03 އެޕްރީލް 2019 - 11:43

އަލްޖިއާސް (އެޕްރީލް 3) - އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒްް ބޫތަފްލިގާއާ ދެކޮޅަށް އެ ގައުމުގައި ކުރި ވަރުގަދަ މުޒާހަރާތަކަށް ފަހު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 82 އަހަރުގެ ރައީސް އިސްތިއުފާ ދެއްވީ އޭނާ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފެށުމަށް ސިފައިންގެ ވެރިޔާ ގޮވާލެއްވިތާ މާގިނައިރެއް ނުވަނީހެވެ.

"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ފަހު ރައްޔިތުން އުއްމީދު ކުރާ ރަނގަޅު ކުރިމަގަށް އަލްޖީރިއާ ގެންގޮސް ދިނުން،" ދުސްތޫރީ ކައުންސިލަށް ފޮނުވި ސިޓީގައި ބޫތަފްލިގާ ވިދާޅުވި އެވެ. "މި ނިންމުން އަޅުގަނޑު ނިންމީ ގައުމު އިތުރު ހަމަނުޖެހުމަކަށް ވައްޓާނުލުމަށް."

ބޫތަފްލިގާގެ އިސްތިއުފާއާ އެކު ވެރިރަށް އަލްޖިއާސްގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ ރެއިން ފެށިގެން ދަނީ އުފާފާޅު ކުރަމުންނެވެ.
"މިއީ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް. ސިޔާސީ ހަނގުރާމައިން ރައްޔިތުން މިވަނީ ކާމިޔާބު ހޯދާފައި،" އުމުރުން 25 އަަހަރުގެ ކަމާލް ކިޔާ މީހަކު ބުންޏެވެ.
ބޫތަފްލިގާއާ ދެކޮޅަށް އަލްޖީރިއާގެ އެތައް ހާސް ބަޔަކު ނުކުތީ ފަސް ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލައްވާނެކަން ފެބްރުއަރީ މަހު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. ދެހާސް ތޭރަ ވަނަ އަހަރު ކުރިމަތިވި ސްޓްރޯކަކަށް ފަހު އާއްމުންގެ ތެރެއަށް ބޫތަފްލިގާ ނުކުމެ ނޫޅުއްވަ އެވެ. ބޫތަފްލިގާގެ ރިޔާސީ ދައުރު ނިމޭނީ މި މަހު 28 ގަ އެވެ.
މުޒާހަރާތައް މައިތިރިކުރުމުގެ ގޮތުން މާޗް 11 ވަނަ ދުވަހު ބޫތަފްލިގާ ވަނީ އިންތިޚާބަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ފަހު ވަނީ އިސްތިއުފާ ދެއްވާނީ އާ ގާނޫނު އަސާސީ ފާސް ކުރުމަށް ފަހު ވެރިކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ރައްޔިތުންގެ ރުޅިވެރިކަން އިންތިހާ އަށް މައްޗަށް ގޮސް މުޒާހަރާތައް ވަރުގަދަ ކުރި އެވެ. އަދި ބޫތަފްލިގާގެ ގާތް މީހުން ވެސް އޭނާއާ ދުރަށް ދާން ފެށި އެވެ.
ސިފައިންގެ ވެރިޔާ އަހުމަދު ގާއިދު ސަލާހު މިދިޔަ ހަފުތާގައި ވަނީ ވެރިކަން ކުރަން ބޫތަފްލިގާ ފިޓް ނޫން ކަމަށް އިއުލާން ކުރުމަށް ގޮވާލައްވައިފަ އެވެ. ދެން އެއްވެސް ގޮތެއް ނެތުމުން ބޫތަފްލިގާ ވަނީ ރިޔާސީ ދައުރު މި މަހު 28 ގައި ނިމުމުގެ ކުރިން އިސްތިއުފާ ދެއްވާނެކަން ހޯމަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އެކަމަކު ސިފައިންގެ ވެރިޔާ ވަނީ ބޫތަފްލިގާ އަށް ދެން އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައިފަ އެވެ.
ބޫތަފްލިގާ އިސްތިއުފާ ދެއްވުމުން، އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް، ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންފައި ވަނީ ޕާލަމެންޓުގެ އަޕާ ހައުސްގެ ރައީސް އެވެ.