05 އެޕްރީލް 2019 - 07:35

މިހާރު ޝޫޓިން ކުރިއަށްދާ، ސަލްމާން ހާންގެ "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމަކީ ސީކްއެލްއެއް ނޫން ކަމަށާއި އެއީ ކުރީ ދެ ބައިގައި ދައްކުވައި ދިން ކަންތައްތަކުގެ ކުރިން ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ޕްރިކްއެލްއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓް ކުރާ "ދަބަންގް 3" ގެ މައިގަނޑު ޕްލޮޓަކީ ސަލްމާން ފުލުހަކަށް ވުމުގެ ކުރިން އޭނާގެ ދިރިއުޅުން އޮތް ގޮތް ދައްކުވައި ދޭނެ ފިލްމެކެވެ. މީގައި އޭނާގެ ކުޑައިރުގެ ދުވަސްތަކާއި ފަހުން ޒުވާން އުމުރަށް އަޅައިގެން ގުންޑާއެއްގެ ގޮތުގައި އުޅުނު ދުވަސްވަރުގެ ހާދިސާތަކެއް ކިޔައި ދޭނެ އެވެ.
"ދަބަންގް 3" އަކީ ޕްރިކްއެލް އަށް ކަމަށް އަޑު އަރާފައިވާ އިރު، އެ ފިލްމުގައި ޔަގީނުން ވެސް އޭނާގެ މައިންބަފައިންގެ ރޯލްތައް ވެސް ދައްކުވައި ދޭނެ އެވެ. އެކަމަމު "ދަބަންގް" ގެ ފުރަތަމަ ދެ ބައިގައި ސަލްމާންގެ ބައްޕަގެ ރޯލް ކުޅުނު ވިނޯދު ކަންނާ ވަނީ 2017 ގައި މަރުވެފަ އެވެ.
އެހެންވެ އެ ރޯލްތައް މި ފަހަރު ފެނިގެން ދާނެ ގޮތެއް ބަލައިލުމަކީ ޝައުގުވެރި ކަމަކަށް ވާނެ އެވެ.
"ދަބަންގް 3" ގެ ޝޫޓިން މިހާރު މަދިޔަ ޕްރަދޭޝްގައި ކުރިއަށްދާ އިރު ސެޓުން ނަފާގައިވާ ބައެއް ފޮޓޯތައް ސަލްމާން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އަދި ފިލްމުގެ ޝޫޓިން ލަވައަކުން މި މަހުގެ އެއް ވަނަ ދުވަހު ފެށި އިރު، އެ ލަވައިގެ ޝޫޓިންގެ ތެރެއިން ލީކްވެފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
މި އަހަރު ޑިސެމްބަރު މަހު ރިލީޒް ކުރަން ނިންމާފައިވާ "ދަބަންގް 3" ގެ ބަތަލާއަކީ ފުރަތަމަ ދެ ބައިގައި ވެސް ބަަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާ އެވެ. އަދި ކުރީގެ ދެބައިގައި ވެސް ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ކުޅުނު މައްކަންޗަންދު (މައްކީ) ޕާންޑޭގެ ރޯލުން އޭނާ މި ފަހަރު ވެސް ފެނިގެން ދާނެ އެވެ. މި ސީރީޒްގެ ޕްރޮޑިއުސަރަކީ ވެސް އަރްބާޒެވެ.
"ދަބަންގް" ގައި ސަލްމާން ކުޅެނީ ޗުލްބުލް ޕާންޑޭ ކިޔާ ވަރަށް ލާނެއް ފުލުހެއްގެ ރޯލެވެ. މި ސީރިޒްގެ ފުރަތަމަ ބައި 2010 ގައި ގެނެސް ދިނުމަށް ފަހު ދެވަނަ ބައި ރިލީޒް ކުރީ 2012 ގަ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ފިލްމު ޑައިރެކްޓަރު ކުރަނީ މުޅިން ތަފާތު ޑައިރެކްޓަރެކެވެ.