ސީލައިފް ކޯޓަށް ހާޒިރު ނުވެގެން ޣައިރު ހާޒިރުގައި ހުކުމް ކުރަން އިއުލާނުކޮށްފި
ސީލައިފް ކޯޓަށް ހާޒިރު ނުވެގެން ޣައިރު ހާޒިރުގައި ހުކުމް ކުރަން އިއުލާނުކޮށްފި

ހުޅުމާލޭގައި ފްލެޓް އަޅަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓް ނާޅައި އަދި އެ ފައިސާ އަނބުރާ ނުދޭ މައްސަލާގައި ހިމެނޭ ސީލައިފް ގްލޯބަލްގެ މައްޗަށް ދައުވާ ލިބޭ އެހެން މައްސަލަތަކެއްގައި ކޯޓަށް ހާޒިރުނުވެގެން، ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކުރާނެ ކަމަށް އިއުލާނުކޮށްފި އެވެ.

ސިވިލް ކޯޓުން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސީލައިފް ގްލޯބަލް ކޯޓަށް ހާޒިރުކުރަން ޗިޓް ފޮނުވައިގެން ހާޒިރު ނުވެ އަދި ޗިޓް ރައްދު ނުކުރެވި ވެސް އެބަހުރި ކަމަށެވެ. މި ސަބަބުތަކާ ހުރެ ހަތަރު މައްސަލައެއް ކުރިއަށް ނުގެންދެވި މިހާރު އިއުލާނުކޮށްފައި ވަނީ މިއަދަށް ތާވަލްކޮށްފައިވާ އެ މައްސަލަތަކަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރާނެ ކަމަށެވެ.

ސީލައިފް ކޯޓަށް ހާޒިރު ނުވާ ހަތަރު މައްސަލައަކީ ވެސް އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ސީ ލައިފުން ވަނީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ގިނަ އަދަދެއްގެ ފައިސާ ނަގަފައިފަ އެވެ. ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ގިނަ ބަޔަކަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. ސީ ލައިފްގެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

ސީ ލައިފްގެ ގާނޫނީ ވަކީލުކަން ކުރާ އެޑްވޮކަސީ ޗެމްބާސްއިން ކުރިން ބުނެފައި ވަނީ ރިފަންޑް ފައިސާ ނުދެވި އޮތީ 258 މީހަކަށް ކަމަށެވެ. އެ މީހުންނަށް ފައިސާ ނުދެވި ލަސްވަނީ ދައުލަތުން އެ ކުންފުންޏަށް ލިބެން ޖެހޭ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ނުދީގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެ މައްސަލަ އޮތީ މިހާރު ސިވިލް ކޯޓުގަ އެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެވެ.