04 އެޕްރީލް 2019 - 11:19

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލާން ކިޔޫގައި ގިނައިރު ތިބެން ނުޖެހޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކަށް ވޯޓު ލެވުނީ ކިޔޫގައި އެތައް އިރެއް ހޭދަކޮށްގެންނެވެ. ރާއްޖެ އިން ބޭރުގައި ބެހެއްޓި ބައެއް ފޮށިތަކަށް ވޯޓު ލާން އެއް ބަޔަކު އަށް ގަޑިއިރު ތިބެން ޖެހުނެވެ. މާލެ އާއި ރަށްރަށުގައި ވެސް ވޯޓުލާން ގިނައިރުތަކެއް ވެ، ވޯޓު ލުމުގެ ވަގުތު ވެސް އިތުރު ކުރި އެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ގިނައިރު ކިޔޫގައި ތިބެން ޖެހުމުގެ މައްސަލަ މި އިންތިޚާބުގައި ދިމައެއް ނުވާނެ ކަމަށެވެ. އެ އިންތިޚާބުގެ ތަޖުރިބާ އަށް ބަލައި ކިޔޫ ކުޑަވާނެ ގޮތަށް އިންތިޒާމްތައް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކިޔޫގައި ގިނަ އިރު ހޭދަކުރަން ޖެހުނީ ޓެބްލެޓުން ލިސްޓު ޗެކްކުރުން ލަސްވުމާއި އެއް ފޮއްޓަކަށް ގިނަ ބަޔަކު ވޯޓު ލާން ޖެހުމެވެ.
"މިފަހަރު ޓެބްލެޓުން ލިސްޓް ބަލަމުންދާ އިރު ނެޓްވޯކްގެ މައްސަލައެއް ދިމާވިއަސް އޮފްލައިންކޮށް ލިސްޓު ބެލޭނެ. އޭގެ އިތުރުން އެއް ފޮއްޓަކަށް އެންމެ ގިނަ އިން ވޯޓު ލާ އަދަދަކީ 1،000 މީހުން ކަމަށް ހަމަޖައްސާފައި ވަނީ،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ފޮއްޓަކަށް 700 އަށް ވުރެ ގިނަ މީހުން ވޯޓު ލާ ނަމަ، އެއް ފަހަރާ ދެ މީހުންނަށް ވޯޓު ލެވޭ ގޮތަށް އިންތިޒާމްތައް ވަނީ ބަދަލުކޮށްފަ އެވެ. ވޯޓު ފޮށީގެ އަދަދު އިތުރުކޮށް މި އިންތިޚާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.