ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ ޒަވީގެ އުއްމީދެއް
ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ ޒަވީގެ އުއްމީދެއް

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ ޒަވީގެ އުއްމީދެއް
ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ ޒަވީގެ އުއްމީދެއް

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި ގައުމީ ޓީމާއި ގައުމީ ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ރާއްޖެ އައި ޒަވީ "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ އުއްމީދަކީ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ކޯޗުކޮށްދިނުން ކަމަށެވެ.

ގަތަރު އަލް ސާދު އަށް ކުޅޭ ޒަވީ އަކީ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާގެ މަގާމް ބާސެލޯނާގެ މެދުތެރޭގައި މިދިޔަ 10 ވަރަކަށް އަހަރު ފުރި ކުޅުންތެރިޔާ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ގާޑިއޯލާ ވެސް ކާމިޔާބު ކޯޗަކަށް ވެފައިވާއިރު ޒަވީ ވެސް މޮޅު ކޯޗަކަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ގަތަރު ލީގުގައި ކުޅެމުން އޭނާ އަންނަނީ ކޯޗިން ލައިސަންސް ވެސް ނަގަމުންނެވެ.

"ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ކޯޗިން އަށް ދާން ބޭނުން. އަހަރެން ވަރަށް ޝައުގުވެރިވޭ ކޯޗިން އަށް. ކުޅުން ހުއްޓާލުމަށް ފަހު އެކަމަށް ވިސްނާނީ. ބާސެލޯނާ އަށް ކޯޗުކޮށްދޭން ވެސް ބޭނުން. ކިހިނެއް އެނގެނީ ވާނެ ގޮތެއް، އިންޝާﷲ،" ޒަވީ ބުންޏެވެ.

މިހާރު އުމުރުން 36 އަހަރުގެ ޒަވީ ބާސެލޯނާގެ އެކަޑަމީއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 11 އަހަރުގަ އެވެ. ބާސެލޯނާގެ ސީނިއާ ޓީމުން 1998 ވަނަ އަހަރު ޖާގަ ހޯދުމަށް ފަހު ޒަވީ ވަނީ 2015 ވަނަ އަހަރާ ހަމައަށް އެޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ

އަދި 2000 ވަނަ އަހަރުން ފެށިގެން ސްޕެއިން ގައުމީ ޓީމަށް ކުޅެ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.

ޒަވީ ބުނީ ފުޓްބޯޅަ ހުނަރު މުޅި ދުނިޔޭގައި އެބައޮތް ކަމަށާއި ރާއްޖެ ފަދަ ގައުމުތަކަށް ވެސް ރަނގަޅު ޕްލޭނަކާ އެކު ހަރަދުކޮށްގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.

ހާއްސަ މެޗުގެ މެހެމާނަކަށް އައިސް ޒަވީ ވަނީ އޭނާ ސޮއިކޮށްފައިވާ ބޯޅަތަކެއް ސަޕޯޓަރުންނަށް ހަދިޔާ ކޮށްފަ އެވެ. އެ މެޗުގައި ޒަވީ އަށް ނުކުޅެވެނީ އޭނާގެ މިހާރު ކުޅެމުން އަންނަ ގަތަރުގެ އަލް ސާދް މި ވަގުތު ޓްރެއިނިން ހަދަމުން އަންނާތީ އެ ކްލަބުގެ ހުއްދަ ނެތުމުންނެވެ. ނަމަވެސް އާޖެންޓީނާގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ވަނީ އެ މެޗުގައި ތަށި ހޯދި ޓީމަށް ދެ ވަނަ ހާފްގައި ކުޅެފަ އެވެ.