"ބާރް ބާރް ދޭކޯ" ވެސް ސެންސަރު ކުރަން ޖެހިއްޖެ
"ބާރް ބާރް ދޭކޯ" ވެސް ސެންސަރު ކުރަން ޖެހިއްޖެ

"އުޅްތާ ޕަންޖާބު" ސެންސަރު ކުރަން ބުނެގެން އެ ފިލްމުގެ ޑައިރެކްޓަރު އަނުރާގް ކަޝޭޕް އާއި ސެންސަރު ބޯޑާ ޖެހުނު މައްސަލަތަކަށް ފަހު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރާ ސެންސަރު ބޯޑާ ދެމެދު ވެސް މައްސަލަތަކެއް އުފެދިއްޖެ އެވެ.

ކަރަން ޕްރޮޑިއުސްކޮށްފައިވާ ސިދާރްތު މަލްހޯތުރާ އާއި ކެޓުރީނާ ލީޑްރޯލު ކުޅެފައިވާ "ބާރް ބާރް ދޭކޯ" ގެ ބައެއް މަންޒަރުތައް ކަނޑާލަން ސެންސަރު ބޯޑުން އެންގުމުން ކަރަން މިހާރު ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ބޮލީވުޑް ހަންގާމާގައި ބުނާ ގޮތުން "ބާރް ބާރް ދޭކޯ" އަށް ސެންސަރު ބޯޑުން ދީފައިވަނީ ޔޫ/އޭ ސެޓްފިކެޓް އެކެވެ. އެއީ ކެޓުރީނާ ބުރާ އަޅައިގެން ހުއްޓާ ފެންނަ މަންޒަރު ކަނޑާލަން ޝަރުތުކޮށްފަ އެވެ.
ނަމަވެސް ޕްރޮޑިއުސަރުގެ މައްސަލައަކީ މީގެ ކުރިން ވަރަށް ގިނަ ފިލްމުތަކުން މިފަދަ މަންޒަރުތައް ފެނިފައިވާއިރު ހަމައެކަނި އެ ފިލްމަށް އެގޮތަށް އަންގާތީ އެވެ.

"ބާރް ބާރް ދޭކޯ" ގެ ޑައިރެކްޓަރަކީ އަންހެނެކެވެ. އެހެންކަމުން އަންހެނުންނަށް ހުތުރުވާ ފަދަ މަންޒަރެއް އޭނާ ކުޅުވަފާނެ ކަމަށް ޝަކުވާގައި ބުނެފައިވެ އެވެ.

ފިލްމުގައި ސަވީތާ ބާބީ އޭ ކިޔާ މީހެއްގެ ވާހަކަ ބުނާ ޑައިލޯގަކުން އެ ނަން އެޑިޓްކުރަން ވެސް ސެންސަރު ބޯޑުން އަންގާފައިވެ އެވެ. ސަވީތާ ބާބީ އަކީ އިންޑިއާގެ ކޮމިކް ފޮތެއްގައި އުޅޭ ހަށިވިއްކާ މީހެކެވެ.

ޕްރޮޑިއުސަރު ބުނަނީ "ފްލައިން ޖެޓް" ގައި ސަނީ ލިއޯނީގެ ވާހަކަ ބުނާ ތަން ފޮހެލަން ނާންގާ އެފަދަ މީހެއްގެ ވާހަކަ "ބާރް ބާރް ދޭކޯ"ގައި ބުނެގެން އެތަން ސެންސަރު ކުރަން ބުނުމަކީ ހަމަޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ނިތިޔާ މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.