އަނުޝްކާ ޝަރުމާ ފިލްމެއް ނެތި، ހުސްއަތާ
އަނުޝްކާ ޝަރުމާ ފިލްމެއް ނެތި، ހުސްއަތާ

މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބަތަލާ އަނުޝްކާ ޝަރުމާ މި ވަގުތު ހުރީ ކުޅޭނެ އެއްވެސް ފިލްމެއް ނެތި ހުސްއަތާ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު އޭނާ އެއްވެސް އާ ފިލްމަކަށް ސޮއިނުކޮށްގެން އުޅެނޯީދަރިއަކު ހޯދަން ޕްލޭން ކުރާތީ އެވެ. މި ފަހުން އޭނާ ބަލިވެއިން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން 31 އަހަރުގެ ބަތަލާ ވަނީ އެކަން ދޮގުކޮށްފި އެވެ.

ކްރިކެޓް ތަރި ވިރާޓް ކޯލީއާ ކައިވެނިކޮށްގެން އުޅޭ އަނުޝްކާ މިދިޔަ އަހަރު ފެނުނު ފިލްމުތަކީ އޭނާ ޕްރޮޑިއުސްކޮށް، އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ބިރުވެރި ފިލްމު "ޕަރީ" އާއި އަހަރުގެ މެދުތެރޭގައި ރިލީޒް ކުރި ސަންޖޫގެ އިތުރުން އަހަރުގެ ފަހުކޮޅު ފެނިގެން ދިޔަ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.

މި ފިލްމުތަކުގެ ތެރެއިން "ސަންޖޫ" އާއި "ސުއީ ދާގާ" ރަނގަޅު ވިޔަފާރިއެއް ކުރި ނަމަވެސް، "ޒީރޯ" އާއި "ޕަރީ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމުތަކެއް ނޫނެވެ.

މި ވަގުތު ކުޅޭނެ އެއްވެސް ފިލްމެއް އަނުޝްކާ އަތުގައި ނެތް އިރު، އޭނާގެ އެއްވެސް ވާހަކައެއް ވެސް މި ދުވަސްކޮޅު މާ ބޮޑަކަށް ނީވެ އެވެ. އާ ފިލްމެއް ހުށަހެޅި ވާހަކަ އެއް އަދި ފިލްމަކަށް ސޮއިކުރި ވާހަކަތަކެއް ވެސް ނެތެވެ.

އަނެއްކޮޅުން އަމިއްލަ ޕްރޮޑަކްޝަން ހައުސް ކްލީން ސްލޭޓް ފިލްމްސް އިން ވެސް އާ ފިލްމެއްގެ ވާހަކައެއް ނުދައްކަ އެވެ. އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރުމާ ހިއްސާވާ ކުންފުނިން މިހާތަނަށް ވަނީ ތިން ފިލްމެއް ގެނެސް ދީފަ އެވެ. އެއީ "ޕަރީ" ގެ އިތުރުން ފިލޯރީ (2017) އާއި 2015 ގެ "އެންއެޗް 10" އެވެ. މި ތިން ފިލްމުގެ ބަތަލާއަކީ ވެސް އަނުޝްކާ އެވެ.

އާ ފިލްމެއް ކްލީން ސްލޭޓުން އިއުލާން ނުކުރި ނަމަވެސް ނެޓްފްލިކްސްއާ ގުޅިގެން "ބުލްބުލް" ކިޔާ ވެބް ސީރީޒެއް އަނުޝްކާ ހަދަން އުޅޭ ވާހަކަތަކެއް މިދިޔަ އަހަރުގެ ތެރޭގައި މީޑިއާތަކުގައި ދެކެވުނެވެ. އެކަމަކު އެއާ ބެހޭ ގޮތުން އޭނާ ރަސްމީކޮށް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާގެ އެއްވެސް ފިލްމެއް މި އަހަރަށް އަދި ނެތް އިރު، މިއީ ޔަގީނުން ވެސް އޭނާގެ ފޭނުން މާޔޫސް ވާނެ ކަމެކެވެ. މުޅި އަހަރު އަނުޝްކާ ސްކްރީނުން ނުފެނި ދުއްވައިލަން ޖެހުމަކީ ފޭނުން ބޭނުން ވާނެ ކަމެއް ވެސް ނޫނެވެ. އެހެންވެ އޭނާ ފިލްމަކަށް ސޮއި ކުރާނެ އިންތިޒާރުގައި އެތައް ބަޔަކު އެބަ ތިއްބެވެ.

ޝާހްރުކް ހާނާ އެކު 2008 ގައި ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް އަނުޝްކާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ރީތި ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "ބޭންޑް ބާޖާ ބާރާތު"، "ޖަބް ތަކް ހެ ޖާން" "ސުލްތާން"، "އޭ ދިލް ހޭ މުޝްކިލް" އަދި "ޕީކޭ" ހިމެނެ އެވެ.