މިފަހަރު ބާތިލް ވޯޓް ގިނަވެދާނެ: އީސީ
މިފަހަރު ބާތިލް ވޯޓް ގިނަވެދާނެ: އީސީ

ވޯޓު ލާއިރު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް ސަމާލުކަން ނުދީފި ނަމަ ބާތިލް ވޯޓް ގިނަ ވުމުގެ ބިރު އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިފަހަރު ބާތިލް ވޯޓް ގިނަވެދާނެ: އީސީ
މިފަހަރު ބާތިލް ވޯޓް ގިނަވެދާނެ: އީސީ

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަަށް ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަޖެހުމާ ގުޅޭ ގޮތުން ދާދި ފަހުން ގާނޫނަށް ގެނައި އިސްލާހަށް އާންމުން ހޭލުންތެރިކުރަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

"ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ، އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް މީ. ރަނގަޅު ފާހަގަ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ކަރުދާހުގައި ނުޖެހުން. އެކަމަށް ސަމާލު ނުވެވިއްޖެ ނަމަ އާދަޔާ ހިލާފަށް ބާތިލް ވޯޓު ގިނަވުމުގެ ބިރު އެބަ އޮތް،" އަކްރަމް ވިދާޅުވި އެވެ.

ވޯޓުކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުޖެހޭ ގޮތަށް ބަދަލުކޮށް ގާނޫނަށް ގެނައ އިސްލާހު ތަސްދީގުކުރީ މަޖިލިސް އިންތިހާބަށް ވާން ޖެހޭ ތައްޔާރީތަކުގެ ބޮޑު ބައެއް ނިމުނު ފަހުންނެވެ. ނަމަވެސް އަކްރަމް ވިދާޅުވީ ލިބުނު ވަގުތުގެ ތެރޭގައި މީހުން ހޭލުންތެރިކުރެވުނު ވަރާ މެދު ކޮމިޝަނުން ހިތްހަމަޖެހޭ ކަމަށެވެ. ގާނޫނަށް ގެނައި އެ ބަދަލަށް ހޭލުންތެރިކުރަން ސިޔާސީ ޕާޓީތަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަދިވެސް މަސައްކަތް ކޮށްދޭން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިބުނު ވަގުތުގެ ތެރޭގައި ހޭލުންތެރި ކުރުވަން ކުރެވުނު މަސައްކަތާ މެދު އަޅުގަނޑުމެން ހިތްހަމަ ޖެހޭ. އެކަމަކު އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެއްޔާ ބާތިލް ވޯޓް ގިނަވެދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ. ޕާޓީތަކުން ވެސް އަދި އާއްމުން ވެސް އެބަޖެހޭ މިކަމަށް އިތުރަށް މަސައްކަތް ކޮށްދޭން،" އަކްރަމް ވިދާޅުވި އެވެ.

ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ފާހަގަތައް ކަރުދާހުގައި ޖެހުން ހުއްޓުވަން، ގާނޫނަށް ބަދަލެއް ގެނައުމަކީ އީސީން ކުރިއްސުރެ އެދެމުން އައި ކަމެކެވެ. އެ ބަދަލު ގެންނަން ގާނޫނަށް ފުރަތަމަ އިސްލާހު ހުށަހެޅީ ވެސް ކޮމިޝަނުންނެވެ. ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަނެ، މިހާރު ފާސްކޮށްފައި އޮތް ގޮތާ މެދު ކޮމިޝަނުން ހިތްހަމަ އެއް ނުޖެ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް މީ. ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ފާހަގަތައް ޖެހުން ހުއްޓުވުން. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ މި އިސްލާހު އައިލެއް ލަސްކަން. އަނެއްކާ އަޅުގަނޑުމެން ހުށަހެޅި ގޮތަކަށް ވެސް ނޫން ބަދަލުވެފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިންތިހާބު ނިމުމާ އެކު އެ ގާނޫނަށް އީސީން އަލުން އިސްލާހު ހުށަހަޅާނެ ކަމަށެވެ.