28 މެއި 2016 - 14:39

ހިމާޔަތްކޮށްފައި ވިޔަސް ވެލާ ހިފައި އޭގެ މަހާއި ބިސް ކެއުން އުފަލަކަށް ހަދައިގެން އުޅޭ މީހުން ވަރަށް ގިނަ އެވެ. މިކަމުގައި އުޅެނިކޮށް ފަޅާއަރައި އަދަބު ލިބެނީ މަދު ބަޔަކަށެވެ. އެކަމަކު ތަޣައްޔަރުވަމުންދާ ކަނޑުތަކުގައި އޮޔާދާ ކުނިބުނީގެ ތެރޭ ތާށިވެ މަރަށް ތެޅޭ ވެލާ ސަލާމަތްކުރާ ވީޑިއޯތައް އާންމުވެ އެތައް ހާސް ބައެއްގެ ތައުރީފު ލިބެމުންދެ އެވެ.
ކަނޑަށް ދޫކޮށްލާފައި ހުންނަ ދާތަކުގައި ޖެހި ސަލާމަތް ނުވެވި ތިއްބާ ވަރަށް ގިނަ ވެލާ ސަލާމަތްކޮށްފި އެވެ. މިފަހަރުގެ ވީޑިއޯ އިން ވެސް ފެންނަނީ ދަލެއްގައި ޖެހިފައި އޮތް ވެލައެކެވެ.
ދާގަނޑު ކޮށާލުމަށް ފަހު ކަނޑަށް ދޫކޮށްލުމާ އެކު އެސޮރު ބާރުބާރަށް ފީނައިގަނެ ނޫކަނޑުގެ ފުނަށް ގޮސް ގެއްލެ އެވެ. މި ވީޑިއޯ އަޕްލޯޑްކޮށްފައި ވަނީ މުހައްމަދު ޝަމީމް ކިޔާ މީހެއްގެ ފޭސްބުކް ޕޭޖްގަ އެވެ. އޭގައި ބުނާ ގޮތުން އޭނާ އަކީ މެރިޑިސް ޑައިވް އެންޑް ރިލެކްސްގެ އިންސްޓްރަކްޓަރެކެވެ. ވެލާ ސަލާމަތްކުރުމާ ބެހޭ ގޮތުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.