02 އެޕްރީލް 2019 - 06:34

އިނގިރޭސި ވިލާތުގައި ބްރޯޑްބޭންޑް އިންޓަނެޓާއި ލޭންޑް ލައިން ފޯނުގެ ހިދުމަތް ދޭ ފަސް ކުންފުންޏަކު، އެ ކުންފުނީގެ ހިދުމަތް މެދުކެނޑޭ ވަގުތަށް ކަސްޓަމަރުންނަށް ވަގުތުން ބަދަލުދޭން ފަށައިފި އެވެ.
މި ކުންފުނިތަކުން، ހޯމަ ދުވަހުން ފެށިގެން ވަނީ މައްސަލަތައް ހައްލުކޮށްދިނުން ލަސްވުމާއި ހިދުމަތް ގުޅައިދިނުން ލަސްވުން އަދި އިންޖިނިއަރަކު ކަސްޓަމަރަކަށް އެޓެންޑްވާން ޖެހޭ ގަޑިއަށް އެކަން ނުވެއްޖެ ނަމަ ކަސްޓަމަރު އެ މައްސަލައެއް ހުށަނޭޅި ނަމަވެސް ބަދަލު ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ.
ބީޓީ، ސްކައި، ޓޯކްޓޯކް، ވާޖިން މީޑިއާ އަދި ޒެން އިންޓަނެޓުން ވަނީ އިނގިރޭސި ވިލާތުގެ މުއާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އޮފްކޮމް އިން ފެށި، ވަގުތުން ބަދަލުދޭ ސްކީމުގައި ބައިވެރިވެފަ އެވެ. އެކަމަކު މިއީ ބައިވެރިވުން ލާޒިމް ސްކީމެއް ނޫނެވެ.
އޮފްކޮމް އިން ބުނާ ގޮތުގައި ލޭންޑް ލައިނާއި ބްރޯޑްބޭންޑްގެ މައްސަލަތައް ޖެހި މައްސަލަ ހައްލުކުރުން ލަސްވުން ފަދަ 7.2 މިލިއަން ކޭސް ކޮންމެ އަހަރަކު ވެސް ރިޕޯޓްކުރެ އެވެ. އެކަމަކު ކުރިން އޮންނަ ގޮތުން ނަމަ މީގެ ތެރެއިން ބަދަލު ލިބެނީ ކޮންމެ ހަތް ކަސްޓަމަރެއްގެ ތެރެއިން އެކަކަށް ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
އޮފްކޮމް އިން މި މައްސަލާގައި 2017 ވަނަ އަހަރު ވަނީ ގަވައިދެއް ހަދައި އެއަށް އަމަލުކުރަން އަންގާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ގަވައިދު ހެދުމާ އެކު، ބައެއް ކުންފުނިތަކުން އަމިއްލަ އަށް އިސްނަގައި، ކަސްޓަމަރުންނަށް ބަދަލު ދޭން ފަށާނެ ކަމަށް ބުންޏެވެ.
"ހިދުމަތް ހޯދާ މީހާ އެކަމަށް އެދި ފޯނުކޮށްގެން އެކަން ނުވެ ތިބެން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޮފްކޮމްގެ ޗީފް އެގްޒެކަޓިވް ޝެރޮން ވައިޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރު ހިދުމަތް ހޯދަން ފައިސާ ދެއްކުމަށް ފަހު، ހިދުމަތް ދޭ ކުންފުނިން ބުނާ ގޮތަށް އެކަން ނުކޮށްދެވިއްޖެ ނަމަ، ކަސްޓަމަރުގެ ފައިސާ އަނބުރާ ލިބެން ޖެހޭނެ ކަމަށެވެ.
ކަސްޓަމަރަށް ހިދުމަތް ނުލިބިގެން ޝަކުވާ ނުކުރި ކަމުގައި ވިޔަސް ބަދަލު ދޭން ފެށި ކުންފުނިތަކުން ވަނީ އެކި ހިދުމަތްތަކުގައި ބަދަލު ލިބޭނެ މިންގަނޑުތަކެއް ކަނޑައަޅައިފަ އެވެ.