ގެއަކަށް ވައްދައި 80 އަހަރުގެ މީހެއްގެ އަތުން ފޭރިގެންފި
ގެއަކަށް ވައްދައި 80 އަހަރުގެ މީހެއްގެ އަތުން ފޭރިގެންފި

މާލޭގައި، އުމުރުން 80 އަހަރުގެ ފިރިހެނަކު، ގެއަކަށް ވައްދައި އެ މީހާގެ އަތުން ފައިސާ އާއި ފޯނެއް މިއަދު ފޭރިގެންފި އެވެ.

ބޭސްފަރުވާ އަކަށް މާލެ އައިސް ހުރި، އުމުރުން ދުވަސްވީ އެ މީހާ އަށް ކާފަ ކިޔާ މީހަކު "މިހާރު" އަށް ބުނީ، ގެ ކައިރީ ހުންނަ ފިހާރައަކަށް އެއްޗެއް ގަންނަން ބޭރަށް ނުކުތް ވަގުތު، ކާފަ އަތުން ފޭރިގަތީ ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ކަމަށެވެ.

ފިހާރަ އަށް ކާފަ ވަންއިރު، ކުޑަކުއްޖާ ގޮވައިގެން އަންހެން މީހާ ހުރީ އެ ފިހާރައިގެ ބޭރުގައި ކަމަށާއި ކާފަ ފަހަތުން ވަދެ، އަގުހެޔޮކޮށް އެއްޗެހި ވިއްކާ އެހެން ފިހާރަ އަކަށް ދިޔުމަށް އެ އަންހެން މީހާ ފުރަތަމަ އެދުނީ ކަމަށް ކާފަ ދަރިފުޅު ބުންޏެވެ.

"ކާފަ ފިހާރަ އަށް ވަދެ އެއްޗެހިތައް ހާވާން ފެށިތަނާ އެ މީހާ ފިހާރަ އަށް ވަދެ ބުނެފި ތި އެއްޗެހި މާ އަގުހެޔޮކޮށް އެހެން ފިހާރައެއްގައި ހުރި ކަމަށް. ތިމަންނަ ބޭބެ އެ ފިހާރަ އަށް ގެންގޮސްދޭނަމޭ ބުނީމާ ކާފަ އަންހެން މީހާއާ އެކީގައި ދިޔައީ،" އޭނާ ބުންޏެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އެ މީހާ ބުނި ގޮތުގައި، އެހެން ފިހާރަ އަކަށް ގެންދިޔަ މަގުމަތީގައި، އުސްކޮށް ހަދާފައި ހުރި ގެއަކަށް ވައްދައި، އެތަނުގެ މަތީ ބުރިއަކަށް އެރުމަށް އަންހެން މީހާ ކާފަ ކައިރިން އެދުނު ކަމަށެވެ. އެކަމަކު، ކާފަ ދެކޮޅު ހެދުމުން ފުރަގަހުން ކާފަގެ ގައިގައި ބައްދައިގަނެ، ޖީބުގައި އޮތް 300ރ. އާއި ފޯނު ފޭރިގަތީ ކަމަށް އޭނާ ބުންޏެވެ.

"ފައިސާ އާއި ފޯނު ފޭރިގަތުމަށް ފަހު ސިޑިދޮށަށް ކާފަ ކޮއްޕައި ވައްޓާލާފައި ދިޔައީ. ނަސީބު ރަނގަޅުކަމުން މާބޮޑު އަނިޔާއެއް ނުވޭ."

އުމުރުން ދުވަސްވީ މީހާ އަނބުރާ ގެ އަށް ގެންގޮސްދިނީ އެހެން މީހެކެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމާއި ވައްކަންތައް ވަނީ އާއްމުވެފަ އެވެ. އެކަމަކު މި ފަހުން ގިނައީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ފޭރުންތަކެވެ.