އެމްބާޕޭ އަށް 1000 ގޯލު ޖެހޭނެ: ޕެލޭ
އެމްބާޕޭ އަށް 1000 ގޯލު ޖެހޭނެ: ޕެލޭ

ޕެރިސް (އޭޕްރީލް 4) - ފްރާންސާއި ޕީއެސްޖީގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ އަށް ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން 1000 ގޯލު ޖެހޭނެ ކަމަށް އެ އަދަދަށް ލަނޑު ޖަހާފައިވާ ކަމަށް ދައުވާކުރާ ބްރެޒިލްގެ ލެޖެންޑް ޕެލޭ ބުނެފި އެވެ.

ރޭ ފްރެންޗް ކަޕް ސެމީ ފައިނަލުގައި ނޯންޓްސް އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ޖެހި ގޯލާ އެކު އެމްބާޕޭ ވަނީ ކެރިއަރުގައި 104 ލަނޑު ހަމަކޮށްފަ އެވެ. އޭގެ ތެރެއިން ޓޮޕް ލެވެލް ފުޓްބޯޅައިގައި ޖެހި ގޯލުގެ އަދަދަކީ 93 އެވެ.

ދާދި ފަހުން ފްރާންސްގައި އޮތް އިވެންޓެއްގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕެލޭ ބުނީ އޭނާގެ ގޯލުގެ ރެކޯޑާ ގާތްކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެމްބާޕޭ ކަމަށެވެ.

"އެ ފުރުސަތު އެބައޮތް. އަހަރެން ކެރިއަރުގައި ޖެހިން 1025 ގޯލު. ރަސްމީ ރެކޯޑް ފޮތެއްގައި އެ ވާހަކަތައް ނެތްކަމުގައި ވިޔަސް އަހަރެންނަށް އެކަން ޔަގީން. އަހަރެން ދެކޭ ގޮތުގައި އެމްބާޕޭ އަށް 1000 ގޯލު ޖެހޭނެ،" އޭއެފްޕީ އަށް ޕެލޭ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޒުވާން އުމުރުގައި (20 އަހަރުން ދަށް) ވޯލްޑް ކަޕެއްގެ ފައިނަލުގައި ގޯލު ޖަަހައި އެމްބާޕޭ ވަނީ ޕެލޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ. އެމްބާޕޭ އަށް 1000 ގޯލު ޖެހޭނެ ކަމަށް ޕެލޭ ބުނި ނަމަވެސް އެމްބާޕޭ ދެކޭގޮތުގައި އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

"އަހަރެމެން އެކުވެރިންގެ މެދުގައި ކުޅޭ މެޗުތަކާއި ޕްލޭސްޓޭޝަނުގައި ކުޅޭ މެޗުތައް ލައިގެން ވެސް ހިއެއް ނުވޭ ފަސޭހައިން 1000 ހަމަކުރެވޭނެ ކަމެއް،" އުމުރުން 20 އަހަރުގެ އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ ޕެލޭއާ އަޅާކިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭނާ އަކީ އަދި ފުޓްބޯޅައިގެ ގިނަ ކަންތައްތަކެއް ދަސްކުރަމުން އަންނަ ޒުވާން ކުޅުންތެރިޔެއް ކަަމަށެވެ. އަދި ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ހާސިލްކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޕެލޭ ފަދަ ކުޅުންތެރިއަކަށް ވުމަށް ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް ގިނަ ކަމަށެވެ.

ޕެލޭ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކުރީ ބްރެޒިލްގެ ކްލަބް ސަންޓޯސްގަ އެވެ. އޭގެ ފަހުން އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށް ވެސް ކުޅުނެވެ. އެމްބާޕޭ މިހާތަނަށް ކުޅެފައިވަނީ ފްރާންސްގެ ދެ ކްލަބަށެވެ. މޮނާކޯގެ އިތުރުން މިހާރުގެ ކްލަބް ޕީއެސްޖީ އަށެވެ. އެމްބާޕޭ ހޯދަން ރެއާލުން މަސައްކަތްކުރަމުން އަންނައިރު، ޕެލޭގެ ނަޒަރުގައި ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅެން ޖެހޭނީ އެ ކުޅުންތެރިޔަކު ކުޅެން ބޭނުންވާ ޓީމަކަށެވެ.

ފްރާންސްގައި އޮތް އިވެންޓަށް ޕެލޭ އެ ގައުމުގައި ހުއްޓައި ކުޑަކަމުދާ ނިޒާމުގައި ހުރި އިންފެކްޝަނެއްގެ ސަބަބުން ހާލުދެރަވުމުން ވަނީ އެޑްމިޓްކޮށްފަ އެވެ. އޭނާގެ ތަޖުރަމާނު އޭއެފްޕީ އަށް ބުނީ ޕެލޭގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.