ޔާމީން މަޑުން ހުންނެވުމަށް ނަޝީދު ގޮވާލައްވައިފި
ޔާމީން މަޑުން ހުންނެވުމަށް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވީ ބޮޑު ނާކާމިޔާބީއެއް ކަމަށާއި އެ ނަތީޖާއާ އެކު ދެން މަޑުން ހުންނަވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ޗާންދަނީ މަގުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލޭގެ މެޖޯރިޓީ ހޯއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް "ވޯޓު އޮޅުވާލައްވައިގެން" ހޯއްދަވާ ވަރަށް ވުރެ ވެސް ފުޅާކޮށް ކަމަށާއި އެވަރު ވީމާ ދެން ޔާމީން މަޑުން ހުންނަވަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ނާކާމިޔާބީ އަކީ ކުޑަކުދިން ކުޅޭ ކުޅިވަރެއް ކަމަށްވާ "މިއުޒިކަލް ޗެއާސް" ގައި މިއުޒިކް ހުއްޓުން ފަދަ މިސާލެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވި އެވެ. އެމަނިކުފާނު ދެން ވިދާޅުވީ ޔާމީން މަޑުން ހުންނަވަން ޖެހޭ ކަމަށެވެ.

"މި މާލޭގެ ރައްޔިތުންގެ 70 ޕަސެންޓް މީހުން ބުނީ ނޫނެކޭ. ރައީސް މައުމޫނުގެ ވޯޓް އޮޅުވައިލުމުގައި ވެސް އެ ބޭފުޅާ އަށް މާލޭން ނެންގެވެނީ 70 ޕަސެންޓް. މިފަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް އަދި ހުރިހާ ބާރެއް ހިފަހައްޓަވައިގެން ހުންނަވަނިކޮށް 70 ޕަސެންޓް ނަންގަވައިފި. ދެން މިވަރު ވީމާ އަޅުގަނޑަށް ހީވާ ގޮތުގައި ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ މަޑުމަޑުން ހުންނަވަން،" މައްޗަންގޮޅީ މެދު ދާއިރާ އަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ޔާމީން ހިންގެވި ބައެއް މަޝްރޫއުތަކަށް ފާޑު ވިދާޅުވެ، ނަޝީދު ވިދާޅުވީ ރައީސް ޔާމީން ކުރައްވަން އުޅުއްވި ކަމަކީ އާބާދީ މާލެ އަށް ޖަމާކުރެއްވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިގެން މިދާ ދައުރުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ވާދަވެރި މެމްބަރުންނަށް ފާޑުވިދާޅުވެ ދައްކަވާ ވާހަކަ ނަޝީދު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހައިތަނަށް ކުރެއްވި ކެމްޕޭންގައި އެމަނިކުފާނު ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވާ ގޮތުގައި މަޖިލީހުގެ ބައެއް މެމްބަރުން ފަސް އަހަރުގެ ދައުރެއް ނިންމާލި އިރު ވަނީ ގޮތް ނޭނގޭ މުއްސަނދިކަމެއް ހޯއްދަވައިފަ އެވެ.