ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް ގެންދަނީ
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް ގެންދަނީ

ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ ރޭ ފަތިހު މަރުވި އުމުރުން 55 އަހަރުގެ މީހާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަށް ގެންދަން ނިންމައިފި އެވެ.

ދޫނިދޫގައި ހުއްޓާ ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައިރު މަރުވެފައި ވަނީ ހ. ފިލިކުރިގެ މޫސާ ނައީމެވެ.

ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ފުލުހުންނާއި އާއިލާއާ މަޝްވަރާކުރުމަށް ފަހު މޫސަގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާ ބޭރަށް ގެންދިއުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ. އެކަމަކު، އޭނާ ގެންދާނެ ގައުމެއް އަދި ނުނިންމާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ ޖުލައި 9ގައި މޫސަ ހައްޔަރުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، އަށް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނި ގޮތުގައި މޫސަ ޑޮކްޓަރަށް ދައްކަން މިދިޔަ ބުދަ ދުވަހު ކޯޓުން ފުލުހުންނަށް އަމުރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ހާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު، މޫސަ ޑޮކްޓަރަށް ދައްކަން ޖެހުނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.