02 އެޕްރީލް 2019 - 10:25

ބެޑްމިންޓަންގެ ބައިނަލްއަގްވާމީ ތިން މުބާރާތެއް މި އަހަރު ރާއްޖޭގައި ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ބައިނަލްއަގްވާމީ މުބާރާތް ނުބޭއްވުނީ ބެޑްމިންޓަން ކޯޓުގެ ބައެއް ކަންތައްތައް ފުރިހަމަ ނުވެ ހުރުމުންނެވެ. އެކަމަކު އެކަންކަން މި އަހަރު ރަނގަޅުކުރެވޭނެ ކަމަށް އެެސޯސިއޭޝަނުން ބުނެ އެވެ.
މި އަހަރު ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ތާވަލުކުރި މުބާރާތްތަކަކީ ސެޕްޓެމްބަރު 17 އިން 22 އަށް ތާވަލުކޮށްފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި ސެޕްޓެމްބަރު 24 އިން 29 އަށް ބާއްވަން ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް އަދި އޮކްޓޫބަރު 1 އިން 7 އަށް ބާއްވާ ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ.
މީގެ ތެރެއިން ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އައްޑޫގަ އެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުންކޮށް މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރުމުގެ ވިސްނުމުގަ އެވެ. މިދިޔަ ދެ އަހަރުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. މަރާމާތަށް ފަހު އެކުވެނި ބެޑްމިންޓަން ކޯޓު އަލުން ބޭނުންކުރި ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ހައްލެއް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ސަރުކާރާ އެކު މަޝްވަރާކުރަމުންނެވެ.
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެ މެޑަލް ހާސިލްކޮށްފަ އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ. މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑެއްޔެއް ހޯދަން ޓާގެޓްކޮށްގެން ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ 10 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު ވެސް ބެޑްމިންޓަނުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ޑިވެލޮޕްމަންޓަށެވެ. އެ ގޮތުން ޔޫތު ޑިވެލޮޕްމަންޓާއި ޓެކްނިކަލް ޑިވެލޮޕްމަންޓް އަދި ރޫރަލް ޑިވެލޮޕްމަންޓަށް 2.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 1.3 މިލިއަން ރުފިޔާ އެވެ. އިތުރަށް ހޯދަން ޖެހޭ ފައިސާގެ ގޮތުގައި ވަނީ 8.8 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
މި އަހަރު ބާއްވަން ތާވަލުކޮށްފައިވާ ފުރަތަމަ ބެޑްމިންޓަން މުބާރާތަކީ މި މަހު 8 އިން 12 އަށް ބާއްވާ ތިން ވަނަ ވެޓެރަންސް މާސްޓާސް ކަޕް އެވެ. އޭގެ ފަހުން މި މަހު 19 އިން 30 އަށް އޮންނާނީ ބީއޭއެމް ޗެމްޕިއަންޝިޕް (ޓީމް އިވެންޓް) އެވެ. އޭގެ ފަހުން މެއި މަހު ތެރޭގައި ރޯދަ މަހުގެ ބެޑްމިންޓަން މުބާރާތް އޮންނާނެ އެވެ. އިންޓަ ސްކޫލް ޖޫން 21-30 އަށް ތާވަލުކޮށްފައިވާއިރު އެންމެ ފޯރިގަދަކޮށް ކުރިއަށްދާ ގައުމީ މުބާރާތާއި އަތޮޅު ލީގު އޮންނާނީ އަހަރު ފަހުކޮޅުގަ އެވެ. ގައުމީ މުބާރާތް އޮންނާނީ އޮކްޓޫބަރު 21 އިން 30 އަށެވެ. އަދި އަތޮޅު ލީގު އޮންނާނީ ނޮވެމްބަރު މަހު 21 އިން 30 އަށެވެ.