ރީނދޫ ކުލައިން ނޫނީ މި މީހާ ހެދުމެއް ނާޅާ
ރީނދޫ ކުލައިން ނޫނީ މި މީހާ ހެދުމެއް ނާޅާ

މިއީ ސީރިއާގެ އާސާރީ ސަހަރު ހަލަބްގެ ބާޒާރުމަތިން ފެންނަ މީހެއް ކަމަށްވާ އަބޫ ޒައްކޫރެވެ. އުމުރުން 70 އަހަރުގެ މި މީހާ ބުނާ ގޮތުން އޭނާ ރީނދޫ ކުލައިން ނޫނީ ހެދުން ނާޅާތާ 36 އަހަރު ވެއްޖެ އެވެ.

"ޔެލޯ މޭން" ގެ ނަމުގައި މަޝްހޫރުވެފައިވާ އަބޫ ޒައްކޫބު ބުނީ އޭނާ ރީނދޫ ކުލައިން ހެދުން އަޅަން ފެށީ 1983 ގައި ކަމަށެވެ. މި މީހާ ހެދުން އަޅާފައި ހުންނައިރު މައްޗާއި ތިރިން ވެސް ލާފައި ހުންނަނީ ރީނދޫ ކުލައިންނެވެ. އޭނާ މިހާރު އުންމީދުކުރަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމަށެވެ.

"އަހަރެން ރީނދޫ ކުލައިން ހެދުން އަޅަން ފެށީ 1983 ވަނަ އަހަރު،" އަބޫ ޒައްކޫބު ބުންޏެވެ.

އޭނާ ބުނީ ރީނދޫ ކުލައިން ހެދުން އެޅުން ނޫނަސް އޭނާ ގެންގުޅޭ ހުރިހާ އެއްޗެއް ވެސް ހުންނަނީ ރީނދޫ ކުލައިން ކަމަށެވެ. އެގޮތުން، ފޯނާއި ބާލީހާއި އަތުގައި އަޅާ ގަޑި ވެސް ހުންނަނީ ރީނދޫ ކުލައިން ކަމަށް ބުންޏެވެ.

"އެ ކުލައިގެ އެ ހުންނަ އަޅައިގަންނަ ގޮތް އަހަންނަށް ކަމުދަނީ،" އަބޫ ޒައްކޫބު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަގުމަތިން ދިމާވާ ހަމަ ކޮންމެ މީހަކުހެން އޭނާއާ އެކު ފޮޓޯ ނަގަ އެވެ. އެހެންވެ ކިލޯ މީޓަރެއްހާ ތަނަށް ހިނގާލެވެނީ ހަތަރު ވަރަކަށް ގަޑިއިރުން ކަމަށް ބުންޏެވެ.

މި މީހާގެ ގޭގައި ހިއްކަން އަޅާފައި ހުރި އަންއުނަށް ބަލާއިރު އޭގައި ވެސް ރީނދޫ ކުލައިގެ އެއްޗެއް ނޫނީ ނެތެވެ. ގޭތެރެއިން ފެންނަ ފަރުނީޗަރު ވެސް ރީނދޫ ކުލަ އެވެ.

"އަހަރެން މަރުވަންދެން ވެސް ބޭނުންކުރަނީ ރީނދޫ ކުލައިގެ އެއްޗެހި."