މުނާޒް، އެޗްއާރުސީއެމަށް ހާޒިރުކޮށް ދެއްކީ ގުޅިގެން މަސައްކަތް ކުރާ ވާހަކަ
މުނާޒް، އެޗްއާރުސީއެމަށް ހާޒިރުކޮށް ދެއްކީ ގުޅިގެން މަސައްކަތް ކުރާ ވާހަކަ

ކޮމިޝަނާ އޮފް ޕްރިޒަންސް އަަބްދުﷲ މުނާޒު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އިއްޔެ ހާޒިރުކުރީ، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ މެދު ވާހަކަ ދައްކަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މުނާޒު އެޗްއާރުސީއެމަށް ހާޒިރުވާން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް، އެ ކޮމިޝަނަށް އޭނާ ހާޒިރުވުމުން، އެއްވެސް މައްސަލައަކާ ގުޅޭގޮތުން ސުވާލުކޮށްފައިނުވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުނާޒް އެޗްއާރުސީއެމަށް ވަޑައިގަތީ ގާނޫނީ ވަކީލަކާ ވެސް އެކުގަ އެވެ. އެކަމަކު، 40 ވަރަކަށް މިނެޓުގެ ބައްދަލުވުމުގައި، އެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅޭ ވާހަކައެއް ނުދައްކާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ހާޒިރުކޮށްފައި [އެޗްއާރުސީއެމުން] ވިދާޅުވީ ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާށޭ ބޭނުންވަނީ. މީޓިންއެއް ގޮތަށް ދިޔައީ،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އެޗްއާރުސީއެމް އޮތީ ހިމޭނުންނެވެ.

މުނާޒު އެޗްއާރުސީއެމަށް ހާޒިރުކޮށް، ގުޅިގެން މަސައްކަތްކުރާ ވާހަކަ ދެއްކިއިރު، އެ ކޮމިޝަނުން އަންނަނީ ޖަލުތަކާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ.