ބައިޑަންއާ ދެކޮޅަށް އިތުރު އަންހެނަކު ތެދުވެއްޖެ
ބައިޑަންއާ ދެކޮޅަށް އިތުރު އަންހެނަކު ތެދުވެއްޖެ

ވޮޝިންޓަން (އެޕްރީލް 2) - އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އަށް ޖިންސީ ގޯނާގެ ތުހުމަތު އިތުރު އަންހެނަކު ކޮށްފި އެވެ.

ބައިޑަން އަށް ޖިންސީ ގޯނާގެ ތުހުމަތު އެންމެ ފުރަތަމަ ކޮށްފައި ވަނީ ނެވާޑާ އެސެމްބްލީގެ ކުރީގެ މެންބަރެއް ކަމަށްވާ ލޫސީ ފްލޯރެސް އެވެ. އޭނާ ވިދާޅުވެފައި ވަނީ ބައިޑަން ގޯނާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ކެމްޕޭން އިވެންޓެއްގައި ކަމަށެވެ.

ބައިޑަން ޖިންސީ ގޯނާ ކުރި ދެ ވަނަ އަންހެން މީހާ ބުނެފައި ވަނީ މީގެ 10 އަހަރު ކުރިން ބައިޑަން ވަނީ އޭނާގެ މޫނުގައި ދެ އަތުން އަތްލައި އަދި ނޭފަތުގައި އަތް ފިރުމާލައިފައިވާ ކަމަށެވެ. ބައިޑަންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 43 އަހަރުގެ އަންހެން މީހާ ބުނެފައި ވަނީ ނުރަނގަޅު ނިޔަތެއްގައި ބައިޑަން އޭނާއާ މެދު ކަންތައް ކޮށްފައި ވަނީ 2009 ވަނަ އަހަރު ކަނެކްޓިކަޓްގައި ބޭއްވި ފަންޑް ހޯދުމުގެ އިވެންޓެއްގައި ކަމަށެވެ. އެ އަންހެން މީހާ ވަނީ ރިޔާސީ ރޭހަށް ބައިޑަން ނުކުމެވަޑައިނުގަތުމަށް ގޮވާލައިފަ އެވެ.

ބައިޑަން އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވަން ތައްޔާރުވެފައި ވަނިކޮށެވެ.

ބައިޑަން ވިދާޅުވެފައި ވަނީ އޭނާގެ ހިތުގައި އޮތް ލޯބި ވޭތުވެދިޔަ އަހަރުތަކުގައި އެތައް ބަޔަކަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކާ މެދު އެކަށީގެންނުވާ ގޮތަކަށް ކަންތައް ކޮށްފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ސެނެޓުގައި ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ހޭދަކުރެއްވުމަށް ފަހު ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ނައިބް ރައީސް އަކަށް ހަތަރު އަހަރުގެ ދެ ދައުރު ހޭދަކުރެއްވި ބައިޑަން އަކީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާނެ ބޭފުޅުންގެ ތެރޭން އެންމެ ކުރީގައި އުޅުއްވާ ބޭފުޅާ އެވެ. އެކަމަކު ބައިޑަންގެ ކެންޑިޑެސީ އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ.