04 އެޕްރީލް 2019 - 07:34

ޗައިނާގެ ވާވޭ ކުންފުނިން އުފައްދާ މޭޓްބުކް ލެޕްޓޮޕްތަކުން މައިކްރޮސޮފްޓުގެ ރިސާޗަރުންނަށް ފެނުނު، އެ ލެޕްޓޮޕްތަކުގެ ކޮންޓްރޯލް އަތުލެވޭ ގޮތަށް ހުރި "ބާގަނޑު" އެއީ ގަސްތުގައި ހިމަނާފައިވާ "ބެކްޑޯ" އަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.
ޓެކްނޮލޮޖީގެ ތަޖުރިބާކާރުންނާ ހަވާލާދީ ބީބީސީން ބުނި ގޮތުގައި މިއީ "ސޮފިސްޓިކޭޓެޑް ފްލޯ" އެވެ. އަދި މިއީ ލެޕްޓޮޕް އުފެއްދުމުގެ މަރުހަލާގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.
މި މައްސަލަ ފެންމަތިވެފައި މި ވަނީ ވާވޭގެ އުފެއްދުންތައް، ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން ބޭނުންކުރާ ކަމަށް ތުހުމަތުކޮށް އަދި ވާވޭ އާއި ޗައިނާ ސަރުކާރާ އޮންނަ ގާތް ގުޅުމާ މެދު ޝައްކުގެ ނަޒަރަކުން ބަލަން ފަށާފައި ވަނިކޮށެވެ.
ވާވޭ މޭޓްބުކްގައި ހުރި މި މައްސަލަ އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި އެއާ އެކު އެ މައްސަލަ ވަނީ ހައްލުކޮށްފަ އެވެ. އަދި ވާވޭ އިން ވަނީ އެ ކުންފުނިން ޗައިނާ ސަރުކާރާ ގުޅިގެން ސިއްރު އެޖެންޑާއެއް ހިންގާ ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފަ އެވެ.
ސަރީ ޔުނިވަސިޓީގެ ސެކިއުރިޓީ އެކްސްޕާޓެއް ކަމަށްވާ ޕްރޮފެސާ އެލަން ވުޑްވާޑް ބީބީސީ އަށް ވިދާޅުވި ގޮތުގައި މި ފެނުނު ބާގަނޑުގައި، އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ކޮމްޕިއުޓަރުތަކަށް ޖާސޫސްކުރުމަށް ބޭނުންކުރާ "ބެކްޑޯ" ގެ ހުރިހާ ސިފަތަކެއް އެބަހުއްޓެވެ.
މި ބެކްޑޯ ޓޫލް މީގެ ކުރިން ވަނީ އޮންލައިންގައި ލީކުވެފަ އެވެ. އަދި އޭގެ ފަހުން ހެކަރުންނާއި ސަރުކާރުތަކުންނާއި ކުށްވެރިންގެ ގޭންގުތަކުން ވެސް އޭގެ ބޭނުންކޮށްފައިވެ އެވެ.
"މިއީ ލެޕްޓޮޕް އުފެއްދުމުގެ މަރުހަލާގައި ކޮށްފައިވާ ކަމެއް. އެކަމަކު އެއީ ކޮން ބަޔަކު ހިންގާފައިވާ ކަމެއް ކަމެއް ނޭނގޭ. އަދި މި ބެކްޑޯގައި އެންއެސްއޭގެ ޓޫލްގެ ސިފަތައް ހުރުމަކީ ހާއްސަ ކަމެއް ވެސް ނޫން،" ޕްރޮފެސަރު ވުޑްވާޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގެ ފަހަތުގައި، ވާވޭގެ މަސައްކަތަށް ހުރަސް އަޅަން އުޅޭ ކުށްވެރިންގެ ގޭންގުތައް ވެސް އޮވެދާނެ ކަމަށާއި ނުވަތަ ސަރަހައްދީ ވާދަވެރިކަމުގެ ތެރޭގައި ވާވޭގެ އަގު ވައްޓާލަން ބަޔަކު ކުރި ކަމަކަށް ވެސް ވެދާނެ ކަމަށެވެ.
"މިފަދަ ކަމެއް ކުރުމަށް ޗައިނާ ސަރުކާރުގެ އެއްވެސް ފިއްތުމެއް އެ ކުންފުންޏަށް ކުރިމަތިވި ކަމުގެ އެއްވެސް ހެއްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ހަގީގަތަކީ މިއީ ކަމަށާއި އެކަމަކު މިއީ ކަސްޓަމަރުން އަޅާނުލައިމ ހިތްހަމަޖައްސާލައިގެން ތިބޭ ވަރުގެ ކަމެއް ނޫން ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ. އޭނާ އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ ސޮފްޓްވެއާ އިޖިނިރިއަރިން ސްޓޭޖްގައި މިކަން ފާހަގަނުވެ އޮތުމުންނެވެ.