ކޮންޓްރޯލެއް ނެތި ޕާޓީތަކަށް ފައިސާ ލިބޭތީ އިލެކްޝަނުން ކަންބޮޑުވެއްޖެ
ކޮންޓްރޯލެއް ނެތި ޕާޓީތަކަށް ފައިސާ ލިބޭތީ އިލެކްޝަނުން ކަންބޮޑުވެއްޖެ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭންޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނުން ލަފާ ކުރެ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

ނަމަވެސް މެންބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހައި ހުރި ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްފައި ވާތީ މެންބަރުންގެ އަދަދު ކަނޑައެޅެން ނެތުމުން، ލިބޭނެ ފައިސާގެ އަދަދު އަދި ޔަގީނެއް ނޫނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި މި ފައިސާ ބަހާނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެހެންވެ މި އަހަރު ދައުލަތުގެ ބަޖެޓް 27 ބިލިއަނަށް އަރާއިރު ޕާޓީތަކަށް ފައިސާ ދޭނީ އެ އަދަދަށް ބަލައިގެންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅަން ޖެހޭ ފައިސާގެ އަދަދު މި އަހަރު 27 މިލިން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އަހަރުން އަހަރަށް މި ފައިސާ އިތުރުވާއިރު އެކަމަށް ވަކި ނިސްބަތެއް ކަނޑައެޅިފައި ނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ޕާޓީތަކަށް ދޭ ފައިސާގެ މިންވަރު، ވަކި އަދަދެއްގައި ހިފެހެއްޓުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ބަންޑާރަ ނައިބަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކުރަމު ވިދާޅުވި ގޮތުގައި ޕާޓީތަކަށް މިހާ ގިނަ ފައިސާ ދޭއިރު، އެ ފައިސާ ހަރަދުކުރާ ގޮތް މޮނީޓާކޮށް، އޮޑިޓް ކުރެވޭނެ ގޮތެއް ނެތެވެ. ޕާޓީތަކުން އަމިއްލައަށް ހަރަދުތައް ބެލެެހެއްޓި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކުން އެކަން ބެލޭނެ މެކޭނިޒެއް ހަމަޖެހިފައި ނެތުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި އޮންނަނީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ މާލީ ހިސާބުތައް ހުށަހެޅުމުން ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ގިނަ ފައިސާ. އަޅުގަނޑުމެންނަކަށް ނޭނގެ މި ފައިސާއަށް ކުރަނީ ކޮން ކަމެއްކަން. މިއީ ބެލެހެއްޓެން ޖެހޭނެ ކަންކަން،" އަކުރަމް ވިދާޅުވި އެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ފައިސާ ދޫކުރުމުގެ މުއްދަތު މި މަހު ކުރީކޮޅު ހަމަވެފައި ވިޔަސް އެއްވެސް ޕާޓީއަކަށް އަދި ފައިސާ ދުލެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވި ފަހުން އެމްޑީޕީން ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން އަދި ގޮތެއް ނުނިންމާތީ އާއި މެމްބަރުންގެ އަދަދު ކަށަަވަރު ނުވާތީ ފައިސާ އަދި ދޫކުރެވެން ނެތް ކަމަށް އެތަނުން ބުންޏެވެ.

"ކޯޓުން އަޅުގަނޑުމެންނަށް އަމުރުކޮށްފައި އޮތީ ފިންގަޕްރިންޓްގެ މައްސަލައިގައި ވަކި ގޮތެއް ކަނޑަނާޅަނީސް އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން. ފައިސާ މި ދޫކުރަނީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާފައި. އެހެންވެ، ޕާޓީގައި މީހުން ތިބި އަދަދު ކަށަވަރު ނުވާ ނަމަ ފައިސާއެއް ދުލެއް ނުކުރެވޭނެ،" އަކުރަމް ވިދާޅުވި އެވެ.