03 އެޕްރީލް 2019 - 07:19

ހެނދުނުގެ ނާސްތާ އަށް ސީރިއަލް އަށް ވުރެ ޕިއްޒާގެ ފައިދާ ބޮޑު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އެ ދިރާސާގައި ބުނި ގޮތުގައި ޕިއްޒާއަކީ ޕްރޮޓީީން ގިނަވެފައި، ހަކުރު އެކުލެވޭ މިންވަރު ދަށް އެއްޗެކެވެ. އެހެންވެ ހެނދުނުގެ ނާސްތާ އަށް ހަކުރު ގިނައިން ސީރިއަލްތަކަށް ވުރެ ޕިއްޒާ ފޮއްޗެއް މާ ރަނގަޅު ކަމަށް ބުންޏެވެ.
މި ދިރާސާ އަށް އިޝާރާތްކޮށް ނިއު ޔޯކްގެ ޑައިޓިޝަން ޗެލްސީ އެމާ ވިދާޅުވި ގޮތުގައި ބޯތައްޓެއްގައި ހުންނަހާ ސީރިއަލްއަކީ 18 ގްރާމްގެ ހަކުރާއި ޒީރޯ ހެލްތީ ފެޓްސް އެކުލެވޭ އެއްޗެކެވެ. އެއާ ހިލާފަށް ޕިއްޒާގައި މައިގަނޑު އެއްޗަކީ ޗީޒާއި ޓޮމާޓޯ އާއި ޔީސްޓާއި ފުށާއި އޮލިވް އޮއިލާއި ފެނާއި ލޮނު ފަދަ ބާވަތްތައް ކަމަށްވާތީ، އެއީ ސީރިއަލް ލިއްބައިދޭ ހަކުރު މަދުކުރާނެ އެއްޗެކެވެ.
ސީރިއަލްއަކީ އާންމުކޮށް ހަކުރާއި ކޯންފްލާ އިން ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ.
"ޕިއްޒާއަކީ ތާޒާ ފުށްގަނޑަކުން ފިހާ އެއްޗަކަށްވާތީ، ސީރިއަލް އަށް ވުރެ މީގެ ފައިދާ ބޮޑު. އެކަމަކު ސީރިއަލްތަކަކީ ގިނަ އަދަދަކަށް ޕްރިޒަވޭޓިވްސް އެކުލެވޭ އެއްޗެހި،" ނިއުޓްރިޝަނިސްޓެއް ކަމަށްވާ ރުޕާލީ ޑީން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ގޮތުގައި ހެނދުނުގެ ނާސްތާ އަށް ޕިއްޒާ އިހުތިޔާރުކުރާ ނަމަ އެންމެ ރަނގަޅީ ވީހާ ވެސް ގިނައިން ތަރުކާރީ ހިމަނައިގެން ޕިއްޒާ ހެދުމެވެ.