ސައިނާ ނެހްވާލްގެ ފިލްމު އަހަންނަށް ވަރަށް ފިޓް: ޕަރިނީތީ ޗޯޕްޅާ
ސައިނާ ނެހްވާލްގެ ފިލްމު އަހަންނަށް ވަރަށް ފިޓް: ޕަރިނީތީ ޗޯޕްޅާ

ޝްރަދާ ކަޕޫރް އަތުން ނަގައި، ޕަރިނީތީ ޗޯޕްޅާ އަށް ދިން، އިންޑިއާގެ އަންހެން ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ފިލްމަކީ އޭނާ އަށް ވަރަށް ވެސް ފިޓް ފިލްމެއް ކަމަށާއި އެއަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ޕަރިނީތީ ބުނެފި އެވެ.

ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝްރަދާ ބެޑްމިންޓަންގެ ތަމްރީނުތަކެއް ވެސް ހަދާފައި ވަނިކޮށް އޭނާގެ އަތުން މިދިޔަ މަހު ފިލްމު ނެގީ، އެހެން ޕްރޮޖެކްޓްތަކެއްގައި މާ ބޮޑަށް ބިޒީވެ، ތާވަލުކުރި ގޮތަށް ޝްރަދާއާ އެކު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ނުބެލެވޭތީ ވާހަކަ ދައްކައި އެއްބަސްވުމަކަށް ދިއުމަށް ފަހު ކަމަށް އެ ފިލްމުގެ ޕްރޮޑިއުސްކުރާ ޓީ ސީޒީރުން ބުންޏެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ "ސައިނާ" އާ ބެހޭ ގޮތުން ޕަރިނީތީ މުމްބާއީ މިރާ އަށް ބުނީ މިހާރު ވަރަށް ބުރަކޮށް، ރޯލަށް ތައްޔާރުވާން ޓްރޭނިން ހަދަމުން އަންނަ ކަމަށެވެ.

"ވަރަށް ފަތިހު ފަތިހާ މީގެ ޓްރޭނިން ސެޝަންތައް އެބަ ކުރިއަށްދޭ. އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ސައިނާގެ ރޯލް ވީހާ ވެސް ފުރިހަމައަކަށް ކުޅެވޭތޯ. އަނެއްކާ މިއީ އަހަރެން ކުޅޭ ފުރަތަމަ ބައޮޕިކް ވެސް މެ،" މިދިޔަ މަހު ރިލީޒް ކުރި "ކޭސަރީ" ގެ ބަތަލާ ބުންޏެވެ. "އެ ރޯލަކީ ހަގީގަތުގައި އަހަންނަށް ވަރަށް ފިޓް ރޯލެއް. މީގެ ޓީމުން ވެސް އަންނަނީ ސައިނާގެ ގޮތުގައި އަހަރެން ދައްކާލަން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން."

ޕަރިނީތީ ބުނި ގޮތުގައި "ސައިނާ" ގެ ޝޫޓިން މި އަހަރު ނިމުމުގެ ކުރިން ނިންމައިލާނެ އެވެ. އެކަމަކު ފިލްމު ސްކްރީނަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

މި އަހަރު ދެން ޕަރިނީތީ ފެންނާނެ ފިލްމުތަކުގެ ތެރޭގައި ޖުލައި 12 ގައި ރިލީޒް ކުރާ "ޖަބަރިޔާ ޖޯޅީ" އާއި އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ސަންދީޕް އޯރް ޕިންކީ ފަރާރް" ހިމެނެ އެވެ.

އޭނާ ދާދި ފަހުން ވަނީ އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާއެއް ކަމަށްވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ އޮގަސްޓް 14 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.