ކަންގަނާ ކުޅޭ "ޕަންގާ" އަކީ ތަފާތު ފިލްމަކަށް ވާނެ: އަޝްވިނީ އައްޔަރު ތިވާރޫ
ކަންގަނާ ކުޅޭ "ޕަންގާ" އަކީ ތަފާތު ފިލްމަކަށް ވާނެ: އަޝްވިނީ އައްޔަރު ތިވާރޫ

ކަންގަނާ ރަނާވަތު ކަބައްޑީ ކުޅުންތެރިއެއްގެ ރޯލު ކުޅޭ ފިލްމު "ޕަންގާ" އަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށާއި މިއީ މިހާތަނަށް ހަދާ އެންމެ ޗެލެންޖިން ފިލްމު ކަމަށް ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ބުނެފި އެވެ.

ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ މި ފިލްމަކީ މީގެ ކުރިން ހެދި ފިލްމުތަކަށް ކުރަން ޖެހުނު މަސައްކަތުގެ ދެ ގުނަ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކުރިން ގެނެސް ދިން ފިލްމުތަކާ މި ފިލްމު ވަރަށް ބޮޑަށް ވެސް ތަފާތު ވާނެ. ސްކްރިޕްޓަށް ވެސް ފުދޭ ވަރަކަށް ވަގުތު ނެގި ފިލްމެއް މިއީ. އަނެއްކާ ޝޫޓިން އަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން
ޖެހޭ ޗެލެންޖިން ބޮޑު ފިލްމެއް ޕަންގާއަކީ،" 2017 ގައި "ބެރިލީ ކީ ބަރްފީ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އެކަމަކު މިއީ އަހަރެން ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް. ވަރަށް ގިނަ އެއްޗެހި މީގެ ތެރެއިން މިހާތަނަށް އަލަށް ދަސްވެސްވެއްޖެ."

ދެހާސް ސޯޅައިގައި ބޮކްސް އޮފީހުގައި އާ ރިކޯޑްތަކެއް ހެދި އާމިރު ހާންގެ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން ބުނި ގޮތުގައި "ޕަންގާ" އަކީ ވަރަށް ލޯބި، ވަރަށް އަސަރު ގަދަ އަދި ވަރަށް ގިނަ ބަޔަކާ ގުޅޭ ވާހަކައެއް ކިޔައިދޭ ފިލްމަކަށް ވާނެ އެވެ. އަޝްވިނީ މި ފިލްމު ސިފަކޮށްފައި ވަނީ ދިމާވާ ހުރިހާ އުފަލަކާއި ހިތާމައެއް އެކީގައި ހިއްސާކުރާ އާއިލާއެއްގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ ގޮތުގަ އެވެ.

ކަންގަނާއާ އެކު ފިލްމު ފެންނާނެ ކާސްޓުންގެ ތެރޭގައި ރިޗާ ޗައްޑާ، ޖައްސީ ގިލް، ނީނާ ގުޕްތާ އަދި ޕަންކަޖް ތުރިޕަތީ އެވެ.

އަޝްވިނީ ބުނި ގޮތުގައި އޭނާގެ އެހެން ފިލްމުތަކާ ވެސް އެއްގޮތަށް "ޕަންގާ" އަކީ ރަށްފުށަށް ބިނާކޮށް ހަދާ ރަސްޓިކް ފިލްމެކެވެ.

"މި ފިލްމު އަހަރެންގެ އެހެން ފިލްމުތަކަށް ވުރެ ދިގު ވެސް ވާނެ،" ނިލް ބައްޓޭ ސައްނާޓާ ވެސް ގެނެސް ދިން ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯއާ ގުޅިގެން ހަދާ "ޕަންގާ" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 24، 2020 ގަ އެވެ.