ހަތަރު ތަށި ހޯދުމުގެ ވިސްނުން ދޫކޮށްލާ: ގާޑިއޯލާ
ހަތަރު ތަށި ހޯދުމުގެ ވިސްނުން ދޫކޮށްލާ: ގާޑިއޯލާ

މެންޗެސްޓާ (އޭޕްރީލް 3) - މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ ވިސްނުމުގައި ހުރެ ކުރިއަށް ހުރި މެޗުތަކަށް ނުކުތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެ ވިސްނުން ދޫކޮށްލުމަށް ފަހު އަބަދުވެސް ކުރިއަށް އޮތް މެޗަށް ސަމާލުވުމަށް މެންޗެސްޓާ ސިޓީ ކުޅުންތެރިންނަށް އަންގާފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ ވަނީ މި ފަހަރުގެ ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭއިރު، އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. އެކަމަކު އޭގެ ކުރިން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރަން ނުކުންނާނީ ކާޑިފް ސިޓިއާ ދެކޮޅަށެވެ.

މި ސީޒަނުގައި ހުރިހާ ތަށްޓެއް ހޯދުމަކީ ސިޓީގެ ކުޅުންތެރިންގެ އަމާޒެއް ކަމަށް ބުނެ އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ މީޑިއާ އަށް އިންޓަވިއުދީފަ އެވެ. އެކަމަކު ގާޑިއޯލާގެ ދެކޭގޮތް ތަފާތެވެ. އޭނާ ވަނީ ސިޓީގެ ކުޅުންތެރިންގެ އެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެން މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސިކުނޑީގައި ވަކި ކަންތައްތަކެއް ހަރުލެއްވުމަށް މަސައްކަތްކުރާ މީހެއް ނޫން. އެ މީހުން ހުވަފެން ދެކެން ބޭނުމިއްޔާ އެ ހައްގުދޭނަން. އެކަމަކު އަހަރެން ކުޅުންތެރިން ގާތުގައި ބުނެފައިވާނީ ހަތަރު ތަށީގެ ހިޔާލުތައް ދޫކޮށްލަން އަބަދުވެސް ކުރިއަށް އޮތް މެޗަށް ވިސްނަން އެ ގޮތަށް ބަލާއިރު މިހާރު އެންމެ މުހިއްމީ ކާޑިފް މެޗު،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

އިންގްލެންޑްގައި އޮތީ އެންމެ ވަރުގަދަ ލީގު ކަމަށާއި މި ލީގުގައި ވާދަކުރާ ޓީމަކަށް މިހާތަނަށް ހަތަރު ތަށީގެ ވާހަކަ ދެކެވިފައިނުވާއިރު، ސިޓީ އަށް ވެސް އަދި އެފަދަ ހައްގެއް ލިބިފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ގާޑިއޯލާ ބުންޏެވެ.

"ތާރީހީ ޓީމުތަކަށް ބަލަމާ. މިސާލަކަށް ލިވަޕޫލް. އެލެކްސް ފާގަސަންގެ މެންޗެސްޓާ ޔުނައިޓެޑް. މޮރީނިއޯގެ ޗެލްސީ. އާސެން ވެންގާގެ އާސެނަލް. މީގެން އެއްވެސް ކޯޗަކަށް އެކަމެއް (ހަތަރު ތަށި) ނުވި. އެގޮތަށް ބަލާއިރު އަހަރެމެންނަށް އަދި އެކަން ހާސިލްވުން އޮންނާނީ މާ ދުރުގައި. އެކަމަކު އެވެސް ނުވާނެ ކަމެކޭ ނުބުނާނަން،" ކުރިން ބާސެލޯނާއާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.

ކާޑިފާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް ކަންބޮޑުވުމަކީ އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސާޖިއޯ އަގުއޭރޯ އަށް މިރޭ ނުކުޅެވޭތީ އެވެ. މިރޭގެ މެޗުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް އަށް ފުރުސަތު ދޭން ނިންމާފައިވާއިރު، މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.