ވޯލްޑް ކަޕަށް ފަހު ރޫނީ ގައުމީ ޓީމުން ރިޓަޔާކުރަނީ
ވޯލްޑް ކަޕަށް ފަހު ރޫނީ ގައުމީ ޓީމުން ރިޓަޔާކުރަނީ

ލަންޑަން (އޮގަސްޓް 30) - ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ފަހު އިންގްލެންޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ރޫނީ އަންނަނީ 2014ގެ ވޯލްޑް ކަޕަށް ފަހު އިންގްލެންޑުގެ ކެޕްޓަންކަން ކުރަމުންނެވެ. އަދި ދާދި ފަހުން އިންގްލެންޑުގެ އާ ކޯޗު ސޭމް އެލަޑައިސް ވަނީ ރޫނީ އަތުން ކެޕްޓަން ބޭންޑް ނުނަގާނެ ކަމަށް ބުނެފަ އެވެ.

ރޫނީ ބުނީ ރަޝިއާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވަރަށް ކުރީއްސުރެ ނިންމައިގެން ހުރި ކަމަށެވެ.

"އަހަންނަށް އެނގޭ ވޯލްޑް ކަޕަކީ ގައުމީ ޓީމާ އެކު އަހަރެންގެ ފަހު މުބާރާތްކަން. ދެން އަހަރެން ބޭނުންވަނީ ކުރިއަށް އޮތް ދެ އަހަރުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ ރަނގަޅު ކާމިޔާބީއަކާ އެކު ނިންމާލަން. ޔޫރޯ އަށް ފަހު ވެސް އަހަރެން ނިންމައިގެން ހުރީ ގައުމީ ޓީމާ އެކު ކުރިއަށްދާން. އެލަޑައިސް އިންގްލެންޑް ކޯޗުކަމާ ހަވާލުވުމުން އަހަރެން އޭނާ އަށް އެކަން އެންގިން،" ރޫނީ ބުންޏެވެ.

އޭނާ ބުނީ އެލަޑައިސް ބޭނުންވާ މަގާމަކަށް ކުޅެން ތައްޔާރުކަމަށާއި ކްލަބަށާއި ގައުމީ ޓީމުގައި ތަފާތު ދެ މަގާމެއްގައި ކުޅެން ޖެހުމަކީ އޭނާ އަށް ކުރިމަތިވާނެ އުނދަގުލެއް ކަމަށް ނުދެކޭ ކަމަށެވެ.

ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ އަހަރެއް މިއަދު އިއުލާންކުރިއިރު، އިންގްލެންޑުގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ ވަނީ ރޫނީގެ ކްލަބް ކެރިއަރު ސަލާމަތްކުރަން އޭނާ ގައުމީ ޓީމުން ރިޓަޔަކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑް އޮތީ ރޫނީ އަތުގަ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވާކިއާއާ ދެކޮޅަށް ރޫނީ ކުޅެފިނަމަ އޭނާ ވެގެންދާނީ އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށެވެ.