03 އެޕްރީލް 2019 - 19:12

އަންނަ ހޮނިހިރު ދުވަހު ބާއްވާ އާއްމު އިންތިޚާބުގައި ކެލާ ދާއިރާ އަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ތޫބާ ރަޝީދު، އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
އަދާލަތު ޕާޓީން މީގެ ކުރިން ވަނީ ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ތާއީދު އެމްޑީޕީއަށް ދީފަ އެވެ. އެއީ ހޯރަފުށި ދާއިރާ އާއި އަލިފުށި، ކެނދިކުޅުދޫ އަދި ފަރެސްމާތޮޑާ ދާއިރާ އެވެ.
ތޫބާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީން އިންތިޚާބަށް ނުކުތުމުން، އެ ގޮނޑި ސަރުކާރަށް ކާމިޔާބު ނުވެދާނެ ކަމަށެވެ. އެހެންވެ، އެހެންވެ ކެލާ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމުގެ ގޮތުން އޭނާގެ ތާއީދު، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
'"ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް ލޯބި ކުރާ އަދި އަޅުގަނޑަށް ތާއީދު ކުރާ އެންމެން ވެސް، ކޯލިޝަން ސަރުކާރަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް، އިބްރާހިމް ޝަރީފަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ދެންނެވީމެވެ. މިއީ ދާއިރާގެ ސަޕޯޓަރުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމި އަޅުގަނޑުގެ އަމިއްލަ ނިންމުމެކެވެ،" ތޫބާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީ އަށް ތާއީދުކޮށް އަދާލަތުން ބައެއް ދާއިރާތައް ދޫކޮށްލާފައިވާއިރު، އެމްޑީޕީން ވަނީ މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އަށް އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމުން އެ ދެ ދާއިރާތަކުގެ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފަ އެވެ.
އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރާ ނަމަ އެ ދެ ޕާޓީ ސިޔާސީ ގޮތުން ބަލި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަދާލަތު ޕާޓީ އާއި އެމްޑީޕީ އެކުގައި ތިއްބާ، ދެނެއް ނެތް، މި ދިވެހިރާއްޖޭގައި އިރާދަކުރެއްވިއްޔާ އެހެން ސިޔާސީ ބައެއް، އަޅުގަނޑުމެންގެ ސަފުތައް ފޫއަޅުވައިލެވޭނެ އަދި މި ދިވެހިރާއްޖޭގެ ވެރިކަން ގުޑުވައިލެވޭނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.