ސީޒަން ހުޅުވަން އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމަށް ދައުވަތު ދީފި
ސީޒަން ހުޅުވަން އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމަށް ދައުވަތު ދީފި

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗަށް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމާއި ބޮލީވުޑުގެ ފިލްމީ އަދި މިއުޒިކީ ތަރިން ރާއްޖެ އައުމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒްގެ ހާޒިރުގައި އިއްޔެ އިންޑިއާ އެމްބެސަޑަރު ސަންޖޭ ސުދީރާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފުޓްބޯޅައިގެ ފޯރިގަދަކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެގޮތުން އިންޑިއާގެ ގައުމީ ޓީމާއި އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަރިން ގެންނަން ރޭވީ، ފޯރިގަދަ މެޗަކުން ސީޒަން ފެށުމުގެ ގޮތުންނެވެ. އެކަމަކު އެފްއޭއެމުން ކުރިން ރާވާފައި އޮތީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާ ދެމެދު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މެޗުން ސީޒަން ފަށާށެވެ. އެހެންވެ މިއީ ދެ ހަރަކާތެއް ކަމެއް ނުވަތަ އެއްކޮށް ކުރިއަށްގެންދާ ކަމެއްކަން އަދި ޔަގީނެއް ނުވެ އެވެ. އެފްއޭއެމްގެ ބަހެއް މިކަމުގައި މިއަދު ލިބޭ ގޮތެއް ނުވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އަކީ ފުޓްބޯޅައިގެ ވާދަވެރިންނަށްވެފައި ދެ ގައުމުގެ މެދުގައި އެކުވެރިކަމުގެ މެޗެއް ނުކުޅޭތާ ދުވަސްތަކެއްވެފައިވުމާ އެކު މިއީ ފޯރިގަދަކޮށްލާށާއި ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލަން މުހިއްމު ފުރުސަތަކަށް ވާނެ ކަމަށެވެ.

އިންޑިއާ އާއި ރާއްޖޭން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2011 ވަނަ އަހަރު މާލޭގަ އެވެ. އިންޑިއާގެ އަތްދަށުގެ ފަހަކަށް އައިސް ރާއްޖެ އަށް ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ކުރިއަށް ދެވޭ ގޮތް ނުވި ނަމަވެސް ތަށި ހޯދި ދެ ފަހަރު ވެސް އެކަން ކުރީ އިންޑިއާ ބަލިކޮށްފަ އެވެ. އެގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން 1-0 އިން މޮޅުވިއިރު މިދިޔަ އަހަރުގެ ފައިނަލުން މޮޅުވީ 2-0 އިންނެވެ.

އާ ސަރުކާރާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުވެފައިވާއިރު އޭގެ ތެރެއިން ކުޅިވަރުގެ ހާއްސަ ގުޅުމެއް ގާއިމްކުރަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފަ އެވެ.

ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލީގު އޮންނަ އިންޑިއާ އިން ދާދި ފަހުން ވަނީ ރާއްޖެއާ ގުޅިގެން 'މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ނަމުގައި ހާއްސަ މެޗުތަކެއް ބާއްވައިފަ އެވެ. އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާގެ ޓީމުން މާލެ އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ ދެކޮޅަށް މެޗެއް ކުޅުނެވެ.