02 އެޕްރީލް 2019 - 10:44

މެންޗެސްޓާ (އޭޕްރީލް 2) - އޭނާގެ ލަފަޔާ އެކު މެންޗެސްޓާ ޔުނައިޓެޑުން ސްޕޯޓިން/ޓެކްނިކަލް ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޔުނައިޓެޑާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ސޯލްޝެއާ އަންނަނީ އެ ޓީމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން ޓީމުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ އެކު މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި ވަގުތު ކުރަނީ ޓެކްނިކަލް ޑިރެކްޓަރެއް ހޯދުން ކަމަށް ވަނީ ބުނެފަ އެވެ.
"ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ. ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. ކޮންމެ މީހަކާ ވަކި ޒިންމާއެއް ހަވާލުކޮށްފައި އޮންނަނީ. އެއީ ކޮންމެ ޒިންމާއެއްގެ ވެސް ވަރަށް ބައިވަރު ރޯލުތަކެއް އޮވޭ އަދާކުރަން. އަހަރެމެން ވެސް އެ މިސްރާބުގައި މަސައްކަތްކުރަންވެއްޖެ،" ލީގުގައި މިރޭ ރަށުންބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑުން ޓެކްނިކަލް ޑިރެކްޓަރަކަށް ގެންނަން މަސައްކަތްކުރަމުން އަންނަ ކެންޑިޑޭޓުންގެ ތެރޭގައި ސައުތެމްޓަނާއި ޓޮޓެންހަމްގައި ކުރިން މަސައްކަތްކުރި ޕައުލް މިޗެލް، އެތުލެޓިކޯ މެޑްރިޑުގެ ސްޕޯޓިން ޑިރެކްޓަރު އަންދްރޭ ބާޓާ އަދި ޔުނައިޓެޑަށް ކުރިން ކުޅުނު ގޯލްކީޕަރު އެޑްވިން ވަން ޑަ ސާ ހިމެނެ އެވެ.
ސޯލްޝެއާ ބުނީ އާ ޑިރެކްޓަރެއް ގެންނާނީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހު ކަމަށެވެ.
"މީގެ 100 އަހަރު ކުރިން ކްލަބްތަކުގެ ސެކެޓްޓަރީންގެ ގޮތުގައި މަސައްކަތްކުރީ ކޯޗުން. އެކަމަކު މިހާރު މި އޮތީ އެ ހުރިހާ ކަމެއް ވަރަށް ބޮޑަށް ބަދަލުވެފައި. އަހަރެންގެ އެދުރަކީ ފާގަސަން. އެކަމަކު އޭނަ ޒިންމާ ނެގި ގޮތަށް މިހާރު އަހަންނަކަށެއް ވެސް އެކަމެއް ނުވާނެ. ފުޓްބޯޅަ ބަދަލުވެއްޖެ،" ސޯލްޝެއާ ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ އަށް ވެސް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ޓީމުގެ ޓްރާންސްފާ ކަންތައްތައް ވައިސް ޗެއާމަން އެޑް ވުޑްވާޑް ބަލަހައްޓާތީ އޭނާއާ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. ދާދި ފަހުން ބީން ސްޕޯޓްސްގައި ވާހަކަ ދައްކަމުން ޔުނައިޓެޑަށް އިޝާރާތްކޮށް މޮރީނިއޯ ބުނީ ގިނަ ޒިންމާއެއް އެކެއްގެ ބޮލުގައި އޮތުމަކީ ކްލަބް ރަނގަޅު މިސްރާބަކަށް ނުދާކަމުގެ އެއް ސަބަބު ކަމަށެވެ. އޭނާ އެ އިޝާރާތްކުރީ ޔުނައިޓެޑުގައި ޓެކްނިކަލް ޑިރެކްޓަރެއްގެ ނެތުމުން އެކަމަށެވެ.
މި ސީޒަނަށް ފަހު ޕައުލް ޕޮގްބާ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ. ޕޮގްބާ ޔުނައިޓެޑްގައި ހުރީ އުފަލުން ކަމަށާއި އެ ޓީމު ބައްޓަން ކުރާނީ ޕޮގްބާ ހިމެނޭގޮތަށް ހުރިހާ މުބާރާތަކަށް ވެސް ވާދަކުރެވޭ ޓީމެއް ގޮތަށް ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނައިގައި އޮތް ޔުނައިޓެޑް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މިރޭ ރަށުންބޭރުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. ޔުނައިޓެޑް މި ފަހަރުގެ އެފްއޭ ކަޕުން ކެޓީ ވުލްވްސް އަތުން ބަލިވުމުންނެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.