04 އެޕްރީލް 2019 - 12:52

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. ލަންދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަހުމަދު ހާރޫންގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ތިބީ ގޮތްތަކެއް ނިންމައިގެން ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، އިދިކޮޅު ކޯލިޝަނަށް ރައްޔިތުން ތާއީދުކޮށް އެމަނިކުފާނު ރައީސް ކަމަށް އިންތިޚާބު ކުރަން ނިންމި ނިންމުމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އާ ވެރިކަމަކަށް ރައްޔިތުން ޖާގަ ދިނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެކަމަކު މަޖިލީސް އިންތިޚާބުގައި ނަތީޖާ ނުކުންނަ ގޮތަކުން އެ ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ވޯޓަކީ ވެސް މުހިއްމު އެއްޗެއް. އަދި މަޖިލީހުގައި އިންނަ އެންމެ މެމްބަރަކީ ވެސް މުހިއްމު މެމްބަރެއް. އެހެންވެ ހޮނިހިދު ދުވަހުގެ ނިންމުން ވަރަށް ސާފުވާން ވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ނިންމާ ގޮތަކުން، އުއްމީދުކުރި އަދި ބޭނުންވި ބަދަލުތައް ގެނައުމަށް ހުރަސްއެޅިދާނެ ކަމަށެވެ. އެހެންވެ ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ރައްޔިތުންނަށް ހުށަހެޅުއްވީ މުހިއްމު ވައުދުތަކެއް ކަމަށާއި އެ ވައުދުތަކުން ގައުމަށް ބޭނުންތެރި ބަދަލުތަކެއް ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތައް ދައްކަވަމުން ރައީސް ވިދާޅުވީ، އޭރު މަޝްރޫއުތައް ހަވާލުކޮށްފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މިއަދު ފެށި މަޝްރޫއަކީ ވެސް ކުރީގެ ސަރުކާރުން 42 މިލިއަން ޑޮލަރަށް ސްރީލަންކާގެ ކުންފުންޏަކަށް ދޭން ނިންމި މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކަން ބަދަލުކޮށް އެމްޑަބްލިއުއެސްސީއަށް 15 މިލިއަން ޑޮލަރަށް ހަވާލުކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ މަޝްރޫއުއާ މެދު ގޮތެއް ނިންމުން އޮތީ ވެސް ވަރަށް ދަތި އުނދަގޫ ހާލަތެއްގަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް 82 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށް އެޑްވާންސް ވަނީ ފައިސާ ދީފަ އެވެ. ސްޓެލްކޯއިން އެ މަޝްރޫއު 32 މިލިއަން ޑޮލަރަށް ހިންގަން އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހިރީ މިދިޔަ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމަށް އަރަައިގެންފައިވާ މިންވަރު. އަޅުގަނޑުމެން ބޭނުންވޭތޯއޭ އެ ތަކުރާރުވާން ރާއްޖޭގައި،" ރައީސް ސުވާލު ކުރެއްވި އެވެ.