04 އެޕްރީލް 2019 - 18:51

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ ތަމްސީލް ކުރަން މަޖިލީހުގައި ތިއްބަވަންވީ ކެންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލީ ހުސެއިން ފަދަ ގައުމު އިސްކުރައްވާ މެމްބަރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކެންދޫ ދާއިރާ އަށް ވާދަކުރައްވާ އަލީ ހުސެއިންގެ ކެމްޕޭން ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގައި، 87 އަލީ ހުސެއިން ތިއްބެވި ނަމަ ރާއްޖޭގެ މައްސަލަތައް މަޖިލީހުގެ ތެރެއިން ގޯސްވެގެން ނުދިޔައީސް ކަމަށެވެ.
އަލީގެ އުފަން ރަށް، ކެންދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވި ގޮތުގައި އަލީ ހުސެއިނަކީ އޭނާ ކުރިން ދެނެވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް މަޖިލީހުގައި ދެއްކެވި ހިތްވަރުން، އަލީ ހުސެއިން ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހަށް ފޮނުވަން ރަނގަޅު މެމްބަރެއްގެ ކިބައިގައި ހުންނަންވީ ކޮންކަހަލަ ކޮލެޓީއެއްތޯ އަހައިފިނަމަ އެއީ އަލީ ހުސެއިން ކަހަލަ މެމްބަރެކޭ ދަންނަވާނެ ކަމަށާއި އެއީ އެހާ ސާފުކޮށް އޮތް ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީރަކަށް ވިއަސް އެއްވެސް ހިޔާލެއް ފިކުރެއް ނެތް އަލީ ހުސެއިން ހުންނާނީ ވަކި ޕާޓީއެއްގައިތޯ ސަރުކާރުގައިތޯ ނުވަތަ ސަރުކާރާ ދެކޮޅުގައިތޯ ބެލުމަށް. ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިއަސް އޭނާ ހުންނަވާނީ ރައްޔިތުންނާ އެކު. ރައްޔިތުންނާ ފައިދާ ހުރި ކަމެއްގައި އާނބަސް ބުނާނެ. ގެއްލުން ހުރި ކަމެއްގައި އެކަމާ ދެކޮޅު ހައްދަވާނެ،" އަލީ ހުސެއިނަށް ތައުރީފުކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ހުސެއިނަކީ ވަކި ޕާޓީއެއްގެ ކެންޑިޑޭޓެއް ނޫންކަމަށާއި އެއީ ރައްޔިތު މީހާގެ ކެންޑިޑޭޓު ކަމަށް ވިދާޅުވި އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި މެމްބަރުން މަސައްކަތް ކުރީ ވަރަށް އުނދަގޫ ދަތި ހާލެއްގައި ކަމަށާއި ނަމަވެސް މަޖިލީހުގައި ނެގި ހުރިހާ ވޯޓެއްގައި ވެސް އަލީ ހުސެއިން އިސްކުރީ ގައުމާއި ރައްޔިތުންކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ.
"ފާއިތުވި ފަސް އަހަރު ޕާޓީ ލައިނުން ވެސް އަދި އެކިއެކި އުސޫލުން ވެސް ލާންޖެހޭ ވޯޓުތައް މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރި. ނަމަވެސް އެ ހުރިހާ ވޯޓެއްގައި ވެސް ރައްޔިތުންނާ އެއްކޮޅަށް ގައުމާ އެއްކޮޅަށް ވޯޓުލުމުގެ ސާފު ސާދާ ޓްރެކް ރިކޯޑެއް އޮތީ އަލީ ހުސެއިންގެ،" އަލީ ވަހީދު ވިދާޅުވި އެވެ.
"އާނއެކޭ ބުނަންވީމަ އާނއެކޭ ބުނާނެ، ނޫނެކޭ ބުނަންވީމަ ނޫނެކޭ ބުނާނެ. އޭނާ ނުބަލާނެ ޕާޓީގެ ވިޕްލައިނަކަށް. ޕާޓީގެ ވިޕްލައިނެއް ނާންނާނެ ގާނޫނު އަސާސީގެ ވިޕްލައިނަށް ވުރެ މައްޗަކަށް."
މަޖިލީހުން އެންމެ ދެކެން ބޭނުންވާ މެމްބަރަކީ އަލީ ހުސެއިން ކަމަށާއި އެއީ ކޮންމެހެން ޖޭޕީގެ ކެންޑިޑޭޓަކަށް ވުމުން ނޫން ކަމަށާއި އޭނާ ކުރި މަސައްކަތް އެއީ ރާއްޖޭގެ ތާރީހުގައި ރަންއަކުރުން ފަވާލެވޭނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"ދިވެހި ތާރީހުގައި މަޖިލީހުން ފެނުނު އެންމެ ނަޒާހަތްތެރި އެއް މެމްބަރަކީ އަލީ ހުސެއިން. އަޅުގަނޑުމެން އެ ނޫންތޯ ހޯދަން މި އުޅެނީ. ހޯދަން މި އުޅެނީ ވަކި ގޮތަކަށް ބޯ ނުލަނބާނެ، ކަރާމާތްތެރި، ނަޒާހާތްތެރި، އިހުސާންތެރި، އޯގާތެރި، ރީތި އަހުލާގެއްގައި މަޖިލީހުގައި ޕާފޯމްކުރާނެ މެމްބަރެއް، އޭނާ ނިސްބަތްވަނީ ޕާޓީއަށްތޯ އަންނާނީ އޭގެ މާ ފަހުން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލީ ހުސެއިން އެ ދައްކަވާ މިސާލުން އަލީ ހުސެއިންއާ ދެން ވާދަކުރައްވާ ކެންޑިޑޭޓުން، ވާދަ ކުރެއްވުމަކީ އިސްލާހީ މަސައްކަތުގައި ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އެހެންވެ އަލީ ހުސެއިންގެ ފަހަތަށް އެރުމަށް އޭނާ ވަނީ، އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ލަތީފު އަރިހުން އެދިވަޑައިގެންފަ އެވެ.