05 އެޕްރީލް 2019 - 12:16

އެޑިސް އަބާބާ (އެޕްރީލް 5) - މިދިޔަ މަހު ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ މަތިންދާ ބޯޓުގެ ކުރީކޮޅު އެތައް ފަހަރަކު މާބޮޑަށް ތިރިވި ނަމަވެސް ބޯޓު ކޮންޓްރޯލް ކުރުމަށް ޕައިލެޓުންނަށް މާބޮޑު ކަމެއް ނުކުރެވުނު ކަމަށް އެ ހާދިސާގެ ތަހުގީގީ ފުރަތަމަ މަރުހަލާގެ ރިޕޯޓުގައި ބުނެފި އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޯޓުގެ ކުރީކޮޅު ތިރިއަށް ޖެހެން ފެށުމުން ޕައިލެޓުން ވަނީ ބޯއިން ކުންފުނިން ރެކޮމެންޑްކޮށްފައިވާ ޕްރޮސީޖާއާ އެއްގޮތަށް އަމަލުކޮށްފަ އެވެ.
"އެހެން ނަމަވެސް ޕައިލެޓުންނަށް ބޯޓު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި،" އިތިއޯޕިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދަގްމަވިތު މޯޖެސް ވިދާޅުވި އެވެ.
އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް އީޓީ302 ވެއްޓުނީ އެޑިސް އަބާބާ އިން ފުރިތާ ހަތް މިނިޓް ފަހުންނެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 157 މީހުން މަރުވި އެވެ. މިއީ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓެއް ފަސް މަސްތެރޭ ވެއްޓުނު ދެ ވަނަ ފަހަރެވެ. އޮކްޓޯބަރު މަހު އިންޑޮނީޝިއާގެ ލަޔަން އެއާގެ މެކްސް 8 ގެ ބޯޓެއް ވެއްޓި 189 މީހުން ވަނީ މަރުވެފަ އެވެ.
"ބޯއިންގެ ޕްރޮސީޖާއާ އެއްގޮތަށް ޕައިލެޓުން ވަނީ ތަކުރާރުކޮށް އަމަލުކޮށްފައި. އެކަމަކު ވެސް ބޯޓު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި،" ވެރިރަށް އެޑިސް އަބާބާގައި ނޫސްވެރިންނާ ވާހަކަ ދަައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އިތިއޯޕިއަން އެއާލައިންސްގެ ޗީފް އެގްޒެކެޓިވް ޓެވޯލްޑެ ގެބްރިމަރިއަމް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ވެއްޓުނު ބޯޓުގެ ޕައިލެޓުންގެ ޕްރޮފެޝަނަލް ފެންވަރާ މެދު ފަޚުރުވެރިވާ ކަމަށެވެ.
އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުމާ ގުޅިގެން މެކްސް 8 ގެ ހުރިހާ ބޯޓެއް ވަނީ ގްރައުންޑް ކޮށްފަ އެވެ.