03 އެޕްރީލް 2019 - 12:49

ސުނާމީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުދަައްކާ ހުރި ބައި، ސަރުކާރާއި ބީއެމްއެލުން ހަލާސްކޮށްފި އެވެ.
ބީއެމްއެލުން ބުނީ 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ބީއެމްއެލުން ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 30.5 މިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން 15.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ސަރުކާރުން 50 ޕަސެންޓު ދެއްކުމާ އެކު ބީއެމްއެލުން ވަނީ ބާކީ ދައްކަން ޖެހޭ 15.2 މިލިއަން ރުފިޔާ މައާފުކޮށްދީފަ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އާއި މޯލްޑިވްސް އެސޯސިއޭޝން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން ސުނާމީއާ ގުޅިގެން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ ތެރެއިން 9.49 މިލިއަން ރުފިޔާ މައާފުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ސުނާމީއާ ގުޅިގެން 144 ފަރާތަކަށް ދޫކުރި ލޯނު މިހާރު ވަނީ މައާފުވެފައި ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
ސުނާމީ ލޯނުތައް ހަލާސްކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި 38 ކުދިންނާއި 44 މީހުން މަރުވި އިރު 26 މީހަކު ވަނީ ގެއްލިފަ އެވެ. މި ހާދިސާގައި ރާއްޖޭގެ އެތައް ހާސް ބައެއްގެ ގެދޮރާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.