04 އެޕްރީލް 2019 - 13:02

މަޕޫޓޯ (އެޕްރީލް 4) - މޮޒަމްބީގަށް އެރި ތޫފާނުގައި ފެންބޮޑުވުމުން ސަލާމަތްވުމަށް އަނބު ގަހަކަށް އެރި އަންހެނަކު ގަހުގައި ވިހައިފި އެވެ.
ތޫފާން އިޑާއީގައި ބޯކޮށް ވާރޭ ވެހި މޮޒަމްބީގުގެ މެދުތެރޭގައި ފެންބޮޑުވުމުން އަމެލިއާ ނަމަކަށް ކިޔާ މާބަނޑު އަންހެން މީހާ ގަހަށް އެރީ އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅާ އެކު އެވެ. ދެ ދުވަސް ފަހުން އެ އާއިލާ އަނބު ގަހުން ސަލާމަތް ކުރީ އަވަށްޓެރިންނެވެ. ތޫފާނުގައި މޮޒަމްބީގުން ވަނީ 700 މީހުން މަރުވެފަ އެވެ.
"އަހަރެންގެ ކުޑަ ދަރިފުޅާ އެކު ގޭގައި ހުއްޓައި ގެއަށް ފެންވަދެ، ފެންބޮޑުވާން ފެށީ. ދެން އިތުރު އެއްވެސް ގޮތެއް ނެތް. އަހަންނަށް ޖެހުނީ ގަހަށް އަރަން،" އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީ ޔުނިސެފަށް އަމެލިއާ ކިޔައިދިނެވެ.
އަމެލިއާ އާއި އޭނާގެ ދެ ކުދިން މިހާރު ތިބީ ވަގުތީ ހިޔަލަކަށް ބަދަލުކޮށްފަ އެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.
މީގެ 20 އަހަރު ކުރިން މޮޒަމްބީގުގައި ފެންބޮޑުވި ހާދިސާއަކުން ސަލާމަތްވުމަށް ގަހަކަށް އެރި އަންހެނަކު ވަނީ ވިހައިފަ އެވެ. އެ ފަހަރު އެ ދެމައިން ސަލާމަތްކުރީ ހެލިކޮޕްޓަރުގަ އެވެ.