05 އެޕްރީލް 2019 - 08:21

މަރުން ސަލާމަތްވެގެން ބޮޑުވުމަކީ އާދައިގެ ވެލައަކަށް ވެސް ގޮންޖެހުމެކެވެ. ދޮން ވެލައަކަށް އެ ގޮންޖެހުން އަދި އަމުދުން ބޮޑުވާނެ އެވެ.

މަދުން ނޫނީ ނުފެންނަ ދޮން ވެލައެއް މާލެ ކައިރީގައި ހާލުގައި ޖެހިފައި އޮއްވާ ދާދި ފަހުން ސަލާމަތްކުރި އިރު އޭތީގެ ވާހަކަ އާދަޔާހިލާފެވެ. އުފެދުމުގައި މައްސަލަތަކެއް ހުރި އަދި ފީނައިނުގަނެވިފައި އޮއްވާ ފެނުނު 16 ކިލޯގެ އެ ވެލަ އަށް ކަނޑުގައި އެހާ ދިގު މުއްދަތަކަށް ހިފަހައްޓާލެވުމަކީ، އޭތި ބެލި ޑޮކްޓަރުގެ ބަހުން ނަމަ، "އަޖައިބެއް ފަދަ" ކަމެކެވެ.
ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ "ކްލައުޑް"އަކީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން ހަމުގައި ޕިގްމެންޓޭޝަން މަދުވުން ނުވަތަ "ލޫކިޒަމް" ހުންނަ ވެލައެކެވެ. އެ ޕްރޮޖެކްޓްގެ ވެޓްރިނަރީ ސާޖަން ޑރ. ކްލެއާ ތޯމަސް ފާހަގަކުރާ ގޮތުގައި އެފަދަ ވެލާ އުފަންވުމަކީ ވެސް ވަރަށް ނާދިރު ކަމެކެވެ.
އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ކްލައުޑްގެ ވާހަކަ ކްލެއާ ކިޔައިދީފައިވެ އެވެ.
މާލެއާ ކައިރި ހިސާބެއްގައި އަޑިއަށް ނުދެވި ފެންމަތީގައި އޮއްވާ ބަޔަކަށް އެ ވެލާ ފެނިގެން ސަލާމަތްކޮށް، އަލުން ދޫކޮށްލަން ދެ ފަހަރު މަތިން މަސައްކަތްކުރި ނަމަވެސް އަޑިއަކަށް ނުދިޔަ އެވެ. އެ ސަރަހައްދުގައި އޭތި ފެންމަތީގައި އޮންނަ ތަން ފެންނަތާ ދެތިން ދުވަހެއް ފަހުން އެ މީހުން އަނެއްކާވެސް ވަނީ މާލެ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ގާގަނޑަށް ގެންގޮސްފަ އެވެ. އަދި އޮލިވް ރިޑްލީގެ މީހުންނަށް ގުޅި އެވެ. ދެން، ސީޕްލޭނެއްގައި، ބ. އަތޮޅުގެ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ހުންނަ އޮލިވް ރިޑްލީ ރެސްކިއު ސެންޓަރަށް ކްލައުޑް ގެންދިޔައީ އެވެ.
ކްލެއާ ލިޔެފައިވާ ގޮތުގައި އަޑިއަށް ނުދެވުމަކީ ވެލަ އަށް ދިމާވާ މައްސަލައެކެވެ. އެ ސެންޓަރުގައި ވެސް އެފަދަ ބައެއް ވެލާ ގެންގުޅެފައިވެ އެވެ.
ރެސްކިއު ސެންޓަރަށް ގެންގޮސް ޓޭންކަކަށް ލިތާ އެއް ދުވަސް ފަހުން ކްލައުޑް ފެނު އަޑި އަށް ދިޔަ އެވެ. އަދި ވެލާގެ އާއްމު ކެއުން ކަމަށް ވާ މޫދުވިނަ ކާން ފެށި އެވެ.
ކްލައުޑްގެ ސިއްހީ ހާލަތު ޗެކްކުރި އިރު، އޭތީގެ ތޮށިގަނޑު އުފެދުމުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވުނެވެ. އަދި ތޮށިގަނޑު އެ ގޮތަށް ހުރުމުގެ ސަބަބުން އޭތީގެ ފުއްޕާމޭ ވެސް އުފެދިފައި ހުރީ ތަފާތުކޮށެވެ. އޭގެ އިތުރުން، އެކްސް-ރޭ ނަގައިގެން ބެލި އިރު ކްލައުޑްގެ މައިބަދައިގައި ގުދުލާފައި ހުރިކަން ވެސް އެނގުނެވެ. ކްލެއާ ލިޔެފައިވާ ގޮތުގައި ލޫކިޒަމް ހުންނަ ވެލާ އުފެދުމުގައި މިފަދަ މައްސަލަތައް ހުރެ އެވެ. އެކަމަކު ޓޭންކު ތެރޭގައި ކްލައުޑް ފަތައި ފީނައި އުޅުނީ އެ މައްސަލަތަކުން ހުރަހެއް ނެތް ފަދަ ގޮތަކަށެވެ.
ކްލައުޑަށް އޮތް އަނެއް ގޮންޖެހުމަކީ ހަމުގެ ކުލަ އަލިވުމުން ޝިކާރަވެރިންގެ ކިބައިން ސަލާމަތްވާން އުނދަގޫވުމެވެ. އުޅޭ މާހައުލާ ގުޅޭ ގޮތަށް ގައިގެ ކުލަ ހުރުމަކީ ކޮންމެ ޖަނަވާރަކަށް ވެސް މުހިއްމު ކަމަކަށް ކަމަށް ވާ އިރު ކުދި ވެލަ އަށް އެކަން އަދި އަމުދުން މުހިއްމުކަން ކްލެއާ ފާހަގަކޮށްފައިވެ އެވެ.
ޗެކްކޮށް ނިމުމުން ކްލައުޑް އަނބުރާ މޫދަށް ދޫކޮށްލަން، އެހެން ވެލާތަކަކާ ވެސް އެކު، ފަޅުރަށެއް ކައިރި އަށް ގެންދިޔަ އެވެ. ދޫކޮށްލުމާ އެކު، ކުރިއަށް ދިޔުމުގެ ބަދަލުގައި އެނބުރިލާފައި ވެލާ ފަތައިގަތީ ބޯޓާ ދިމާއަށެވެ. އަދި ބޯޓު ދަށުން ލާފައި ގޮސް ރަށަށް މިސްރާބު ޖެހި އެވެ. ވެލަ އަށް އަޑި އަށް ދެވޭތޯ ބަލަން ބޯޓު ކައިރިކުރަން ފެށުމުން ބާރަށް ފަތައިގަތީ އެވެ. ކްލެއާ ލިޔެފައިވާ ގޮތުގައި ކްލައުޑަށް ރަނގަޅަށް ފަތައި ފީނައި ހެދޭކަން އެ މީހުންނަށް އެނގުނެވެ.
ބޮޑު ވެލައެއްގެ ސައިޒަކަށް ކްލައުޑް އަދިވެސް ނުދެ އެވެ. އެކަމަކު ކްލައުޑް ސިފަކުރަމުން ކްލެއާ ބުނީ އެއީ "ގުދުރަތުގެ އަޖައިބެއް" ކަމަށެވެ. އޭތި މަރު ނުވެ މިހާރުގެ ސައިޒަށް ބޮޑުވުމަކީ "އެއްގޮތަކަށް ވެސް ނުވާނެ ކަހަލަ" ކަމަކަށް ވާތީ އެވެ.
ވެލާ ކަހަނބު ބޮޑުވަނީ ވަރަށް ގިނަ ދުވަހުންނެވެ. ކްލެއާ ލިޔެފައިވާ ގޮތުގައި ވެލައެއް، ވިހާ އުމުރަށް އަޅަން 30-45 އަހަރު ނަގަ އެވެ. އަދި ޅަ ވެލައެއް ބޮޑުވެ ފުރާފުރިހަމަވުމުގެ ފުރުސަތު އޮންނަނީ ހާހަކުން އެއް ފަހަރު އެވެ.
ޅަ އިރު މޫދުވިނައިގެ ދަށުގައި ފިލާ ތިބެގެން ޝިކާރަވެރިންގެ ކިބައިން ރައްކާތެރިކަން ހޯދާ ވެލާ ކަހަނބު އެތައް ހުރަސްތަކެއް ގިރާކުރަން ޖެހެ އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނުންގެ އަމަލުތަކުން ކުރިމަތިވާ ނުރައްކާތަކެވެ.
ވެލާ ކަހަނބު ދުނިޔެ އިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ އިރު އެއީ ރާއްޖޭގައި ވަރަށް ކުރިންސުރެ ހިމާޔަތްކޮށްފައިވާ އެއްޗެއްސެވެ. އެކަމަކު އަދިވެސް އެ އެއްޗެހި ހިފައި އަދި ވެލާ ބިސް ވެސް ނަގައި ކައި އުޅެ އެވެ. ނަމަވެސް ފަހަކަށް އައިސް ވެލާ ކަހަނބަށް ކުރިމަތިވެފައިވާ އެންމެ އާއްމު ނުރައްކަލަކީ ކަނޑުމައްޗަށް ދޫކޮށްލާފައި ހުންނަ ދާތަކާއި އެ ނޫން ވެސް އެފަދަ ކުނިބުންޏެވެ.
ރާއްޖޭގައި ބޮޑެތި ކުނިތަކުގައި ތާށިވެ ސީރިއަސް އަނިޔާތައް ލިބޭ އެތަކެއް ވެލާ ކަހަނބަށް އޮލިވް ރިޑްލީ އިން ފަރުވާ ދެ އެވެ. އެ ޕްރޮޖެކްޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި އެފަދަ ބައެއް ވެލާ މީހުންނަށް ފެނިގެން ސަލާމަތްކުރެވުނަސް އަނެއް ބައި އެއްޗެހި އެހާ ނަސީބު ގަދައެއް ނޫނެވެ. މަރުވެގެން ދަނީ އެވެ.
ކްލެއާ ފާހަގަކޮށްފައިވާ ގޮތުގައި މީގެ 110 މިލިއަން އަހަރު ކުރިން ޑައިނަސޯ އުޅުނު އިރު ވެސް ދުނިޔޭގައި ވެލާ ކަހަނބު އުޅުނެވެ. މި ވޭތުވެދިޔަ ޒަމާންތަކުގައި ދިރޭތަކެތީގެ އެތައް ނަސްލެއް ނެތިގެން ދިޔަ އިރު ވެސް ވެލާ ކަހަނބު ހުސް ނުވެ ހުއްޓާ، އިންސާނުން ކުރިމަތިކުރުވަން ފެށި ނުރައްކާތަކާ ހެދި ވެލާ ކަހަނބުގެ ހަތް ބާވަތް ވެސް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. އެގޮތުން ބައެއް އާބާދީތަކުގެ 95 ޕަސެންޓް ނެތިގެން ގޮސްފައިވާ ކަމަށް އޭނާގެ ލިޔުމުގައިވެ އެވެ.