ވެލެންސިއާ އިން ޒިދާންގެ ރެއާލް ބަލިކޮށްފި
ވެލެންސިއާ އިން ޒިދާންގެ ރެއާލް ބަލިކޮށްފި

މެޑްރިޑް، ސްޕެއިން (އޭޕްރީލް 4) - ސްޕެނިޝް ލީގުގައި ރޭ 2-1 އިން ވެލެންސިއާ އަތުން ބަލިވެ، ޒައިނުއްދީން ޒިދާން އަލުން އަލުން ހަވާލުވި ފަހުން ރެއާލް މެޑްރިޑް ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ދެ ވަނަ ފަހަރަށް ރެއާލް ކޯޗުކަމާ ޒިދާން ހަވާލުވި ފަހުން އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗުން ބަލިވިއިރު، މިއީ މި ސީޒަނުގައި ލީގުގައި އެ ޓީމު ބަލިވި ނުވަ ވަނަ މެޗެވެ. މި އަދަދަކީ މިދިޔަ ދެ ސީޒަނުގައި ބަލިވި މެޗުތަކުގެ ޖުމްލަ އަދަދެވެ.

މި ބައްޔާ އެކު ލީގުގެ ދެ ވަނަ އަށް އަރަން ވެސް ރެއާލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެ ޓީމު މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 30 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 30 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

ވެލެންސިއާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ދިޔައީ ރެއާލް ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 35 ވަނަ މިނިޓްގައި ޕޯޗުގަލްގެ ތަރި ގޮންކާލޯ ގުއޭޑޭސް އެވެ. އޭރިއާ ތެެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ލީޑުފުޅާކުރަން ވެލެންސިއާގެ ޖެފްރޭ ކޮންޑޮގްބިއާ އާއި ރޮޑްރީގޯ މޮރޭނޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ލަނޑެއް ޖަހަން ވެލެންސިއާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ ކުރިން ރެއާލަށް ކުޅުނު އެޒެކީލް ގަރޭ އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ކަރިމް ބެންޒެމާ އެވެ. އޭނާ މި ލަނޑު ޖެހީ ލޫކަ މޮޑްރިޗް ނަގައިިދިން ކޯނަރަކުންނެވެ.

މެޗާ ބެހޭގޮތުން ޒިދާން ބުނީ މެޗަކުން ބަލިވުމަކީ އަބަދުވެސް ލިބޭނެ ހިތްދަތި ކަމެއް ކަމަށާއި އެކަމަކު ކުޅުންތެރިންނަށް ފާޑުކިޔަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް އެނގޭ ކުޅުންތެރިންނަށް ކުރެވޭނެ ވަރަކަށް އެ ކުޅުންތެރިން މަސައްކަތްކުރި. އަހަރެމެންގެ އެޓޭކްގައި އެބަހުރި މައްސަލަތަކެއް. މީގެ މާނަ އަކީ ކޮންމެ މެޗެއްގައި މި މައްސަލަތައް ތަކުރާރުވާނެއެކޭ ނޫން. މީގެ ޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ހައްލު ހޯދަން،" ޒިދާން ބުންޏެވެ.

ޓީމުގެ އެޓޭކުގައި މަދުވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ މާޒީވެފައިވާ ކުޅުންތެރިންގެ ވާހަކަ ދެއްކުން ބުއްދިވެރި ނޫން ކަމަށާއި މުހިއްމީ ތިބި ކުޅުންތެރިންގެ ބޭނުން ހިފޭނެ ގޮތެއް ހޯދުން ކަމަށެވެ.