03 އެޕްރީލް 2019 - 11:32

މިލާން (އޭޕްރިލް 3) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އެ ކްލަބް ދޫކޮށްލަން ޖެހޭ ކަމަށާއި އޭނާ އަކީ ކްލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް އެ ކްލަބުގެ މައި ސަޕޯޓަރުންގެ ގްރޫޕުން ބުނެފި އެވެ.
ކޮންޓްރެކްޓް އާކުރުމުގައި އުފެދުނު މައްސަލަތަކަށް ފަހު އިންޓަ އިން ވަނީ އިކާޑީ އަތުން ކެޕްޓަން ބޭންޑް ނަގައިފަ އެވެ. އެއާ އެކު އޭނާ ވަނީ އަނިޔާގައި ކަމަށް ބުނެ ކުޅެން ދެކޮޅުހަދައިފަ އެވެ. އެންމެ ފަހުން އޮތް މެޗުގެ ސްކޮޑަށް ނެގި ނަމަވެސް އަނެއްކާ ވެސް މައްސަލަ ޖެހި ސްކޮޑުން ބޭރުކުރީ އެވެ. އެކަމަކު މިރޭ ޖެނޯއާ މެޗުގެ ސްކޮޑުގައި އޭނާ ވަނީ ހިމަނައިފަ އެވެ.
އިންޓަގެ އަލްޓްރަސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުގެ ކާވާ ނޯޑް ސަޕޯޓަރުންގެ ގްރޫޕްތަކުން ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމީ އިކާޑީގެ އަހުލާގު އިތުރަށް ތަހައްމަލުނުކުރަން ކަމަށެވެ. އަދި ކްލަބުގެ ކެޕްޓަންކަން ކުރުން އެއްކިބައިގައި އޮއްވާ، ޓީމުގެ ތެރޭގައި އެކުވެރިކަން ދެމެހެއްޓޭނެ ފަދަ އަހުލާގެއް އޭނާގެ ކިބައިގައި ނެތް ކަމަށް ބުނެފައިވެ އެވެ.
އަދި މި ނިންމުމާ އެކު، ސްކޮޑުން އޭނާ ބޭރުކުރުމަށް އިންޓަ އަށް ދައުވަތުދޭ ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ވުރެ ޓީމުގެ އަގު މާބޮޑު ކަމަށެވެ. އެއާ އެކު، މިހިސާބުން ފެށިގެން އިކާޑީ އަކީ އިންޓަގެ ކުޅުންތެރިޔެއްގެ ގޮތުގައި އެ ގްރޫޕުން ނުދެކޭނެ ކަމަށާއި އަދި އޭނާއާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިކާޑީގެ ބަޔޯގްރަފީގައި ސަޕޯޓަރުންނަށް ފާޑުކިޔާފައިވާތީ 2016 ވަނަ އަހަރު ވެސް އޭނާއާ ސަޕޯޓަރުންނާ މައްސަލަ ޖެހުނެވެ. އެފޮތުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ސަސުއޯލޯ އަތުން 3-1 އިން އިންޓަ ބަލިވި މެޗަށް ފަހު އޭނާ އިންޓަގެ ސަޕޯޓަރުންނަށް ޗެލެންޖް ކުރުމުން އިންޓަގެ ކުޅުންތެރިން އޭނާ އަށް ތައުރީފްކުރި ކަމަށެވެ. އެކަމާ ގުޅިގެން އިންޓަގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް ބެނާ ދެމި އެވެ. މެޗު ތެރެއިން އިންޓަ އަށް ލިބުނު ޕެނަލްޓީ އިކާޑީ ޖަހަން ދިއުމުން އިންޓަގެ ސަޕޯޓަރުން ނުރުހުޅުން ފާޅުކުރިއިރު އޭނާ އަތުން ޕެނަލްޓީ ބޭކާރުވުމުން ސަޕޯޓަރުން އުފާފާޅުކުރި އެވެ. އެ މައްސަލައިގައި އިކާޑީ އަތުން ކެޕްޓަން ބޭންޑް ނަގަން ކްލަބުން ވިސްނި އެވެ.
އިކާޑީގެ އަހުލާގަށް އެތައް ބަޔެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. އިކާޑީ ކައިވެނިކޮށްގެން އުޅޭ ވަންޑާ އަކީ އޭނާ އަށް އިޓަލީން އެންމެ ފުރަތަމަ މަރުހަބާ ކިޔައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން މެކްސީ ލޮޕޭޒްގެ ކުރީގެ އަންހެނުންނެވެ. އިކާޑީއާ އޭނާއާ ލޯބީގެ ގޮތުން ގުޅުނީ މެކްސީ ލޮޕޭޒްގެ ގޭގައި އެ އާއިލާއާ އެކު ދިރިއުޅެމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮންޓްރެކްޓް އާކުރުމުގެ މައްސަލައިގައި ކްލަބާ މައްސަލަ ޖެހުނު ސަބަބަކީ ވެސް ވަންޑާގެ ޑިމާންޑްތަކެވެ. އިކާޑީ އަށް ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިވަ އެވެ. ކޮންޓްރެކްޓް އާކުރަން ވަންޑާ ޑިމާންޑްކުރަނީ ބޮޑު މުސާރައެކެވެ.