ އެވެ.

ޖިންސީ ގުޅުމުން އަރާ ވައިރަސްގެ ސަބަބުން ކެންސަރު ސެލްތައް އުފެދެން ފަށާ މަރުހަލާގައި އޭގެ 90 ޕަސެންޓް އެޗްޕީވީ ވެކްސިނުން ނައްތާލެވޭ ކަމަށް ދިރާސާއިން އެނގުނެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި، އިނގިރޭސި ވިލާތުގެ ސުކޫލް ކުދިން ވަނީ އުމުރުން ބާރަ ނުވަތަ ތޭރަ އަހަރުގައި އެޗްޕީވީ ވެކްސިން ޖަހައިފަ އެވެ. ސްކޮޓްލޭންޑްގައި މި ވެކްސިން ބޭނުންކުރާ ނިސްބަތަކީ 90 ޕަސެންޓެވެ.

ސްކޮޓްލޭންޑްގެ އެކި ޔުނިވަސިޓީތަކުން ހޮވާލި ޓީމަކުން ވަނީ 2008 އިން 2016 އަށް 14،000 އަންހެނުންނަށް ވެކްސިން ދިނުމާއި އެމީހުންގެ ސްކްރީނިން ރެކޯޑު ކުރިއަށް ދިޔަގޮތް ވަނީ ބަލައިފަ އެވެ. މިމީހުންނަކީ އަލަށް ސާވިކަލް ސްކްރީނިންއެއް ގައި ބައިވެރިވި މީހުންނެވެ.

އެމީހުންގެ މި ދިރާސާ ޝާއިއުކޮށްފައިވާ "ބީއެމްޖީ" ގައި ބުނެފައިވާ ގޮތުގައި ސްކޮޓްލޭންޑްގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ރަހިމުގެ ދޮރަށް ޖެހޭ ބަލިތައް ވަނީ މިވެކްސިން ޕްރޮގްރާމާ ގުޅިގެން ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އޭގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިވެކްސިނަކީ އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތުގައި ކުރާ ވެކްސިނެކެވެ. އަދި މުސްތަގުބަލްގައި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ އަދަދު މިއަށް ވުރެ ވެސް ބޮޑަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.