އިކާޑީ އަކީ މެސީ ނުވަތަ ރޮނާލްޑޯ އެއް ނޫން: ސްޕެލެއްޓީ
އިކާޑީ އަކީ މެސީ ނުވަތަ ރޮނާލްޑޯ އެއް ނޫން: ސްޕެލެއްޓީ

މިލާން (އޭޕްރީލް 2) - އިންޓަ މިލާނާ މައްސަލަތަކެއް ޖެހި ޓީމާ ދުރުގައި މި ވަގުތު ހުރި އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އަކީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް ނޫން ކަމަށް އިންޓަގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނެފި އެވެ.

ފެބްރުއަރީ މަހު 13 ވަނަ ދުވަހު މައުރޯ އިކާޑީ އަތުން އިންޓަގެ ކެޕްޓަންކަން ނެގުމުން އޭނާ ވަނީ ޓީމަށް ކުޅެން ދެކޮޅު ހަދައިފަ އެވެ. އިންޓަ ކެޕްޓަނަކަށް ހަމަޖެއްސީ އެ ޓީމުގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗް އެވެ. އޭރު ސްޕެލެއްޓީ ބުނީ އިކާޑީ އަތުން ބޭންޑް ނެގީ އޭނާގެ ވަށައިގެން ހިނގަމުން އަންނަ ކަންތައްތަކުގެ ސަބަބުން އޭނާ އާއި ޓީމަށް ވެސް އުނދަގޫވަމުން އަންނާތީ އެވެ. އެ އިޝާރާތްކުރީ އާ ކޮންޓްރެކްޓަކާ މެދު ދެ ފަރާތުން އެއްގަލަކަށް ނޭރި އުފެދިފައިވާ މައްސަލަތަކަށެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ހުއްޓިފައިވާއިރު އެކަމުގެ އިނގިލި ދިއްކުރެވުނީ އޭނާގެ އަންހެނުން އަދި އޭޖެންޓް ވަންޑާ ނާރާ އަށެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު ބުނީ އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށެވެ.

އިކާޑީ އަތުން ބޭންޑް ނެގި މައްސަލައިގައި ވަންޑަ ނާރާ ވަނީ ވަރަށް ބޮޑަށް އިންޓަގެ މެނޭޖްމަންޓަށް ފާޑުކިޔައިފަ އެވެ. އެކަމަށް ހައްލެއް ހޯދުމަށް މިހާތަނަށް އިންޓައިން ކުރި މަސައްކަތަށް ހައްލެއް ނުލިބެ އެވެ. އިކާޑީގެ ދައްތަ ވަނީ މައްސަލަ އުފައްދަނީ ވަންޑާ ކަމަށް ދޭހަވާ ޓްވީޓެއްކޮށްފަ އެވެ. އެގޮތުން އޭނާގެ ފަހަތުގައި، އޭނާއާ މެދު ވިސްނާ، ސީރިއަސް މީހަކު ހުރި ނަމަ މިހެން ކަންތައްތައްނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ވާދަވެރި ލާޒިއޯ އަތުން 1-0 އިން އިންޓަ ބަލިވި މެޗަށް ފަހު މީޑިއާގައި ވާހަކަ ދެކެވުނީ އިކާޑީ ހުރިނަމަ އިންޓަ އަތުން ލާޒިއޯ އަށް މޮޅުނުވެވޭނެ ކަމަށް ބުނެ އެވެ. އެ ވާހަކަތަކަށް ސްޕެލެއްޓީ ވަނީ ހޫނު ރައްދެއް ދީފަ އެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ވަޒީފާ އަކީ ކޮބައިކަން. އިކާޑީގެ އަމަލުތައް ހުރީ ޕްރޮފެޝަނަލްކޮށެއް ނޫން. އެ ފަދަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ރަނގަޅު ގޮތެއް ނޫން. ޖާގަ ހައްގުވާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭނީ. އަހަރެންގެ 22 އަހަރުގެ ކޯޗިން ކެރިއަރުގައި ކުޅުންތެރިންގެ ކުރިމަތީގައި އަހަރެންގެ އަގު ހިފެހެއްޓުނީ ޕްރޮފެޝަނަލްވީމަ. އިކާޑީ އެހެނެއް ނުވި،" ރުޅިގަދަވެފައި ހުރެ ސްޕެލެއްޓީ ބުންޏެވެ.

"މީހުން ބުނޭ އަހަރެމެން ބަލިވަނީ އިކާޑީ ނެތީމައޭ. އެކަމަކު އިކާޑީ އަކީ މެސީ ނުވަތަ ރޮނާލްޑޯއެއް ނޫން. އިކާޑީ ހުއްޓާ އިންޓަ ޗެމްޕިއަންސް ލީގު ނުކުޅެވެސް އަހަރުތަކެއް ހޭދަކުރި."

ސްޕެލެއްޓީ ބުނީ ކިތަންމެ ހުނަރުވެރި ކުޅުންތެރިޔެއް ނަމަވެސް އެންމެ މުހިއްމު ކަމަކީ ޕްރޮފެޝަނަލްވުމާއި އަހުލާގު ހިފެހެއްޓުން ކަމަށާއި އެ ނެތިއްޖެނަމަ ކުޅުންތެރިއަކަށް ވާނެ ކަމެއް ނެތް ކަމަށެވެ. އަދި އިކާޑީ އާއި އިންޓައާ ދެމެދު އޮތް މައްސަލަ ހައްލުކުރެވޭނީ ވަކި މީހަކު ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަކުން ނޫން ކަމަށާއި އެކަން އެ އަށް ވުރެން ރަނގަޅަށް ކުރެވެންޖެހޭނެ ކަމަށް ބުންޏެވެ.

އިންޓަ އަށް ކުރިން ކުޅުނު އާޖެންޓީނާގެ ކުރީގެ ފޯވާޑް ގަބްރިއެލް ބަޓިސްޓޫޓާ ވެސް ވަނީ އިކާޑީ އަށް ފާޑުކިޔައިފަ އެވެ. ޓީމު ތެރޭގައި ޖެހޭ މައްސަލަތައް ސޯޝަލް މީޑިއާގައި މަޝްވަރާކޮށް އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ގެންދިއުމަކީ ކުޅުންތެރިއަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވެސް ބުންޏެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވި އިކާޑީ އިންޓައާ 2013 ވަނަ އަހަރު ގުޅުނީ ސަމްޕްޑޯރިއާ އަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ ޓީމަށް 208 މެޗުން 122 ގޯލް ޖަހައިފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި 29 ގޯލް ޖެހި ފޯވާޑަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ.