02 އެޕްރީލް 2019 - 16:38

ވޮޝިންޓަން (އެޕްރީލް 2) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ބަދަލުގައި އޭނާގެ ހަތަރު ކުދިންނަށް ސައުދީ އަރަބިއާ އިން "މިލިއަން ޑޮލަރުގެ ގެ" އާއި "ފަސް އަދަދުގެ ޕޭމަންޓެއް" ކޮންމެ މަހަކު ވެސް ދޭން ނިންމާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.
ޚާޝުގްޖީގެ އާއިލާއާ ގުޅުން އޮންނަ ފަރާތްތަކާ ހަވާލާދީ ޕޯސްޓުން ބުނެފައި ވަނީ ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތަށް ފަހު އިތުރު ފައިސާ ދޭން ނިންމާފައިވާ ކަމަށެވެ. އޮފިޝަލުންނާ ހަވާލާދީ ޕޯސްޓުން ބުނީ އަގު ބޮޑު ގޭތަކުގެ އިތުރުން ޚާޝުގްޖީގެ ކޮންމެ ކުއްޖަކަށް މަހަކު 10،000 ޑޮލަރު ދިނުމަށް ރަސްގެފާން ސަލްމާން އަންގަވާފައިވާ ކަމަށެވެ. އަދި އެއީ އަަނިޔާވެރި މަރުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ޒަމާނުއްސުރެ ސައުދީން ދެމުން އަންނަ އެހީގެ ދަށުން ދޭ ފައިސާ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައި ވަނީ ޚާޝުގްޖީގެ ކޮންމެ ކުއްޖަކަށް މިހާތަނަށް ވަނީ ޖިއްދާ އިން ހަތަރު މިލިއަން ޑޮލަރުގެ ގެއެއް ދީފަ އެވެ. އަދި އެ ގެތައް ދީފައި ވަނީ ޚާޝުގްޖީގެ ދޮރީ ދަރިފުޅު ސަލާހް ދިރިއުޅޭ ސަރަހައްދުން ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއް ތިން ކުދިން ދިރިއުޅެނީ އެމެރިކާގަ އެވެ. އަދި އެ ތިން ކުދންނަށް ޖިއްދާ އިން ލިބުނު ގެ ވިއްކާލަނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ސައުދީ ސަރުކާރަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔާ އޮކްޓޯބަރު 2 ވަނަ ދުވަހު މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގަ އެވެ. އޭނާ އަކީ ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެކެވެ.
ޚާޝުގްޖީގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ. ޚާޝުގްޖީގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންގެ ފަރާތުން ސައުދީ ސަރުކާރަށް ފާޑު ކިޔުމުގެ ގޮތުން ބަހެއް ނުބުނެ އެވެ.